Roadha Mihaaru

ދަރުމަވަންތަ ހޮސްޕިޓަލްގެ މަޝްރޫއަށް ސަރުކާރުން ޓެކްސް ދެއްކުން މަޑުޖައްސާލަން އަމުރުކޮށްފި

ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަޝްރޫއާ ގުޅިގެން ދިވެހި ދައުލަތަށް ދައްކަންޖެހޭ ކަމަށް ސިވިލް ކޯޓުން ކަނޑައެޅި ޖީއެސްޓީ ފައިސާ ދެއްކުން ފަސްކުރަން ހައި ކޯޓުން އަމުރުކޮށްފި އެވެ.

ހޮސްޕިޓަލް މަޝްރޫއަށް ޓެކްސް ދެއްކުން ފަސްކުރާ އަމުރެއް
ނާޒިމް ހަސަން
ނާޒިމް ހަސަން

05 ފެބުރުއަރީ 2025

ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަޝްރޫއާ ގުޅިގެން ދިވެހި ދައުލަތަށް ދައްކަންޖެހޭ ކަމަށް ސިވިލް ކޯޓުން ކަނޑައެޅި ޖީއެސްޓީ ފައިސާ ދެއްކުން ފަސްކުރަން ހައި ކޯޓުން އަމުރުކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް އެޅުމަށް 140 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) އަށް ހަވާލުކުރީ ޗައިނާގެ ޗަންގް ހުވާ ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ. އެ ކުންފުނިން ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެ ކޯޓުން ނިންމީ އެ މަޝްރޫއާ ގުޅިގެން ޖީއެސްޓީގެ ގޮތުގައި ދިވެހި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދައްކަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށެވެ.

ޗަންގް ހުވާ ކުންފުނިން މިހާތަނަށް ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ދެއްކި 227،000ރ. އަނބުރާ ދޭން އެ ހުކުމުގައި އަންގާފައިވެ އެވެ. އެ ހުކުމް އެޓާނީ ޖެނެރަލްގެ އޮފީހުން ހައި ކޯޓަށް ހުށަހަޅައި، ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލުމުގެ އަމުރަކަށް އެދުނެވެ.

ހައި ކޯޓުން އިއްޔެ މި މައްސަލާގައި ނެރުނު އަމުރުގައި ބުނީ، އެ ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލަން ނާންގައިފި ނަމަ އަދުލު އިންސާފަށް ހުރަސްއެޅިދާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންވެ، ހައި ކޯޓުން މައްސަލާގައި ގޮތެއް ކަނޑައަޅަންދެން ހުކުމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނާޅަން ހައި ކޯޓުން އެންގި އެވެ.

ހައި ކޯޓުގެ އެ އަމުރާ އެކު، ސިވިލް ކޯޓުގައި އޮތް ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި، އިއްޔެ އެ މައްސަލަ ވަނީ ކޯޓުން ބޭރުކޮށްލައިފަ އެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން މަޝްރޫއުގެ އެއްބަސްވުމުގެ މާއްދާތައް ހުރިގޮތުން މަޝްރޫއު އަގުގެ ގޮތުގައި 140 މިލިއަން ޑޮލަރު ކަނޑައަޅާފައިވަނީ ޖީއެސްޓީގެ ފައިސާ ނުހިމެނޭ ގޮތަށެވެ. އެހެންވެ، ޖީއެސްޓީ ދެއްކުމުގެ ޒިންމާ އުފުލަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށް ހުކުމުގައިވެ އެވެ.