މާލޭގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވާ ގޮތުން ސިޓީ ކައުންސިލުން ހުށަހަޅާ ކޮންމެ ކަމަކަށް ވެސް ސަރުކާރު އޮންނަނީ "ޕޮޒިޓިވް ނޯޓެއްގަ" އެވެ. ކައުންސިލުން އެދޭ ކަމެއް ދުވަހަކު ވެސް ނުކޮށްދޭނެ ކަމަކަށް އެއްވެސް އިދާރާއަކުން ނުބުނެ އެވެ. ކޮންމެ ބައްދަލުވުމެއް ވެސް ނިމެނީ ކޮންމެވެސް ކަމެއް ރަނގަޅު ކޮށްލީމާ އެ ކަން ކޮށްދޭނެ ކަމުގެ ވައުދާއެކު އެވެ.
07 އެޕްރީލް 2022
މާލޭގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވާ ގޮތުން ސިޓީ ކައުންސިލުން ހުށަހަޅާ ކޮންމެ ކަމަކަށް ވެސް ސަރުކާރު އޮންނަނީ "ޕޮޒިޓިވް ނޯޓެއްގަ" އެވެ. ކައުންސިލުން އެދޭ ކަމެއް ދުވަހަކު ވެސް ނުކޮށްދޭނެ ކަމަކަށް އެއްވެސް އިދާރާއަކުން ނުބުނެ އެވެ. ކޮންމެ ބައްދަލުވުމެއް ވެސް ނިމެނީ ކޮންމެވެސް ކަމެއް ރަނގަޅު ކޮށްލީމާ އެ ކަން ކޮށްދޭނެ ކަމުގެ ވައުދާއެކު އެވެ.
"އެހެންވެ، އެ އުންމީދުގައި ހަމަ ޕޮޒިޓިވް ނޯޓެއްގައި [އަޅުގަނޑު] މި ހުންނަނީ،" އިދިކޮޅު ޕީޕީއެމުން ކޮންޓްރޯލްކުރާ މާލޭ ސިޓީ ކައުންސިލް ލީޑްކުރައްވާ މުއިއްޒު ވިދާޅުވި އެވެ.
އެ އުންމީދުގައި 11 ވަރަކަށް މަސް ހޭދަކުރެއްވިޔަސް މުއިއްޒުގެ ކެމްޕޭނުގައި ބައެއް މީހުން ބުނަމުން އައި ގޮތަށް އެއީ އިދިކޮޅު ކައުންސިލެއް ކަމަށް ވާތީ އޮތީ "އެހެލައިފަ" އެވެ. ކުރިއަށް ދެވޭނެ މާ ބޮޑު މަގެއް ނެތެވެ.
މުއިއްޒު ވިދާޅުވީ ސަރުކާރުގެ ކިބައިން ސިޓީ ކައުންސިލުން މައިގަނޑު ގޮތެއްގައި ބޭނުންވަނީ ބޮޑު އެންމެ ކަމެކެވެ. އެއީ އެ ކައުންސިލަށް ގާނޫނީ ގޮތުން ލިބެންޖެހޭ ރެވެނިއު ލިބޭނެ ގޮތެއް ހޯދައި ދިނުމެވެ. ދެން އުޅެނީ އޭނާ ވިދާޅުވި ގޮތުގައި 2-3 ކަމެކެވެ.
"މިސާލަކަށް ކުންފުނި އުފެއްދުން. ގާނޫނުގެ ދަށުން ގެޒެޓް ކޮށްފައި އޮތް ގަވާއިދެއް ލޯކަލް ކޮމްޕެނީ އުފެއްދުމުގެ ގަވާއިދަކީ. އެ ގަވާއިދުގެ ދަށުން ކޮމްޕެނީ އުފައްދަން އަޅުގަނޑުމެން ހުށަހެޅީ. މިހާރު އެތައް މަހެއް ވީ. ހައެއްކަ މަސް ކަން ނޭނގޭ މިވީ،" ކުރީގެ ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.
