Roadha Mihaaru
ޕާކިންއަށް އެދޭ ޕޯޓަލް ބްލޮކްކުރިކަމަށް ތުހުމަތުކޮށްފި

ޕާކިން ޖާގަތަކަށް ކުރިމަތިލާ ޕޯޓަލަށް ނުވަދެވުމުން މުއިއްޒު ވިދާޅުވީ ސަރުކާރުން ބްލޮކްކުރީ ކަމަށް

16 ފެބުރުއަރީ 2022

މާލެއިން ދޫކުރަން ނިންމާފައިވާ 1،000 ޕާކިން ޖާގައިގެ ތެރެއިން މަހު ފީ ދައްކާ ގޮތަށް ދޫކުރާ ޖާގަތަކަށް ކުރިމަތިލާން މާލޭ ސިޓީ ކައުންސިލުން މިއަދު ހުޅުވާލި އޮންލައިން ޕޯޓަލް ސަރުކާރުން ބްލޮކް ކުރި ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ތުހުމަތުކުރައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލެއިން ދޫކުރަން ނިންމާފައިވާ 1،000 ޕާކިން ޖާގައިގެ ތެރެއިން މަހު ފީ ދައްކާ ގޮތަށް ދޫކުރާ ޖާގަތަކަށް ކުރިމަތިލާން މާލޭ ސިޓީ ކައުންސިލުން މިއަދު ހުޅުވާލި އޮންލައިން ޕޯޓަލް ސަރުކާރުން ބްލޮކް ކުރި ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ތުހުމަތުކުރައްވައިފި އެވެ.

ޕޯޓަލް އަށް ވަދެވޭ ގޮތް ނުވުމުން، ޕާކިން ޖާގައަށް އެދުމުގެ ފުރުސަތު މާދަމާ އަލުން ހުޅުވާލަން ނިންމާފައި ވާއިރު ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސާލިހު "މިހާރު" އަށް ވިދާޅުވީ ޕޯޓަލް ބްލޮކްކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އެފަދަ ކަމެއް ކުރުމުގެ އެއްވެސް ނިޔަތެއް އަދި ވިސްނުމެއް ވެސް ސަރުކާރުން ނުގެންގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ކުރެއްވި ޓުވީޓެއްގައި ތުހުމަތުކުރެއްވީ ސިޓީ ކައުންސިލްގެ ޕޯޓަލް ބްލޮކް ކޮށްފައިވާ ކަމަށާއި އެއީ ސަރުކާރުގެ އަމަލެއް ކަމަށް ވިދާޅުވެފަ އެވެ.

"މާލެ ކަހަލަ ބޮޑު އާބާދީއެއް އޮތް ތަނެއްގައި، އެއްފަހަރާ ބައިވަރު މީހުން ވަންނައިރު، ޕޯޓަލްއެއް ޑައުންވުމަކީ ދިމާވެދާނެ ކަމެއް. އެކަމަކު، ސިޓީ ކައުންސިލްގެ އެ ޕޯޓަލް އަކީ އަޅުގަނޑުމެން މިނިސްޓްރީއާ އެއްވެސް ގުޅުމެއް އޮވެގެން އުފެއްދި އެއްޗެއް ނޫން. އެހެންވެ، އެ ޕޯޓަލް ޑައުންވާން ދިމާވި ސަބަބެއް ބުނާކަށް އަޅުގަނޑުމެންނަކަށް ނޭނގޭ،" އަލީ ސޯލިހް ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ޕާކިން ޖާގަތަކަށް ކުރިމަތިލުމަށް ހަދައިފައިވާ ޕޯޓަލް މި ވަގުތަށް ބަންދުކޮށްފައިވާ ކަމަށެވެ. އަދި މި ޕޯޓަލް އަށް ދިމާވި މައްސަލަތައް ހައްލުކޮށް މާދަމާ ރަސްމީ ގަޑީގައި އަނެއްކާ ވެސް އެ ޖާގަތަކަށް ކުރިމަތިލާން ހުޅުވާލާނެ ކަމަށެވެ.

ޕޯޓަލް އަށް މައްސަލަ ދިމާވި ފަހުން ސިޓީ ކައުންސިލް ވެބްސައިޓް ވެސް ޑައުންކޮށްލި އެވެ.

މާލެއިން ޕާކިން ޖާގަ ދޫކުރަން ސިޓީ ކައުންސިލުން ނިންމާފައި ވަނީ ދެ ގޮތަކަށެވެ. އެއީ މަހު ފީ ދައްކާ ގޮތަށް ދޭ ޖާގަތަކަކާއި ދިގު މުއްދަތަކަށް ވިއްކާ ޖާގަތަކެކެވެ. މިއަދު އޮތީ މަހު ފީ ދައްކާ ގޮތަށް ދޫކުރާ ޖާގަތަކަށް ކުރިމަތިލުމެވެ.

ރައްޔިތުންގެ މަޖިލިސް ކުރިމަތީގައި އޮންނަ ޕާކިން ޒޯން.-- ފައިލް ފޮޓޯ: ނިޝާން އަލީ / މިހާރު

ރައްޔިތުންގެ މަޖިލިސް ކުރިމަތީގައި އޮންނަ ޕާކިން ޒޯން.-- ފައިލް ފޮޓޯ: ނިޝާން އަލީ / މިހާރު

މި ޖާގަތަކަށް ކުރިން ވެސް ހުޅުވައިލި އެވެ. އެކަމަކު އެ ފަހަރު މި ޖާގަތަކުގެ ގުރުއަތު ނެގި ގޮތުން މައްސަލަތަކެއް ޖެހި އޭސީސީން އެންގީ އަލުން ގުރު ނަގާށެވެ. ނަމަވެސް ކައުންސިލުން ނިންމީ، އަލުން ވެސް ޖާގަތަކަށް ކުރިމަތިލާން ހުޅުވާލައިގެން ގުރުއަތަކަށް ދާށެވެ.

މަހު ފީ ނަގާ ގޮތަށް ޕާކިން ޖާގަ ދެނީ ޕްރައިވެޓް ކާރުތަކާއި މާލޭގައި ދުއްވާ ޓެކްސީތަކާއި 3.5 ޓަނުގެ ޕިކަޕްތަކަށެވެ. އެ ޕާކިން ޖާގަތަކުގެ 25 ޕަސެންޓް ހާއްސަ ކޮށްފައި ވާނީ މާލޭގައި ދުއްވާ ޓެކްސީތަކަށް ކަމަށް އެ އިއުލާނުގައިވެ އެވެ.

ކޮންމެ މީހަކަށް ވެސް ތަފާތު ތިން ސަރަހައްދަކުން އެ ޖާގަ އަށް އެދެވޭއިރު، މި ޖާގަ، ގަރާޖުގެ ގޮތުގައި ރަޖިސްޓަރީ ކުރުން ނުހިމެނެ އެވެ.

ގާނޫނީ ފުށުއެރުންތަކެއް އުޅޭތީ، އެ 1،000 ޕާކިން ޖާގައިގެ ތެރެއިން ދިގު މުއްދަތަކަށް ވިއްކަން ނިންމި ޖާގަތައް ދިނުމުގެ މަސައްކަތް ހުއްޓާލަން އެލްޖީއޭ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ކައުންސިލަށް އެންގުމުން އެ މަސައްކަތް މިހާރު އޮތީ މަޑުޖައްސާލައިފަ އެވެ.