Roadha Mihaaru
ބަރެސްދޫގެ މަސައްކަތް ހުއްޓުނީ ފިނޭންސާ ހެދި!

ބަރެސްދޫގެ މަޝްރޫއު ނުފެށުނީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ނުލިބުމުން: އެމްއައިޓީޑީސީ

05 ޑިސެމްބަރ 2021

ލ. ބަރެސްދޫގައި އިންޓަގްރޭޓެޑް ޓޫރިޒަމް ފެށުމަށް ހުރިހާ ކަމެއް ހަމަޖެހި، އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން މަސައްކަތް ހުއްޓުނީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ނުލިބުމުން ކަމަށް، މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލ. ބަރެސްދޫގައި އިންޓަގްރޭޓެޑް ޓޫރިޒަމް ފެށުމަށް ހުރިހާ ކަމެއް ހަމަޖެހި، އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން މަސައްކަތް ހުއްޓުނީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ނުލިބުމުން ކަމަށް، މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބުނެފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު މިދިޔަ ހަފުތާގައި "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ބަރެސްދޫ ތަރައްގީ ކުރުމަށް މެލޭޝިއާގެ ބޮޑު ކުންފުންޏެއްގެ ހުށަހެޅުމެއް އޮގަސްޓު 1، 2019 ގައި ލިބުނު ކަމަށެވެ. އެ ކޮންސެޕްޓް ސެޕްޓެެމްބަރު 14، 2020 ގައި ނިންމައިލެވުނީ ވަރަށް ގިނަ މަޝްވަރާތަކަށް ފަހު ކަމަށާއި ނަމަވެސް، އެއްބަސްވުމުގައި ސޮއިކުރުމުގެ ހުއްދަ އަށް އެދުމުން ފިނޭންސް މިނިސްޓްރީން އެ ހުއްދަ ނުލިބުނު ކަމަށް ވިދާޅުވި އެވެ.

ބަރެސްދޫ ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ އެމްއެމްޕީއާރުސީން ކަމަށް ވިޔަސް އެ މަޝްރޫއު 2016 ގެ ފަހުކޮޅު އެމްއައިޓީޑީސީގެ ބެލުމުގެ ދަށަށް ބަދަލުކުރީ އެވެ. އޭރު ބަރެސްދޫގެ މަޝްރޫއު ފެށުމަށް ކަމަށް ބުނެ ރާއްޖޭގެ އެކި ކުންފުނިތަކުން 3.5 މިލިއަން ޑޮލަރު (53.9 މިލިއަން ރުފިޔާ) ނަގާފައިވެ އެވެ.

އެކަމަކު ރާއިދު ވިދާޅުވީ، އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނޮވެމްބަރު 2018 ގައި ބަދަލުވެ، 2019 ވަނަ އަހަރުގެ ކުރީކޮޅު އެމްއައިޓީޑީސީ ހިންގުމާ އޭނާ ހަވާލުވެވަޑައިގެންނެވިިއިރު ކުންފުނީގެ އެކައުންޓުގައި 19،000 ޑޮލަރު ވެސް ނެތް ކަމަށެވެ.

އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީ ކުރުމަށް މެލޭޝިއާގެ ކުންފުނިން ހުށަހެޅި ކަންކަމުގެ ތެރޭގައި، 99 އަހަރަށް ބަރެސްދޫ ކުއްޔަށް ދޫކުރުމާއި ލ. ގަމުގައި މަސައްކަތްތަކެއް ކުރިއަށް ގެންދިއުން ހިމެނެ އެވެ. އެ ޝަރުތުތަކުގެ ތެރެއަށް ސަރުކާރުން އޭރު ހުށަހެޅީ، އެމްއައިޓީޑީސީން އާއްމުންނަށް ދައްކަން ޖެހިފައިވާ 3.5 މިލިއަން ޑޮލަރުގެ ލޯނާ އެ ކުންފުނިން ހަވާލުވުމެވެ.