ހައުސިން މިނިސްޓަރު އަސްލަމާއި މާލޭގެ މޭޔަރު މުއިއްޒު ހައުސިން މިނިސްޓްރީގައި ބައްދަލުކުރައްވަނީ: ސިޓީ ކައުންސިލާއި ސަރުކާރުގެ ކޯޅުން ބޮޑު.
"އެ ކޮމްޕެނީ އުފައްދަން ހުއްދަ ދިން ނަމަ ހަމަ ޔަގީނުން ވެސް ސަރުކާރަށް އެނގިލައްވާނެ އަޅުގަނޑުމެން ވަރަށް ގިނަ ކަންކަން ސަރުކާރަށް ބުރަ ނުވާނެ ގޮތަށް، ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ކުރެވޭނެކަން. ކުރަން އެނގޭނެކަން ވެސް. އެކަމަކު ވެސް ހުއްދައެއް ނުދިން. އޭގެ ސަބަބުން ވަރަށް ގިނަ ކަންކަން ވަރަށް ދުވަސް ވަންދެން މަޑުޖެހިގެން މި ދަނީ."
މޭޔަރު ދެން ބޭނުންވާ އަނެއް ކަމަކީ މާލޭގައި ދުއްވާ ވެހިކަލްތަކުގެ ފީ ސިޓީ ކައުންސިލަށް ދިނުމެވެ. އެއީ ގާނޫނީ ގޮތުން ވެސް މިހާރު ލިބޭ ބާރެކެވެ. މާލެއަކީ ރާއްޖޭގައި ވެހިކަލް އެންމެ ގިނަ ތަން ކަމުން ދައުލަތަށް ނަގާ ވެހިކަލް ފީގެ 90 ވަރަކަށް ޕަސެންޓް ލިބޭނީ ސިޓީ ކައުންސިލަށެވެ.
"އެ ފައިސާ ދެއްވަން ވެސް ސަރުކާރުން ނިންމަވާފައި މި އޮންނަނީ. އެކަމަކު އަމަލީ ގޮތުން ކައުންސިލަށް އެ ބަލައިގަންނާކަށް ހަމަޖައްސައެއް ނުދެއްވާ. އެތައް ދުވަހެއް މިދަނީ. އެންމެ ފަހުން މީގެ 2-3 ދުވަސް ކުރިން ވިދާޅުވީ، ހަމަޖެހޭނެއޭ. ގާތްގަނޑަކަށް ހުރިހާ ކަމެއް ނިމިފައޭ. ވަރަށް ޕޮޒިޓިވް ސިގްނަލްތަކެއް ގެނެސް ދެއްވަނީ. އެކަމަކު އަމަލީ ގޮތުން ލަސްވެގެން މި ދިޔައީ އެތައް މަހެއް،" މިދިޔަ ހޯމަ ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުގައި މުއިއްޒު ވިދާޅުވި އެވެ.
މާލޭގެ މޭޔަރު މުއިއްޒު: މައިގަނޑު ގޮތެއްގައި ބޭނުންވަނީ ކައުންސިލަށް ރެވެނިއު ލިބުމަށް ގާނޫނީ ގޮތުން ހުރި ކަންކަން ސަރުކާރުން ފަހިކޮށްދޭން.---ފައިލް ފޮޓޯ: މިހާރު
އާންމުކޮށް ވެހިކަލް ފީ އެންމެ ގިނައިން ދައްކަނީ ކޮންމެ އަހަރެއްގެ ވެސް މާޗް، އޭޕްރީލްގައި ކަމަށް ވާއިރު، މޭޔަރު އެދިވަޑައިގަންނަވަނީ މި ދުވަސްވަރު އެ ފައިސާ ސިޓީ ކައުންސިލަށް ޖަމާކޮށްދިނުމަށެވެ.
"... އަދި ވިދާޅުވީ ޖެނުއަރީ، ފެބްރުއަރީގެ ރެވެނިއު ވެސް ލިބޭނެއޭ. ވަރަށް ޕޮޒިޓިވް ވާހަކަތެއް ވިދާޅުވަނީ ފިނޭންސް މިނިސްޓްރީން ވެސް، ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ރައީސް އޮފީހުން ވެސް. އެކަމަކު އަމަލީ ގޮތުން އެ ލަސްވާލަސްވުމަކީ ދަތިތަކެއް."
