Roadha Mihaaru
އަލީ ހައްޔަރުކުރަން މައުލޫމާތު ހިއްސާކޮށްފި، ގެނެވޭނެ؟

އަލީ ވަހީދު ހައްޔަރުކުރުމުގެ މައުލޫމާތު ހިއްސާކޮށްފި, މިފަހަރު ގެނެވޭނެ؟

16 ފެބުރުއަރީ 2022

ޖިންސީ ފުރައްސާރަ އާއި ރޭޕްގެ ދައުވާގެ ޝަރީއަތަށް ފިއްލަވައިގެން ރާއްޖެ އިން ބޭރުގައި އުޅުއްވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހާޒިރުކުރުމުގައި މިހާތަނަށް ހޯދުނު ކުރިއެރުމެއް ނެތެވެ. އިނގިރޭސި ވިލާތުގައި ދިރިއުޅުއްވާ އަލީ ވަހީދު ޖަލަށް ލާން ސުޕްރީމް ކޯޓުން ވެސް ހުކުމް ކުރި އެވެ. ދެ މަހުގެ އެ ހުކުމް ތަންފީޒުކުރަން އޭނާ ނުގެނެވުނެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޖިންސީ ފުރައްސާރަ އާއި ރޭޕްގެ ދައުވާގެ ޝަރީއަތަށް ފިއްލަވައިގެން ރާއްޖެ އިން ބޭރުގައި އުޅުއްވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހާޒިރުކުރުމުގައި މިހާތަނަށް ހޯދުނު ކުރިއެރުމެއް ނެތެވެ. އިނގިރޭސި ވިލާތުގައި ދިރިއުޅުއްވާ އަލީ ވަހީދު ޖަލަށް ލާން ސުޕްރީމް ކޯޓުން ވެސް ހުކުމް ކުރި އެވެ. ދެ މަހުގެ އެ ހުކުމް ތަންފީޒުކުރަން އޭނާ ނުގެނެވުނެވެ.

ރާއްޖޭގެ އިދާރާތަކަށް ގޮތް ހުސްވީ އެވެ.

އޭގެ ފަހުން, ނޮވެމްބަރު, 29, 2021 ގައި ކްރިމިނަލް ކޯޓުން އަނެއްކާވެސް ވަނީ އޭނާ ޝަރީއަތަށް ހާޒިރުކުރުމުގެ އަމުރެއް ނެރެފަ އެވެ. މި އަމުރުގެ ތަރުޖަމާއެއް ހޯދައިގެން އޭނާ ގެނައުމުގެ މަސައްކަތް ފުލުހުން އެބަކުރެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް "މިހާރު" އަށް މިއަދު ވިދާޅުވީ އަލީ ވަހީދު ހައްޔަރު ކޮށްގެން ޝަރީއަތަށް ހާޒިރުކޮށްދޭން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރަން އެ މައުލޫމާތު ބޭރުގެ އެކި އެޖެންސީތަކާ ހިއްސާ ކޮށްފައިވާ ކަމަށެވެ. އެ އެޖެންސީތަކަކީ ދިވެހި ފުލުހުންނާ އެކު މަސައްކަތްކުރާ ތަންތަން ކަމަށް ބުންޏަސް ތަފްސީލެއް ނުދެއްވަ އެވެ.

"އެކުގައި މަސައްކަތްކުރާ އިންޓަނޭޝަނަލް އެޖެންސީތަކާ މައުލޫމާތު ހިއްސާ ކުރެވި އެކަމާ ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް އެ އެޖެންސީތަކާ ގުޅިގެން އަންނަނީ ކުރަމުން," އޮފިޝަލް ވިދާޅުވި އެވެ.

މި މަސައްކަތުގެ ތެރޭގައި އޭނާ ހައްޔަރުކުރަން އިންޓަޕޮލްގެ ރެޑް ނޯޓިސް ނެރެން ފޮނުވި ކަމެއް ފުލުހުން ޔަގީންކޮށެއް ނުދެ އެވެ. އިންޓަޕޮލްގެ ވެބްސައިޓުގައި މިހާތަނަށް އާއްމުކޮށްފައެއް ވެސް ނުވެ އެވެ.

މިނިސްޓަރަކަށް ހުންނެވި އިރު، ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތަށް އަލީ ވަހީދުގެ މައްޗަށް ދައުލަތުން ހަތް ދައުވާ އުފުލާފައިވެ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 21 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

"ހަގީގަތަކީ ނުގެނެވޭނެ"!

އަލީ ވަހީދު ގެނައުމަށް ފުލުހުން ފަށައިގެން އުޅޭ މަސައްކަތް ކާމިޔާބު ވެދާނެ ކަމާ މެދު ގާނޫނީ ދާއިރާގެ އިސް ބައެއް ބޭފުޅުން ސުވާލު އުފައްދަ އެވެ. މި ފަހަރު ވެސް އޭނާ ގެނެވޭނެ ގޮތެއް އަދި ހޯދިފައި އޮތް ކަމަކަށެއް އެ ބޭފުޅުން ގަބޫލެއް ނުކުރައްވަ އެވެ.