އެއީ މެލޭޝިއާގެ ކުންފުނިން ދައްކަންޖެހޭ ލޯނަކަށް ނުވި ނަމަވެސް މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާތީ، އެ ފަރާތުން ނިންމީ ތިން އަހަރަށް ބަހާލައިގެން އެ ފައިސާ އެއްކޮށް ދައްކާށެވެ. ނަމަވެސް ރާއިދު ވިދާޅުވިގޮތުގައި ފިނޭންސް މިނިސްޓްރީން އެގޮތަށް އެއްބަހެއް ނުވި އެވެ.

"އެ ބޭފުޅުން ހުށަހެޅުއްވި ތިމަންނަމެން މި ފައިސާ ދޭނަމޭ ތިން އަހަރަށް ބަހާލައިގެން. އެކަމަކު އޭރުގައި ފިނޭންސް މިނިސްޓްރީގެ ސްޓޭންޑަކަށްވީ، ޝެއާ ހޯލްޑާގެ ސްޓޭންޑަކަށްވީ، މި ފައިސާ އެއްކޮށް ދައްކާށޭ. އަޅުގަނޑުމެން އެއް އަހަރަށް ވުރެ ގިިނަ ދުވަހު ކުރި މަސައްކަތް އެ ދިޔައީ ބޭކާރު ވެގެން. މި ކުރެވުނީ ވަރަށް ބުރަ މަސައްކަތެއް،" ރާއިދު ވިދާޅުވި އެވެ.

"ސަރުކާރުން އެއްބަހެއް ނުވި މި ފައިސާ ބަހާލައިގެން ދައްކާކަށް."

ރާއިދު ވިދާޅުވީ އެއްބަސްވުމުގައި ސޮއިކުރުމުގެ ހުއްދަ ނުލިބުމުން މަސަައްކަތް ކުރިއަށް ނުގޮސް، އެއް ހުއްޓިގެން ދިޔައީ ކަމަށެވެ. އެހެން ނޫން ނަމަ މިހާރު އޮންނާނީ މަސައްކަތް ފަށާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނޭނގެ މީގައި އަޅުގަނޑު ކަމެއް ގޯހީ، މެލޭޝިއާގެ ކުންފުނި ކަމެއް ގޯހީ، ސަރުކާރު ކަމެއް މީގައި ގޯހީ، އަޅުގަނޑަކަށް ނޭނގެ ބުނާކަށް،" އޭނާ ވިދާޅުވި އެވެ.

"އެ ދުވަހު ހުއްދަ ދިން ނަމަ މަސައްކަތް އޮންނާނީ ފެށިފައެއް ނޫންތޯ."

ރާއިދު އެހެން ވިދާޅުވިއިރު، މިދިޔަ މަހުގެ ފަހުކޮޅު ލ. އަތޮޅަށް ކުރެއްވި ދަތުރުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ބަރެސްދޫ ތަރައްގީ ކުރުމުގައި އެމްއައިޓީޑީސީ އަށް ބަލާނީ ވަކި ހިސާބަކަށް ކަމަށެވެ.

ބަރެސްދުއަކީ ސަރުކާރުގެ ވައުދުގައި ހިމެނޭ އިންޓަގްރޭޓެޑް ޓޫރިޒަމް ކަމަށާއި އެކަން ކާމިޔާބު ނުވާ ނަމަ އިންޓަގްރޭޓެޑް ޓޫރިޒަމް ކުރިއަކަށް ނުގެންދެވޭނެ ކަމަށް ޑރ. މައުސޫމް އޭރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެން އެމްއައިޓީޑީސީ އަށް ބަލާނީ ވަކި ވަރަކަށް. އެމްއައިޓީޑީސީ އަށް ވެސް އެ ވާހަކަ ދަންނަވައިފިން،" ލ. އަތޮޅު ދަނބިދޫ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް އެމްއައިޓީޑީސީން މިހާރު އަންނަނީ ބަރެސްދޫ ތަރައްގީ ކުރުމަށް އާ ކޮންސެޕްޓެއް ތައްޔާރުކޮށް، އެކަން ކޮށްދޭނެ ބަޔަކު ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެ ބޮޑު މަޝްރޫއު އަންނަ އަހަރު ފެށޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެ އެވެ.