ޓީޖެޓީ އާއި ނޯތު ހާބަރުން ވެސް ސިޓީ ކައުންސިލަށް ރެވިއު ހޯދަން ސިޓީ ކައުންސިލުން އެމްޕީއެލަށް ހުށަހެޅި އެވެ. އަދި ނޯތު ހާބަރަށް ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ވެސް ދިނުމަށް އެދުނެވެ.
"އެއީ ވެސް މާ ބޮޑު އުނދަގުލެއް އޮތް ކަމެއް ނޫން. ޓީޖެޓީ އާއި ނޯތު ހާބަރުން އެއްޗެއް ލިބިއްޖިއްޔާ މާލޭ ސިޓީ ކައުންސިލަށް އެ ލިބެނީ ވަރަށް ބޮޑު އާމްދަނީއެއް. އޭރުން ރައްޔިތުންނަށް ވަރަށް ގިނަ ކަންކަން ކޮށްދޭން އެބަ ފަސޭހަވޭ،" މުއިއްޒު ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި އެ ކައުންސިލްގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ސިޓީ ކައުންސިލް
ސިޓީ ކައުންސިލުން ސަރުކާރުގައި އެދެނީ އެ ކައުންސިލަށް ރެވެނިއު ލިބޭނެ މަގުތައް ހޯދައިދިނުމާއި ލޯކަލް ކޮމްޕެނީ އުފެއްދުމުގެ ހުއްދަ ދިނުމަށާއި ހުޅުމާލޭގައި މުނިސިޕަލް ހިދުމަތް ދިނުމުގެ ހުއްދަ ދިނުމަށެވެ.
"ރައީސް އޮފީހުގައި އަޅުގަނޑަށް 2-3 މީޓިން ބޭއްވިއްޖެ. ދައުރުގެ ކުރީކޮޅު އެޗްޑީސީއާ ވާހަކަ ދެއްކިއްޖެ. ދާއިރާގެ އެމްޕީއާ ވާހަކަ ދެއްކިއްޖެ. މާލެ ދާއިރާގެ އެތައް އެމްޕީންނާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސާއެކު މަޖިލީހުގައި މި ވާހަކަ ދެއްކެވިއްޖެ،" މޭޔަރު ވިދާޅުވި އެވެ.
"މިކަން ވެސް ނުކޮށްދޭން ޖެހޭ ސަބަބެއް ނެތް. އަޅުގަނޑު ގާތުގައި ވިދާޅުވަނީ ތިމަންނަމެން އެޗްޑީސީއާ ކޮންމެވެސް ކަހަލަ މުއާމަލާތެއް ކޮށްގެން އަޅުގަނޑުމެންނަށް ބަޖެޓް ވެސް ދޭނަމޭ. ހަމަޖޭނެއޭ. ނަމަވެސް [ހުޅުމާލޭގެ މުނިސިޕަލް ކަންތައް] ހަމަނުޖެހި މި ދިޔައީ އަހަރެއް ނޫންތޯ؟."
ވިދާޅުވީ ޖެނުއަރީ، ފެބްރުއަރީގެ ރެވެނިއު ވެސް ލިބޭނެއޭ. ވަރަށް ޕޮޒިޓިވް ވާހަކަތެއް ވިދާޅުވަނީ ފިނޭންސް މިނިސްޓްރީން ވެސް، ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ރައީސް އޮފީހުން ވެސް. އެކަމަކު އަމަލީ ގޮތުން އެ ލަސްވާލަސްވުމަކީ ދަތިތަކެއް."--- މޭޔަރު
ގުޅިފަޅުގައި ބޯހިޔާވަހިކަން ހިންގުމުގެ މަޝްރޫއު ވެސް ސިޓީ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދަން ޕްލޭނިން މިނިސްޓްރީ އަށް އަންގަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު މޭޔަރު ބޭއްވެވި ބައްދަލުވުމުގައި ރައީސް ވިދާޅުވި ކަމަށް މުއިއްޒު ވިދާލުވެ އެވެ. އޭގެ ފަހުން އަށް މަސް ފާއިތުވުއިރު، ސިޓީތައް ފޮނުވިޔަސް އަމަލީ ގޮތުން ކަމެއް ނުފެނެ އެވެ.
