Roadha Mihaaru
ހައިހޫނުކަމުން ދަރިން ސަލާމަތް ކުރަން މަސްތުވާތަކެތި

ހައިހޫނުކަމުން ދަރިން ސަލާމަތް ކުރަން މަސްތުވާތަކެތި

24 ނޮވެމްބަރ 2022

ވިހި އަހަރު ވަންދެން ހަނގުރާމަކޮށް ކާމިޔާބެއް ނުލިބި، އެމެރިކާ އާއި ވިލާތުގެ ގައުމުތައް އަފްގާނިސްތާނުން ފައިބައިގެން ދިޔައީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. ހުޅަނގުގެ އިސްތިއުމާރީ ބާރުތައް އަފްގާނުން ފޭބުމާއެކު، އެ ގައުމުގެ ވެރިކަމަށް އެރީ، އެބަޔަކާ ދެކޮޅަށް ހުޅަނގުން 20 އަހަރު ވަންދެން ހަނގުރާމަކުރި ތާލިބާން ޖަމާއަތުގެ ހަނގުރާވެރިންނެވެ.

ވިހި އަހަރު ވަންދެން ހަނގުރާމަކޮށް ކާމިޔާބެއް ނުލިބި، އެމެރިކާ އާއި ވިލާތުގެ ގައުމުތައް އަފްގާނިސްތާނުން ފައިބައިގެން ދިޔައީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. ހުޅަނގުގެ އިސްތިއުމާރީ ބާރުތައް އަފްގާނުން ފޭބުމާއެކު، އެ ގައުމުގެ ވެރިކަމަށް އެރީ، އެބަޔަކާ ދެކޮޅަށް ހުޅަނގުން 20 އަހަރު ވަންދެން ހަނގުރާމަކުރި ތާލިބާން ޖަމާއަތުގެ ހަނގުރާވެރިންނެވެ.

އެއާއެކު، އަފްޣާނިސްތާނު ރައްޔިތުން ދެން ކުރިމަތިލާން ޖެހުނީ މާ ހިތްދަތި ދިރިއުޅުމަކާ އެވެ. އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގައި ހުރި އަފްޣާނިސްތާނުގެ މުދަލާއި ފައިސާތައް އެމެރިކާ އިން ހިފެހެއްޓީ އެވެ. އެމެރިކާގެ އެ ނިންމުމާ ގުޅިގެން، އަފްޣާނިސްތާނުގެ އާ ސަރުކާރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި އެވެ.

ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއް ނެތެވެ. އާންމު ރައްޔިތުންނަށް ބޭނުންވާ ކާބޯ ތަކެއްޗާއި އެހެނިހެން ޒަރޫރީ ސާމާނު އެތެރެ ކުރެވޭނެ ގޮތެއް ނެތެވެ. ފިނި މޫސުމުގައި ބޭނުންކުރާނެ ފިނި ހެދުމާއި ރަޖާ ފަދަ ތަކެތި އެތެރެކުރެވޭނެ ގޮތެއް ނެތެވެ. ގައުމުގެ އިމްޕޯޓާއި އެކްސްޕޯޓް މުޅިންހެން ހުއްޓުމަކަށް އައެވެ.

މިދަތިތަކުގެ އެންމެ ބޮޑު ވޭނެއް ތަހައްމަލުކުރަން ޖެހިފައިވަނީ އަފްޣާނިސްތާނުގެ ކުޑަކުދިންނެވެ. ބައެއް އާއިލާތަކުން ބުނާ ގޮތުގައި އެމީހުން މިހާރު ތިބީ ހައިހޫނުކަމުގެ ތެރޭގަ އެވެ. ފުރާނަ ސަލާމަތް ކުރަން ބޭނުން ނަމަ، ހަރުމުދާކޮޅާއި އަނބިދަރިން ވިއްކާލަންޖެހޭ ހިސާބުގަ އެވެ.

އަފްގާނިސްތާނުގެ މުދަލާއި ފައިސާތައް އެމެރިކާ އިން ހިފެހެއްޓި ފަހުން ދެ އަހަރު ވާން ކައިރިވާއިރު، ބައެއް އާއިލާތަކުގެ ކުޑަކުދިން ވަނީ ހައިހޫނުކަމުގަ އާއި އެކަށީގެންވާ ބޭސްފަރުވާ ނުލިބިގެން މި ދުނިޔެ ދޫކޮށްފަ އެވެ. އަނެއް ބަޔަކު ދަރިންގެ ފުރާނަ ސަލާމަތް ކުރަމުންދަނީ، އެ ކުދިންގެ މުޅި މުސްތަގުބަލު އަނދިރިކަމެއްގެ ތެރެއަށް ސީދާ ކުރުވާ ފަދަ ގޮތަކަށެވެ.

