Roadha Mihaaru
އީރާން ނިއުކްލިއާ ގޮތުން ނާގާބިލުކުރުމަށް ސައޫދީ ތާއީދު

އީރާން ނިއުކްލިއާ ގޮތުން ނާގާބިލުކުރުމަށް ސައޫދީ ތާއީދު

16 ފެބުރުއަރީ 2022

އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދިޔަ ނުދިނުމަށް އެމެރިކާ ކުރާ މަސައްކަތަށް ފުރިހަމަ އަށް ތާއީދުކުރާ ކަމަށް ސައޫދީ އަރަބިއްޔާގެ ސަރުކާރުން އިއްޔެ ބުނެފި އެވެ.

އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދިޔަ ނުދިނުމަށް އެމެރިކާ ކުރާ މަސައްކަތަށް ފުރިހަމަ އަށް ތާއީދުކުރާ ކަމަށް ސައޫދީ އަރަބިއްޔާގެ ސަރުކާރުން އިއްޔެ ބުނެފި އެވެ.

ރަސްގެފާނު ސަލްމާންގެ ރިއާސަތުގެ ދަށުން އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަކަށް ފަހު ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، މެދުއިރުމަތީގައި ހަމަނުޖެހުމެއް އުފެދުނަ ނުދިނުމަކީ ސައޫދީ އަބަދުވެސް ބޭނުންވާ ގޮތެވެ. ނިއުކްލިއާ ހަތިޔާރު ގާބިލްކަން ހޯދުމަށް އީރާނުން ކުރާ މަސައްކަތް ހުއްޓުވުމަށް އެމެރިކާ އިން އަޅަމުންދާ ފިޔަވަޅުތަކަށް ސައޫދީން ތާއީދުކުރަނީ އެ ސިޔާސަތުގެ ދަށުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން، ޔަމަންގައި އަމިއްލަ ވެރިކަމެއް ގާއިމުކުރުމަށް ހަނގުރާމަކުރާ ހޫތީ ޖަމާއަތުގެ ހަމަލާތަކުން ދިފާއުވުމަށް ސައޫދީ ސަރުކާރުން ކުރާ މަސައްކަތަށް އެމެރިކާ އިން ތާއީދުކުރުމަށާއި އަސްކަރީ އެހީތެރިކަން ދިނުމަށް ނިންމާފައިވާތީ، އެމެރިކާގެ ރައީސް ޖޯ ބައިޑަން އަށް، ސައޫދީން ޝުކުރު އަދާކޮށްފައިވެ އެވެ.

އީރާނުން ނިއުކްލިއާ ހަތިޔާރުގެ ގާބިލުކަން ހޯދައި ސަރަހައްދުގެ ސުލްހަޔާއި ހަމަޖެހުން ނަގައިލުމަށް ކުރާ މަސައްކަތް ހުއްޓުވުމަށްޓަކައި، އެމެރިކާ އާއި ސައޫދީ އަރަބިއްޔާ ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ވެސް، ސައޫދީ ސަރުކާރުގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ޔަމަންގެ ހޫތީ ހަނގުރާމަވެރިން މިދިޔަ ހޮނިހިރު ދުވަހު ސައޫދީ އަރަބިއްޔާ އަށް ދިން ޑްރޯން ހަމަލާތަކެއްގައި މަދުވެގެން 12 މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ސައޫދީ އަރަބިއްޔާގެ ދެ މީހަކު ވެސް ހިމެނެ އެވެ.

ނިއުކްލިއާ ހަތިޔާރުގެ ގާބިލްކަން ހޯދުމަށް އީރާނުން ކުރާ މަސައްކަތް ހުއްޓުވުމަށް، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އީރާނާ އެކު 2015 ވަނަ އަހަރު ގާއިމުކޮށްފައިވާ ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމާ ބެހޭ ގޮތުން، ވިލާތުގެ ގައުމުތަކުން މިހާރުވެސް އަންނަނީ އީރާނާ އެކުގައި، އޮސްޓްރިއާގެ ވިއެނާގައި މަޝްވަރާތަކެއް ބާއްވަމުންނެވެ.

މި މުއާހަދާގެ މައިގަނޑު މަގްސަދަކީ، ނިއުކްލިއާ ހަތިޔާރު އުފެއްދޭ މިންވަރަށް ޔޫރޭނިއަމް ފައްކާކުރިޔަ ނުދިނުމެވެ. މި މުއާހަދާ އަށް އަމަލުކުރުން މެދުކެނޑުނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި 2018 ވަނަ އަހަރު އެ މުއާހަދާ އިން އެމެރިކާ ވަކިވުމުންނެވެ.

އެމެރިކާ އެ މުއާހަދާ އިން ވަކިވުމަށް ފަހު، އިގްތިސާދީ ގޮތުން އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެމެރިކާ އިން ވަނީ އަޅަން ފަށައިފަ އެވެ. އެމެރިކާގެ އެ ނިންމުމާ ގުޅިގެން، އީރާނުން ވަނީ ބައިނަލްއަގުވާމީ އެޓޮމިކް ހަކަތައާ ބެހޭ އިދާރާގެ އޮފިޝަލުން އެ ގައުމުގެ ނިއުކްލިއާ ކާރުހާނާތައް ބަލައި ފާސްކުރުމަށް ހުއްދަ ދިނުން މެދުކަނޑާލައި، ޔޫރޭނިއަމް ފައްކާކުރާ ނިސްބަތް މަތިކޮށްފަ އެވެ.

ވިއެނާގައި މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި އީރާނުން ބުރަވަނީ، ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމުގެ ކުރިން، އީރާނާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމަށެވެ. އަދި އެ މުއާހަދާ އަށް އަމަލުކުރަން ފެށުމަށް ފަހު، އެމެރިކާ އެ މުއާހަދާ އިން ވަކިނުވާނެ ކަމުގެ ޔަގީންކަން ދިނުމަށް ވެސް އީރާނުން ބޭނުންވެ އެވެ.