"އަޅުގަނޑުމެންނަށް އެނގޭ ކުރިއަށް ދާން. އިރާދަކުރެއްވިއްޔާ ތަޖުރިބާ ވެސް އެބަހުއްޓޭ މިހާރު. އަޅުގަނޑުމެން ކުރިއަށް ދިޔައީމާ އޭގެ ފައިދާ ވެސް ވާނީ ސަރުކާރަށް. މާލޭގެ ރައްޔިތުން ހިތްހަމަޖެހުނީމާ ސަރުކާރަށް ފައިދާވާނެ. އަޅުގަނޑަށް ލޮޖިކަލީ ގަބޫލެއް ނުކުރެވޭ ޕްރޮފެޝަނަލީ ނޫނިއްޔާ ޓެކްނިކަލް މިންގަނޑަކުން ބަލައިފިއްޔާ ކަންކަން ނުކޮށްދޭންޖެހޭ ސަބަބެއް. ހަމައެކަނި އޮންނާނީ ސިޔާސީ ބޭނުމެއް. ލަސްވާލަސްވުމަކީ އެއީ،" މޭޔަރު ވިދާޅުވި އެވެ.
މާލޭގެ މަގުތައް އެންމެ ޒަމާނީ ފެންވަރަކަށް ހެދުމަށް މި ސަރުކާރުން ކުރީގެ ސިޓީ ކައުންސިލާ ހަވާލުކުރި މަޝްރޫއު މި ސިޓީ ކައުންސިލްގެ ދައުރުގެ ފުރަތަމަކޮޅުން ފެށިގެން ވަނީ ސަރުކާރުން ހުއްޓުވައިފަ އެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަރަށް އުންމީދާއެކު، މާލޭގެ މީހުންނަށްޓަކައި ފެށި ބޮޑު މަޝްރޫއެކެވެ.
މިހާރުގެ މޭޔަރު ވިދާޅުވީ އެ މަޝްރޫއު އުޅެއުޅެ އަލުން ފެށޭ ގޮތެއް ވެސް ނުވި އެވެ. އެކަމަކު، އެ މަޝްރޫއަށް ހޭދަވާ ބަޖެޓްގެ އަދަދަކަށް ވެސް ސްކޯޕަކަށް ވެސް ސިޓީ ކައުންސިލުން ބަދަލެއް ނުގެނެ އެވެ. މަސައްކަތް ކުރާނީ ވެސް ކުރިއެކޭ އެއްގޮތަށް އެމްއާރުޑީސީންނެވެ.
"ޕްލޭނިން މިނިސްޓްރީގެ ވެސް ލަފައާ އެއްގޮތަށް އަޅުގަނޑުމެން އެއްބަސްވީ ބައެއް މަގުތަކުގެ ސާފޭސިން ބަދަލުކުރަން. ގަލުގެ ބަދަލުގައި ތާރު އަޅަން. ކޮސްޓްވައިސް ބެލިއިރު ނާދޭ ބަދަލުތަކެއް. މިހާރު އެ ކަމަށް ކަނޑައަޅާފައިވާ ބަޖެޓްގެ ތެރެއިން އެ ކަން ވެސް އެބަކުރެވޭ،" މުއިއްޒު ވިދާޅުވި އެވެ.
މާލޭގެ މަގުތައް ހެދުމަށް ސިޓީ ކައުންސިލުން ވެފައިވާ އެއްބަސްވުމަށް ބަދަލު ގެންނަން އޮކްޓޫބަރ 2021 ގައި ސޮއިކުރެއްވުމަށް ފަހު، މޭޔަރު މުއިއްޒާއި އެމްއާރުޑީސީގެ އެމްޑީ އެ އެއްބަސްވުމާއެކު ފޮޓޯއެއް ނަންގަވަނީ.