ބައެއް އާއިލާތަކުގެ މައިންބަފައިން ބުނި ގޮތުގައި އެމީހުންގެ ދަރިން ބަނޑުހައިވެގެން ރޯތީ، ނުވަތަ ހައިހޫނުކަން ބޮޑުވެގެން ނުނިދޭ ހާލަތަށް ދިއުމުން، އެކުދިން މައިތިރިކުރަނީ، ނިންދަވާ ބޭސް ނުވަތަ ބުއްދި ފިލުވައިލާ ފަދަ ބާރުގަދަ ބޭސްތައް ދީގެންނެވެ. އެހެން ބައެއް އާއިލާތަކުން ބުނި ގޮތުގައި އެމީހުންގެ ޅަ ދަރިންކޮޅުގެ ފުރާނަ ސަލާމަތްކުރީ، އެމީހުންގެ ދޮއްޓަށް ތިބި އަންހެން ދަރިން، ފިރިހެނުންނަށް ވިއްކާލައިގެންނެވެ.

އެހެން ބައެއް އާއިލާތަކުން ބުނި ގޮތުގައި އެމީހުންގެ ފުރާނަ ސަލާމަތްކުރީ، ހަށިގަނޑުގެ ބައެއް ގުނަވަންތައް، އެ ތަކެއްޗަށް ބޭނުންޖެހިފައި ތިބި ބައެއް މީހުންނަށް ނުއަގުގައި ވިއްކާލައިގެންނެވެ.

"އަހަރެމެންގެ ދަރިން އެ ތިބެނީ ރޮއެރޮއެ. ހައިކަން ބޮޑުކަމުން އެކުދިންނަކަށް ނުނިދޭ. އަހަރެމެންގެ އަތަކު ކާއެއްޗެއް ނެތް. ދެން އަހަރެމެން ދަނީ ބޭސް ފިހާރަ އަށް. އެ ތަނުން ބާރުގަދަ ބޭސްތައް ގަނެގެން އެ ކުދިންނަށް ދިނީމާ، މަސްތުވެގެން އެ ކުދިންނަށް ނިދޭ،" އަފްގާނުގެ އެންމެ ބޮޑު އެއް ސަހަރު ކަމަށްވާ ހީރާތުގައި ދިރިއުޅޭ އަބްދުލް ވައްހާބު ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ބީބީސީގެ ރިޕޯޓަރު ބުނި ގޮތުގައި ހީރާތުގެ ގިނަ އާއިލާތަކަކާ ބައްދަލުކުރި އިރު، އޭގެ ތެރެއިން ވަރަށް ގިނަ އާއިލާތަކުގައި ކުޑަކުދިންނާ މެދު ކަންތައް ކުރަނީ އެ ގޮތަށެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ޖީބުގައި އަބަދުވެސް، އެންޒައިޓީގެ ބަލިމީހުން ބޭނުންކުރާ ބާރުގަދަ ބޭހެއްގެ ގުޅަތައް ގެންގުޅެ އެވެ.

ޑޮކްޓަރުން ބުނި ގޮތުގައި އެކަށީގެންވާ މިންވަރަށް ކާނާ ނުލިބޭ ކުދިންނަށް އެފަދަ ބާރު ގަދަ ޑޮކްޓަރީ ބޭސްތައް ދިނުމުން، އެކުދިންގެ ފުއްޕާމޭ ހަލާކުވާ ގޮތްވެ އެވެ. އޭގެ އިތުރުން ފުރަމޭގެ ބަލިތަކާއި ނިދުމުގެ އިންތިޒާމު ގެއްލުމާއި، ސުލޫކީ ނުރަނގަޅު އާދަތައް އަށަގަތުމުގެ މައްސަލަ ވެސް ކުރިމަތިވެ އެވެ.

ބީބީސީން ބުނެފައިވާ ގޮތުގައި ބައެއް އާއިލާތަކުގެ 5-6 މީހުން މުޅި ދުވަހުގެ ކޮއްތުގެ ގޮތުގައި ފަރުޖައްސައިލަނީ ޕާނެއްގެ ބުރިވަރަކުންނެވެ. އެންމެން އެ ޕާންބުރީގެ އެއްބައި މެންދުރު ކެއުމަށް ފަހު، އަނެއް ބައި ރޭގަނޑަށް ރައްކާކޮށް، ކެއުމުގެ ކުރިން އެއަށް ފެން ޖަހައި ފޯކޮށްލައިގެން އެންމެން އެކުގައި ކަނީ އެވެ.

ހީރާތުގައި ދިރިއުޅޭ މެދު އުމުރުގެ އައްމާރު ބުނި ގޮތުގައި އޭނާގެ އާއިލާގެ ޚަރަދުތައް ހަމަޖެއްސުމަށް އެކި މީހުންގެ އަތުން ދަރަންޏަށް ނެގި ފައިސާތައް އަނބުރާ ދެއްކުނީ، އޭނާގެ އެއް ކިޑްނީ ވިއްކާލައިގެންނެވެ. އަފްގާނުގެ 270000 އަފްޣާނީ (3100 ޑޮލަރު) އަށް މީގެ ތިން މަސް ކުރިން ކިޑްނީ ވިއްކާލައިގެން ދަރަނިތައް އަދާކޮށް ނިމުނަސް، އަނބިދަރިންނަށް މިހާރު ކާންބޯންދެވޭނެ ގޮތެއް ނެތް ކަމަށް އޭނާ ބުންޏެވެ.

