Roadha Mihaaru
ބަރެސްދޫ ވަގުތީ ގޮތުން އެގްރޯނެޓާ ހަވާލުކޮށްފި

ބަރެސްދޫ ވަގުތީ ގޮތުން އެގްރޯނެޓާ ހަވާލުކޮށްފި

07 ސެޕްޓެމްބަރ 2022

ލ. ބަރެސްދޫ ބެލެހެއްޓުމަށް އެމްއައިޓީޑީސީން އެގްރޯނެޓާ ހަވާލުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ލ. ބަރެސްދޫ ބެލެހެއްޓުމަށް އެމްއައިޓީޑީސީން އެގްރޯނެޓާ ހަވާލުކޮށްފި އެވެ.

އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު މިއަދު ވިދާޅުވީ، އެ ރަށް ބެލެހެއްޓުން ވަގުތީ ގޮތުން އެގްރޯނެޓާ ހަވާލުކުރީ، ކުރިން އެކަން ކުރި އަމިއްލަ ފަރާތުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ކަމަށެވެ.

އޭނާ ވިދާޅުވީ، ބަރެސްދޫ ފަދަ ބޮޑު ރަށެއް ބެލެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއް ކަމަކަށް ވާއިރު، އެގްރޯނެޓާ އެ ރަށް ހަވާލުކުރީ އެ ކުންފުނީގެ މުހިއްމު ޕްރޮޖެކްޓެއް ލ. އަތޮޅުގައި ކުރިއަށް ގެންދާތީ އާއި އެ މަސައްކަތް ކުރަން އިތުރަށް ފަސޭހަވާނެތީ ކަމަށެވެ.

އެގްރޯނެޓުގެ ބޭނުމަކީ ރާއްޖޭގައި ދަނޑުވެރިކަން މިހާރަށް ވުރެ ފުޅާކުރުމަށް ބޭނުންވާ ފަންނީ އަދި އިދާރީ އެހީތެރިކަން ފޯރުކޮށްދީ، އެ ދާއިރާ ފުޅާކުރެވޭނެ ގޮތްތައް ފަހިކުރުމެވެ.

"އެ ވަރުގެ ރަށެއް ޖެހޭ ބަލަހައްޓަން. ޕްރޮޖެކްޓް ފެށެންވާއިރަށް ވެސް އެ ރަށް ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ އަޅުގަނޑުމެންގެ ވާޖިބެއް،" ރާއިދު ވިދާޅުވި އެވެ.

މި ސަރުކާރު ވެރިކަމަށް އައިސް ބަރެސްދޫގައި އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީ ކުރުމުގެ މަސައްކަތުގެ ޑިޒައިން އެއްކޮށް ވަނީ ބަދަލުކޮށްފަ އެވެ.

އާ ޑިޒައިންގެ ދަށުން ބަރެސްދޫގައި 683 އެނދު ތަރައްގީ ކުރާނެ އެވެ. ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު ހަރަދުކޮށްގެން އެ ރަށުގައި ހަދަނީ ކުރިން ޑިޒައިން ކުރި ކުދިކުދި ގެސްޓް ހައުސްތަކުގެ ބަދަލުގައި ބޭރުގެ މަަހުޖަހުންނަށް ބިން ދިގު މުއްދަތަށް ދެވޭނެ ފަދަ ގޮތަކަށް ވިލާތައް ވެސް ހިމެނޭ ގޮތަށެވެ.

ބަރެސްދޫ ތަރައްގީ ކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އެވެ. އެ އަށް ފަހު އެކި ސަބަަބުތަކާ އެކު އެ ޕްރޮޖެކްޓް ވަނީ ކުރިއަށް ނުގެންދެވޭ ގޮތް ވެފަ އެވެ. އެޕްރޮޖެކްޓްގެ މަސައްކަތް މި އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް ކުރިން އެމްއައިޓީޑީސީން ބުންޏެވެ. ނަމަވެސް އަދި މިހާތަނަށް އެ މަސައްކަތެއް ނުފެށެ އެވެ.