Roadha Mihaaru
ކަންގަނާ ބޭނުންވަނީ ކަރަން "ޖަލަށް" ލާން

ކަންގަނާ ބޭނުންވަނީ ކަރަން "ޖަލަށް" ލާން

19 ފެބުރުއަރީ 2022

ބޮލީވުޑްގެ އެކްޓްރެސް ކަންގަނާ ރާނަވަތު ހޮސްޓުކުރަން ތައްޔާރުވަމުން އަންނަ ރިއަލިޓީ ޝޯ "ލޮކް އަޕް" ގައި އޭނާ "ޖަލަށް" ލާ ބޭނުންވާ މީހުންގެ ލިސްޓުގައި ޑައިރެކްޓަރު ކަރަން ޖޯހަރު ވެސް ހިމެނޭ ކަމަށް އޭނާ ބުނެފި އެވެ.

ބޮލީވުޑްގެ އެކްޓްރެސް ކަންގަނާ ރާނަވަތު ހޮސްޓުކުރަން ތައްޔާރުވަމުން އަންނަ ރިއަލިޓީ ޝޯ "ލޮކް އަޕް" ގައި އޭނާ "ޖަލަށް" ލާ ބޭނުންވާ މީހުންގެ ލިސްޓުގައި ޑައިރެކްޓަރު ކަރަން ޖޯހަރު ވެސް ހިމެނޭ ކަމަށް އޭނާ ބުނެފި އެވެ.

ޓީވީ ޕްރޮޑިއުސާ އެކްތާ ކަޕޫރް ގެނެސްދޭ "ލޮކް އަޕް" ގެ މައުލޫމާތު ދިނުމަށް ބޭއްވި ނިއުސް ކޮންފަރެންސްއެއްގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުން ދެމުން ކަންގަނާ ވަނީ އޭނާގެ ރިއަލިޓީ ޝޯގެ ބައިވެރިންގެ ގޮތުގައި ހިމަނަން ބޭނުންވާ ސެލެބްރިޓީންގެ ލިސްޓެއް ކިޔައިދީފަ އެވެ.

"އަހަރެންގެ ޖަލަށް ވައްދަން ޖެހޭ ވަރަށް ބައިވަރު މީހުން އެންޓަޓެއިންމަންޓް އިންޑަސްޓްރީގައި އެބަ ތިބި. އަހަރެންގެ ބަންދުގައި ހުންނާނެ އެންމެ ފޭވަރިޓް މީހަކަށް ވާނީ އަހަރެންގެ ބެސްޓް ފްރެންޑް، ކަރަން ޖޯހަރް،" ކަންގަނާ ބުންޏެވެ.

ބޮލީވުޑްގެ ސްޓާރުންގެ ދަރިންނަށް ފިލްމުތައް ދީ، އެ އިންޓަސްޓްރީގައި "ނެޕޮޓިޒަމް" ފެތުރުމުގައި އިސްކޮށް އުޅެނީ ކަރަން ކަމަށް ކަންގަނާ ތުހުމަތުކުރުމުން، އެ ދެ ތަރިންގެ ގުޅުން ގޯސްވެފައި އޮންނަތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ. އެހެންވެ، އޭނާގެ އެ ވާހަކަ އަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.

އޭނާގެ "ޖަލަށް" ލާން ބޭނުންވާ ތަރިންގެ ލިސްޓުގައި ދެން ހިމެނެނީ އެކްތާ އާއި އަމީތާބް ބައްޗަން އަދި އާމިރް ޚާން އެވެ.

"ބިގް ބޮސް" އާ އެއްގޮތް ކަމެއް ހުންނާނެ އެ ޝޯގައި ވެސް "ޖަލެއްގެ" ތެރޭގައި ބައިވެރިންތަކެއް ބަންދުކޮށް، އެމީހުން އުޅޭ ގޮތަށް 24/7 ފެންނަން ހުންނާނެ އެވެ. އަދި އެކި ހަފުތާތަކަށް ބަހާލައިގެން އެއް ވަނަ އަށް އަންނަ މީހަކު ހޮވާނެ އެވެ. އެ ޝޯގައި މިފަހަރު 16 ބައިވެރިން ފެންނާނެ އެވެ.

އެ ޝޯ ދައްކާނީ މި މަހު 27 އިން ފެށިގެން އެކްތާގެ އަމިއްލަ ސްޓްރީމިން ޕްލެޓްފޯމް "އެލްޓް ބަލާޖީ" އިންނެވެ.