Roadha Mihaaru
"ނާގިން 6" ގެ ކާސްޓުން އަދި ފައިނަލެއް ނުކުރޭ

"ނާގިން 6" ގެ ކާސްޓާ ބެހޭ ވާހަކަތައް އެކްތާ ދޮގުކޮށްފި

16 ޖެނުއަރީ 2022

ކަލާޒް ޗެނެލުން ގެނެސްދޭން ތައްޔާރުވަމުން އަންނަ އެކްތާ ކަޕޫރްގެ ސުޕަނެޗުރަލް ސިލްސިލާ "ނާގިން" ސީޒަން ހައެއްގެ ބަތަލާއިންނަކީ ރުބީނާ ދިލައިކާ އާއި ތޭޖާޝްވީ ޕްރަކާޝް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވާތީ އެކަން އޭނާ ދޮގުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަލާޒް ޗެނެލުން ގެނެސްދޭން ތައްޔާރުވަމުން އަންނަ އެކްތާ ކަޕޫރްގެ ސުޕަނެޗުރަލް ސިލްސިލާ "ނާގިން" ސީޒަން ހައެއްގެ ބަތަލާއިންނަކީ ރުބީނާ ދިލައިކާ އާއި ތޭޖާޝްވީ ޕްރަކާޝް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވާތީ އެކަން އޭނާ ދޮގުކޮށްފި އެވެ.

އިންސްޓަގްރާމްގައި އޭނާ ބުނީ ކާސްޓުން އަދި ފައިނަލް ނުކުރާ ކަމަށާއި އެކަމަކު ބައެއް ތަރިންނަށް "ނާގިން 6" ހުށަހަޅައި، ބައެއް ތަރިން މިހާރު ނަގާފައިވާ ކަމަށެވެ. އެކަމަކު ކާސްޓަ ބެހޭ ގޮތުން އާންމުންގެ ހިޔާލު ވެސް ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

"ނާގިން 6" ގެ ބަތަލާއިންގެ ގޮތުގައި ފެންނާނެ ކަމަށް މީޑިއާތަކުން ބުނި ރުބީނާ އަކީ "ބިގް ބޮސް 14" ކާމިޔާބުކުރި ބަތަލާ އެވެ. އަދި ތޭޖާޝްވީ އަކީ މިހާރު ދައްކަމުން އަންނަ "ބިގް ބޮސް 15" ގައި ވާދަކުރަމުން އަންނަ ބައިވެރިއެކެވެ. ބައެއް މީޑިއާތަކުން ބުނި ގޮތުގައި އެކްތާގެ ޓީމުން މިހާރު ނިންމާފައި ވަނީ ސަލްމާން ޚާން ހޯސްޓްކުރާ "ބިގް ބޮސް 15" ނިމުމުން ކާސްޓްގައި ތޭޖާސްވީ ހިމަނައިގެން "ނާގިން 6" ގެނެސްދޭށެވެ.

މި ސިލްސިލާގެ ކާސްޓާ ބެހޭ ގޮތުން އެކި ކަހަލަ ވާހަކަތައް ދެކެވެމުން އަންނަ، މީގެ ޕްރޮމޯއެއް ކަލާޒް އިން ދައްކަމުން އަންނަނީ މި މަހުގެ 14 އިން ފެށިގެންނެވެ. އެކަމަކު އެއިން އެއްވެސް ކާސްޓެއް ނުފެނެ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން "ނާގިން 6" ގެ ބަތަލުގެ ރޯލުން މި ސިލްސިލާގެ ފުރަތަމަ ސީޒަންގެ ބަތަލުގެ ރޯލު ކުޅުނު އަރުޖުން ބިޖްލާނީ ވެސް ފެންނާނެ އެވެ.

"ނާގިން" ސިލްސިލާގައި އަބަދު ވެސް އެންމެ ހާއްސަ ބަޔަކީ މީގެ ބަތަލާއިންނެވެ. އެއީ ހަރުފަ އަށް ބަދަލުވާ އަންހެނުންތަކެއްގެ ރޯލެވެ. މީގެ ބަތަލާއިންގެ ރޯލު ކުޅެފައިވާ ތަރިންގެ ތެރޭގައި މޯނީ ރޯއި، އަނީތާ ހަސަނަންދާނީ، ޖޭސްމީން ބަސީން، ސުރްބީ ޖޯތީ، އަދާ ޚާން، ހީނާ ޚާން، ނިއާ ޝަރުމާ އަދި ސުރްބީ ޗަންދަނާ ހިމެނެ އެވެ.