Roadha Mihaaru
އެމްއައިޓީޑީސީގެ އެކައުންޓްތައް ފްރީޒްކޮށްފި

އެމްއައިޓީޑީސީގެ އެކައުންޓްތައް ފްރީޒްކޮށް، ބޯޑު މެމްބަރުންގެ ޕާސްޕޯޓް ހިފަހައްޓައިފި

18 ފެބުރުއަރީ 2022

ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކާ އެއްގޮތަށް އަމިއްލަ ކުންފުންޏަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ އެކައުންޓްތައް ފްރީޒްކޮށް، ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންގެ ޕާސްޕޯޓް ވެސް ހިފަހައްޓައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކާ އެއްގޮތަށް އަމިއްލަ ކުންފުންޏަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ އެކައުންޓްތައް ފްރީޒްކޮށް، ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންގެ ޕާސްޕޯޓް ވެސް ހިފަހައްޓައިފި އެވެ.

އެމްއައިޓީޑީސީގެ އެކައުންޓުގައި ހުރި 70،000 ޑޮލަރަށް ވާ ދިވެހި ރުފިޔާ ސިިވިލް ކޯޓުގެ އަމުރާ އެއްގޮތަށް ހިފެހެއްޓީ، ކްރިސްޓްލައިން މޯލްޑިވްސް އަށް ދައްކަން ޖެހޭ ފައިސާ ކޯޓުން ކަނޑައެޅި މުއްދަތުގައި ނުދެއްކުމުންނެވެ. އެ ކުންފުންޏަށް އެމްއައިޓީޑީސީން ފައިސާ ދައްކަން ޖެހެނީ އެމެރިކާ ޑޮލަރުންނެވެ. ނަމަވެސް އެއީ ކޮން ކަމަކާ ގުޅިގެން ދައްކަންޖެހޭ ފައިސާ ކަމެއް އެ ކުންފުނީގެ އިސްވެރިންނާ ގުޅޭ ގޮތް ނުވުމުން ސާފެއް ނުވި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް އެޑްރެސްކޮށް އެމްއައިޓީޑީސީން މިދިޔަ ހަފުތާގައި ފޮނުވި ސިޓީގައި ވަަނީ ކޯޓު ހުކުމާ އެއްގޮތަށް ކްރިސްޓްލައިން މޯލްޑިވްސް އަށް އެ ފައިސާ ދެއްކުމަށް ޑޮލަރު ބޭނުންވާ ކަމަށެވެ.

ކްރިސްޓްލައިން މޯލްޑިވްސް އަށް އެމްއައިޓީޑީސީން އެއް ލައްކަ ޑޮލަރު (1.5 މިލިއަން ރުފިޔާ) ދައްކަން ޖެހެ އެވެ. އޭގެ ތެރެއިން މިހާތަނަށް ދެއްކީ 30،000 ޑޮލަރު (460،000ރ.) އެވެ. ބާކީ ދައްކަން ޖެހޭ 70،000 ޑޮލަރު (1.07 މިލިއަން ރުފިޔާ) ގެ ތެރެއިން މިދިޔަ މަހުގެ 15 ގެ ކުރިން 9،090 ޑޮލަރު (140،000 ރުފިޔާ) އެމްއައިޓީޑީސީން ދައްކަން ޖެހޭނެ އެވެ.

އެ ފައިސާ މިދިޔަ ޖެނުއަރީ މަހު ނުދެއްކުމުން މި މަހުގެ 10 ވަނަ ދުވަހު ސިވިލް ކޯޓުން ވަނީ އަޑުއެހުމެއް ބާއްވައި، އެމްއަިޓީޑީސީގެ އެކައުންޓުގައި ހުރި 70،000 ޑޮލަރަށްވާ ދިވެހި ފައިސާ (1.07 މިލިއަން ރުފިޔާ) ހިފަހައްޓައިފަ އެވެ.

އެމްއައިޓީޑީސީ އަކީ މާލީ ގިނަ މައްސަލަތަކެއް މީގެ ކުރިން ވެސް ކުރިމަތިވި ކުންފުންޏެވެ. އެ ކުންފުނިން ތަރައްގީ ކުރަން މަސައްކަތް ކުރާ ލ. ބަރެސްދޫއާ ގުޅިގެން އެކި ކުންފުނިތަކުން ނަގާފައިވާ ގާތްގަނޑަކަށް ދެ މިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހުނެވެ. އެ ފަހަރު އެ ފައިސާ ދައްކަން ޖެހުނީ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ނުދިއުމާ ގުޅިގެންނެވެ.