Roadha Mihaaru
ރުބެއްލާ ނައްތައިލުމުން ޑަބްލިއުއެޗްއޯއިން ތައުރީފްކޮށްފި

ރުބެއްލާ ނައްތާލުމުން ޑަބްލިއުއެޗްއޯއިން ތައުރީފްކޮށް ސެޓްފިކެޓެއް

10 ސެޕްޓެމްބަރ 2020

ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ހިމަބިއްސާއި ރުބެއްލާ ނައްތައިލަން ކަނޑައެޅި މުއްތަދުގެ ތިން އަހަރު ކުރިން ރާއްޖެއިން ރުބެއްލާ ނައްތައިލުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ރާއްްޖެއަށް ތައުރީފުކޮށް ސެޓްފިކެޓެއް މިއަދު ދީފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ހިމަބިއްސާއި ރުބެއްލާ ނައްތައިލަން ކަނޑައެޅި މުއްތަދުގެ ތިން އަހަރު ކުރިން ރާއްޖެއިން ރުބެއްލާ ނައްތައިލުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ރާއްްޖެއަށް ތައުރީފުކޮށް ސެޓްފިކެޓެއް މިއަދު ދީފި އެވެ.

ރާއްޖެއިން ރުބެއްްލާ ނައްތައިލެވިފައިވާކަމަށް ޑަބްލިއުއެޗްއޯގެ ރީޖަނަލް ވެރިފިކޭޝަން ކޮމިޓީން ނިންމީ މިދިޔަމަހު އެވެ. އެ ބަލި ނައްތައިލެވިފައިވާކަން އޭރު އިއުލާންކޮށް، ރާއްޖޭގެ ކާމިޔާބީ ފާހަގަކޮށް މިއަދު ދިން ލިއުމުގައި ބުނީ އެ ކާމިޔާބީ ހާސިލުކުރެވުނީ ސަރުކާރުގެ ވަރުގަދަ ލީޑަޝިޕާއި މަސައްކަތުން ކަމަށެވެ. އަދި އެއީ ރާއްޖޭން ޑަބްލިއުއެޗްއޯ އާއި އެ ޖަމާއަތުގެ ބައިވެރިންނާ އެކު ދެމެހެއްޓެނިވި ގޮތެއްގައި ބޭއްވި އެއްބާރުލުމާއި ރާއްޖޭގެ ސިއްހީ ޚިދުމަތްތެރިންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތާ އެކު ހާސިލުވި ކާމިޔާބީއެއް ކަމަށް ވެސް ބުންޏެވެ.

"ދިވެހި ސަރުކާރުގެ އަދި ވަކިން ހާއްސަކޮށް ހެލްތު މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ މި ކާމީޔާބީ ޑަބްލިއުއެޗްއޯން ބަލައިގަންނަނީ ވަރަށް އިހުތިރާމަކާ އެކުގަ އެވެ. އަދި އާއްމު ސިއްހަތުގެ ދާއިރާއިން ހޯދި ފާހަގަކޮށްލެވޭ މި ކާމިޔާބީއަށްޓަކައި ރާއްޖެއަށް މަރުހަބާ ކިޔަމަވެ،" ޑަބްލިއުއެޗްއޯއިން ދިން ލިއުމުގައިވެ އެވެ.

ރާއްޖެ އިން ރުބެއްލާ ނައްތައިލަން ކުރި މަސައްކަތްތަކުގެ ތެރޭގައި އެ ބަލިން ދިފާއުވާން ދޭ ވެކްސިން 2007 ވަނަ އަހަރުން ފެށިގެން ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުމާއި އެކަމުގައި ޒުވާނުންނަށް އިސްކަން ދިނުމަކީ ޑަބްލިއުއެޗްއޯއިން ބުނި ގޮތުގައި ބަލި ނައްތައިލެވުނު އެއް ސަބަބެވެ. ގިނަ ގޮންޖެހުންތަކަކާއި އެކުގައި ވެސް އެ ބަލީގެ ވެކްސިން ދިނުމުގެ ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމާއި ލެބޯޓްރީ ޓެސްޓްތަކުގެ ޒަރިއްޔާއިން ކުރިއަށް ގެންދިޔަ ސަވައިލެންސް މަސަައްކަތްތަކަކީ ވެސް ސަބަބެއް ކަމަށް ޑަބްލިއުއެޗްއޯ އިން ބުންޏެވެ.

ރުބެއްލާއަކީ ވައިގެ ތެރެއިން ފެތުރޭ ބައްޔެކެވެ. ބަލި ޖެހޭ މީހުންގެ 50 ޕަސެންޓު މީހުންނަށް، އެ ބަލި ޖެހިފައިވާ ކަން ވެސް ގިނަ ފަހަރު ނޭނގެ އެވެ. އެ ބަލީގެ ސަބަބުން ހަށިގަނޑުގެ އެކި ހިސާބުތަކުގައި ބިހި ނަގައި ރަތްވާނެ އެވެ. ނަމަވެސް އެ އަލާމާތްތައް އާންމުކޮށް ފެެންނާނީ، މި ބައްޔަށް ހުށަހެޅޭތާ ދެ ހަފުތާ ފަހުންނެވެ.

ރުބެއްލާގެ ނުރައްކާ މާބަނޑު މީހުންނަށް ބޮޑެވެ. އެގޮތުން ބަނޑުގައި އޮންނަ ކުއްޖާ ބައިގެންދިއުމާއި ދަރިފުޅަށް ކޮންޖެނިޓަލް ރޫބެއްލާ ސިންޑްރޯމް (ސީއާރްއެސް) ޖެހުން އެކަށީގެންވެ އެވެ. އެހެންވެ ބަލި ޖެހޭ ކުދިންްގެ ކިބައިން އުފަންވުމުގައި ހުންނަ އައިބުތައް ފެނެ އެވެ. އޭގެ ތެރޭގައި ލޮލަށް ނުފެނުމާއި އަޑު ނީވުމާއި ހިތަށް އަދި ސިކުނޑިއަށް ދިމާވާ މައްސަލަތައް ހިމެނެ އެވެ.