"ވަރަށް ރަނގަޅަށް އެއްބަސްވެވުނު ޕްލޭނިން މިނިސްޓްރީއާއެކު. އެއްބަސްވެގެން، ސޮއިކޮށްގެން މަސައްކަތް ފަށައިގަތީ. އެ ގޮތަށް ފަށައިގެން މަހެއް، ދެ މަހެއް ވީ. ދެން ފެނުނީ މަސައްކަތް ހުއްޓުވައިލިތަން. މި ކަމާ ގުޅިގެން އެތައް މީޓިންއެއް ބޭއްވިއްޖެ. ސަރުކާރުން އެކި ކަހަލަ ކުދިކުދިކަންކަން ފާހަގަކުރަނީ. އެގްރީމެންޓްގެ ކޮންމެވެސް ކްލޯޒެއް ރަނގަޅު ކޮށްދޭން. އެއް ކަމެއް ރަނގަޅު ކޮށްފައި ހުށަހެޅީމާ އަނެއްކާ 2-3 މަސް ކޮށްފައި އަތުވެދާނެ އަނެއް ކަމެއް ރަނގަޅު ކުރަން."
މަގުތައް ހެދުމުގެ މަޝްރޫއަށް ފައިސާ ދޫކުރަނީ ޕްލޭނިން މިނިސްޓްރީން ކަމަށް ވާއިރު، މިހާތަނަށް ނިމިފައިވާ މަސައްކަތްތަކަށް ވެސް އެ މިނިސްޓްރީން ފައިސާ ނުދިން ކަމަށް މޭޔަރު ވިދާޅުވި އެވެ.
"ތަރައްގީގެ މަޝްރޫއުތަކަށް ބަލާއިރު މަގު ހެދުމުގެ މަޝްރޫއު ހުއްޓުވާފައިވާ ސަބަބު ހަމަ އެއްގޮތަކަށް ވެސް އަޅުގަނޑަކަށް ނުވިސްނޭ. އެ މަގުތައް ހެދުނީމާ މީހުންނަށް ހާދަ ފަސޭހައެއް ވާނެއޭ. ތާރު އަޅާފައިވާ ބޮޑެތި މަގުތަކެއް ހުންނާނެ. ފެން ހިންދުމުގެ ނިޒާމު ހުންނާނެ. ދުވާރުތައް މިހާރަށް ވުރެ ތަނަވަސްވާނެ. ގޭގެ އަށް ފަސޭހައިން ވަދެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ގަބޫލު ކުރައްވަނީ މިހާރުގެ ސިޓީ ކައުންސިލް މެދުވެރިވެ، މާލެ އަށް ބޮޑު ތަރައްގީއެއް ފެންނަން ސަރުކާރުން ބޭނުން ނުވަނީ އެވެ.
"އެ ނޫން އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. ޓެކްނިކަލީ ޖަސްޓިފައި ކުރެވޭނެ ސަބަބެއް ނުދެއްކޭނެ،" މޭޔަރު ވިދާޅުވި އެވެ.
ވެމްކޯ އިން މާލޭގެ ކުނި ނެގުމުގައި ދަތިތަކެއް މިދިޔަ އަހަރު ދިމާވުމުން ސިޓީ ކައުންސިލްގެ މުވައްޒަފުން މާލޭގެ މަގުތަކުން ކުނި ނަގަނީ.---ފައިލް ފޮޓޯ: މިހާރު
އޭނާ ވިދާޅުވީ، ސިޓީ ކައުންސިލަށް އާމްދަނީ ލިބޭނެ ގޮތެއް ނެތުމުން، ސަރުކާރުން ދޭ ބަޖެޓުން ކުރެވެނީ ވަރަށް ކުދިކުދި ކަންތައް ކަމަށެވެ. އެ ކަމަކު، އެ އަށް ވުރެ ބޮޑެތި ކަންތައް ކުރަން އެބަހުރި ކަމަށް ވިދާޅުވި އެވެ.