އިނގިރޭސިވިލާތާއެކު ވެސް އެއްބަސްވުމެއް މިހާތަނަށް ހަދާފައި ނެތް ކަން ފާހަގަކުރައްވަމުން އެއް ބޭފުޅަކު ވިދާޅުވީ އެ ހާލަތު އެހެން އޮއްވައި އޭނާ ހައްޔަރުކޮށްގެން ގެންނަން އެ ގައުމުގެ ފުލުހުންގެ ކިބައިން ނޭދެވޭނެ ކަމަށެވެ.

އަލީ ވަހީދު، އަސްހަދުއާ އެކު: ޝަރީއަތަށް އަލީ ވަހީދު ހާޒިރުނުވެގެން އަސްހަދުގެ މައްޗަށް ވެސް ވަނީ ހުކުމް އިއްވާފައި.

އަލީ ވަހީދު، އަސްހަދުއާ އެކު: ޝަރީއަތަށް އަލީ ވަހީދު ހާޒިރުނުވެގެން އަސްހަދުގެ މައްޗަށް ވެސް ވަނީ ހުކުމް އިއްވާފައި.

އޭނާ ވިދާޅުވި ގޮތުގައި ރެޑް ނޯޓިސް ނެރެގެން ވެސް ކޯޓު އަމުރެއް ނެރެގެން ވެސް ގެނެވޭނީ އެ މީހަކު ހުރި ގައުމަކާ އެެކު އެކްސްޓްރެޑިޝަން ގާނޫނުގެ ދަށުން ކުށްވެރިން ނުވަތަ ތުހުމަތު ކުރެވޭ މީހުން ބަދަލު ކުރެވޭނެ ބައިލެޓެރަލް އެއްބަސްވުމެއް އޮތް ނަމަ އެވެ.

"ކިތަންމެ އެޖެންސީއަކަށް ގުޅިއަސް ކިތަންމެ މައުލޫމާތެއް ދިނަސް އެއީ ގެނެވޭނެ ގޮތެއް ނޫން. އިންޓަޕޮލް އަމުރެއް ވެސް ނެރެވިދާނެ. އެކަމަކު ވެސް ނުގެނެވޭނެ," ވަކީލް ވިދާޅުވި އެވެ.

"އިންޓަޕޮލް ރެޑް ނޯޓިސް ނެރުނީމަ ވާނެ ފައިދާއަކީ އޭނައަކަށް ދަތުރެއް ނުކުރެވޭނެ. ގައުމުތަކަށް އަރުވަން ދެކޮޅު ހަދާނެ."

އިންޓަޕޮލް އަމުރު ނެރެން އެދުނު ނަމަ މިހާ ދުވަސް ވެގެން ދިޔައިރު އެކަން އޮންނާނީ ވެފައި ކަން ފާހަގަކުރެއްވި އެވެ.

މައުލޫމާތު އެނގިވަޑައިގެން ހުންނެވި ބޭފުޅަކު ވިދާޅުވީ، އަލީ ވަހީދު މިހާރު ވަނީ ޔޫކޭ އިން އެސައިލަމަށް އެދިފައި ކަމަށެވެ. އެ މަރުހަލާ އަށް ދެ އަހަރު ހޭދަވާއިރު، އޭގެ ކުރިން އޭނާ ގެނެވޭނެ މަގެއް އޮތް ކަމަކަށެއް އަދި ފެންނަން ނެތް ކަމަށް ވިދާޅުވި އެވެ.

ފުލުހުން މަސައްކަތް ކުރިއަސް ހަގީގަތަކީ، ރުހުމުގައި އަލީ ވަހީދު ވަޑައިނުގެންފި ނަމަ ހެދޭނެ އެއްގޮތެއް ވެސް އަދި ނެތް ކަމެވެ. އޭނާ ބޭރަށް ފުރަން ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އަށް ވެސް ވަނީ ޖަލު ހުކުމެއް އިއްވައިފަ އެވެ. ޣައިރު ހާޒިރުގައި އޭނާގެ މައްޗަށް ހުކުމް އިއްވި އިރު ރާއްޖޭގައި ވެސް ނެތެވެ. އޭނާ މިހާރު ވީ ތަނެއް ވެސް ނޭނގެ އެވެ. އެނގިފައިވާ ގޮތުގައި އަޑުބަރޭ އުޅުއްވަނީ ވެސް އިނގިރޭސި ވިލާތުގަ އެވެ.

ފުލުހުން ބުނެފައި ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އޭނާ ހާޒިރުކޮށްދޭން އެދިފައިވާތީ އެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު އަލީ ވަހީދު މައްސަލައިގައި ކޮންމެ ފަހަރަކު ވެސް މި ފެންނަނީ މުއައްސަސާތައް "ބަލިކަށިވެފައިވާ" މަންޒަރެވެ!