މެދު އުމުރުގެ މަންމައަކު ބުނި ގޮތުގައި 240000 އަފްޣާނީ (2700 ޑޮލަރު) އަށް އޭނާގެ ކިޑްނީ ވިއްކައިލީ، އާއިލާ އަށް އާމްދަނީ ހޯދުމަށްޓަކައި ދަރަންޏަށް ގަނެފައިވާ ބަކަރިތަކެއްގެ އަގު އަދާކުރުމަށެވެ. ނަމަވެސް މީގެ އަހަރެއްހާ ދުވަސް ކުރިން ކުރިމަތިވި ފެން ބޮޑުވުމުގެ ހާދިސާގައި ބަކަރިތައް ވެސް މަރުވެފައިވާތީ، މިހާރު އާމްދަނީ ހޯދޭނެ ގޮތެއް ނެތި ހާލުގައި ޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.

"އަހަރެމެން މިހާރު މިތީ އަހަރެމެންގެ އަންހެން ދެ ދަރިން ވިއްކާލަން މަޖުބޫރުވެފައި. އަހަރެމެންނަށް ދަރަންޏަށް ފައިސާ ދިން މީހުންގެ ފަރާތުން ކޮންމެ ދުވަހަކު ފުރައްސާރަތައް އެބަ ކުރިމަތިވޭ. ފެންނަހާ ތަނަކުން އެމީހުން އެ ގޮވަނީ، ދަރަނި ނުދެއްކެންޏާ އަންހެން ދަރި ދޭށޭ،" މެދު އުމުރުގެ މަންމައަކު ބީބީސީ އަށް ބުންޏެވެ.

"އަހަރެމެންގެ މި ހާލަތާ މެދު އަހަރެމެން ވަރަށް ލަދުވެތިވޭ. މި ހާލަތުގައި ދިރިއުޅުމަށް ވުރެ މަރުވުން ވެސް މާ ރަނގަޅޭ ކިތަންމެ ފަހަރަކު ހިތަށް އަރާ. އަހަރެންގެ ފަސް އަހަރުގެ އަންހެން ދަރިފުޅު ވިއްކައިލީ އެންމެ 100000 އަފްޣާނީ (1128 ޑޮލަރު) އަށް،" ހީރާތުގައި ދިރިއުޅޭ ނިޒާމުއްދީން ބުންޏެވެ.

ބީބީސީގެ ރިޕޯޓަރުން ޒިޔާރަތްކުރި އެއް އާއިލާއެއްގައި ކުޑަ ދެކުދިން ތިބި އިރު، އޭގެ ތެރެއިން ހަތަރު އަހަރުގެ އަންހެން ކުއްޖާ މިހާރު ހުރީ، ދެކުނުގެ ޕްރޮވިންސެއްގައި ދިރިއުޅޭ އާއިލާއެއްގެ ފިރިހެން ކުއްޖަކާ ދެވުމަށްޓަކައި ވިއްކާލައިފަ އެވެ. ދެ ފަރާތުގެ މެދުގައި އެއްބަސްވެފައި އޮތް ގޮތުން، އަންހެން ކުއްޖާގެ އުމުރުން 14 އަހަރުވުމުން، އެ ފިރިހެން ކުއްޖާގެ އާއިލާގެ ގާތަށް ފޮނުވާލަންޖެހެ އެވެ.

އެ އަންހެން ކުއްޖާގެ ބައްޕަ ހަޒްރަތުﷲ ބުނި ގޮތުގައި އޭނާގެ އަންހެން ދަރިފުޅު ވިއްކައިލުމަށް އެއްބަސްވި ޖުމްލަ އަގުގެ ތެރެއިން ދެ ފަހަރެއްގެ މަތިން މިހާރު ފައިސާ ލިބިއްޖެ އެވެ. އަދި އޭނާ އެ ފައިސާ ބޭނުންކުރަނީ، އޭނާގެ ހަގު ފިރިހެން ދަރިފުޅަށް ބޭނުންވާ ކާނާ އާއި އެހެން ތަކެތި ގަތުމަށް ކަމަށް ވެސް އޭނާ ބުންޏެވެ.

އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ތާލިބާނުންނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، އަފްގާނިސްތާނުގެ ރައްޔިތުން ބަނޑަށް ޖެހިފައިވާ އިރު، އެކަން ހައްލުކުރުމަށް ބައިނަލްއަގުވާމީ މުޖްތަމައުން އެކަށީގެންވާ މަސައްކަތެއް ނުކުރެ އެވެ.