ހަމައެކަނި މާލޭގެ މިސްކިތްތައް ބަލަހައްޓައި މަރާމާތުކުރަން ވެސް މޭޔަރު ވިދާޅުވިގޮތުގައި 13 މިލިއަން ރުފިޔާ ބޭނުންވެ އެވެ. މިސްކިތްތައް މަރާމާތުކުރަން ސަރުކާރުން ފުރަތަމަ ދިނީ އެއް މިލިއަން ރުފިޔާ އެވެ. ނަމަވެސް އިހަށް ދުވަހު ތިން މިލިއަން ރުފިޔާ ދިނެވެ. އެހެންވެ، ބައެއް މިސްކިތްތަކުގެ މަރާމާތުތައް ސިޓީ ކައުންސިލުން ހޭދަކުރީ އެ ކައުންސިލްގެ ބަޖެޓްގައި ހުރި ފައިސާ އެވެ. ބައެއް މިސްކިތްތަކުގެ މަރާމާތަށް ދޮޅު މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ކުޑަކުޑަ ތިން މިލިއަން ރުފިޔާ އަށް ވެސް އަޅުގަނޑުމެންނަށް ހާދަ ކަމެއް ކުރެވޭނެއޭ. އެކަމަކު އެތައް ދުވަހަކު އާދޭސްކޮށްގެން ވެސް އެ ނުދެއްވައި ހިފެހެއްޓީ،" މޭޔަރު ވިދާޅުވި އެވެ.
މާލޭގެ މޭޔަރުގެ ހައިސިއްޔަތުން މުއިއްޒު އަދިވެސް ހުންނެވީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރެއްވުން ހުއްޓާލައްވާ ގޮތަކަށް ނޫނެވެ. ވިދާޅުވީ، އެންމެންނާ ވެސް ވާހަކަ ދައްކަން ކޮންމެ ތަނަކަށް، ކޮންމެ ވަގުތެއް ވެސް ދެއްވަން ތައްޔާރު ކަމަށެވެ.
"އަޅުގަނޑުމެންގެ ކަންކަން އެންމެ ފުރިހަމަ ނުވާނެ. ފުރިހަމަ ނުވާ ސަބަބަކީ ސަރުކާރުގެ ކީ ބައެއް ދިމަދިމާލުން އެ އަންނަ ހުރަސްތައް. މިސާލަކަށް އިކޮނޮމިކް މިނިސްޓަރު މިއަދު ވެސް ނޫނީ މާދަމާ ވެސް ސިޓީގައި ސޮއިޖަހާލީމާ [ރެޖިސްޓްރާ އަށް އެޕްރޫވެއް ދެއްވީމާ] ލޯކަލް ކުންފުނި އުފައްދަން ހުއްދަ ލިބުނީ،" މޭޔަރު ވިދާޅުވި އެވެ.
ކުނި ކަހާ މީހުންގެ ވަޒީފާގެ ޔަގީންކަންދެން: މުއިއްޒު
ސިޓީ ކައުންސިލަށް 1 އަހަރު، އެއްބާރުލުމެއް ނުލިބޭ!
ޕާކިންއަށް އެދޭ ޕޯޓަލް ބްލޮކްކުރިކަމަށް ތުހުމަތުކޮށްފި
މާލޭގެ ހާސްކަން ކުޑަކޮށް، މައްސަލަތަކަށް ހައްލެއް
ހުޅުމާލެއަށް ބޭނުންވާ ބަޖެޓް ކައުންސިލަށް ދޭން ޖެހޭ
ގާނޫނު ތަންފީޒުކުރަން އެހީ ނުދޭތީ ލަދުގަނޭ: ޒަމީރު
ފަރުދީ ޒިންމާއިން އެކަނި ހައްލެއް ނެތް: މުއިއްޒު
ސަރުކާރުގެ އެއްބާރުލުން ލިބޭ: އާޒިމް
ދަތުރުވެރިންގެ މާރުކޭޓްގެ 9 ގޮޅީގެ ވެރިފަރާތް ޖޫރިމަނާ
ސަރުކާރާއެކު ކޯޅެން ފުރުސަތު ނުދޭނަން: އާޒިމް