Roadha Mihaaru
އެކްތާގެ "ނާގިން 6" ގެ ޓީޒާއެއް ދައްކާލައިފި

"ނާގިން" ސީޒަން ހައެއްގެ ޓީޒާއެއް ދައްކާލައިފި

04 ޖެނުއަރީ 2022

މި މަހު ގެނެސްދޭނެ ކަމަށް އިއުލާންކޮށްފައިވާ ޕްރޮޑިއުސަރު އެކްތާ ކަޕޫރްގެ ކާމިޔާބު ސުޕަނެޗްރަލް ސިލްސިލާ "ނާގިން" ގެ ހަ ވަނަ ސީޒަންގެ ޓީޒާއެއް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހު ގެނެސްދޭނެ ކަމަށް އިއުލާންކޮށްފައިވާ ޕްރޮޑިއުސަރު އެކްތާ ކަޕޫރްގެ ކާމިޔާބު ސުޕަނެޗްރަލް ސިލްސިލާ "ނާގިން" ގެ ހަ ވަނަ ސީޒަންގެ ޓީޒާއެއް ދައްކާލައިފި އެވެ.

ޓީޒާ ނެރުނަސް، މި ސިލްސިލާ ދައްކަން ފަށާނެ ސީދާ ތާރީހެއް އަދި އިއުލާން ނުކުރެ އެވެ. އެކަމަކު ކުރިން ބުނެފައި ވަނީ މި މަހު 30 ގައި އެ ދައްކަން ފަށާނެ ކަމަށެވެ.

އާ އަހަރާ އެކު އެކްތާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް، ބާލާޖީން ގެނެސްދޭ ފުރަތަމަ ސިލްސިލާއަކަށް "ނާގިން 6" ވާނެކަން ކަށަވަރުކޮށް ދިނަސް މީގެ ކާސްޓުންނަކީ ކޮބައިކަމެއް ވެސް އަދި ނޭނގެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން "ނާގިން 6" ގެ ބަތަލުގެ ރޯލުން، ފުރަތަމަ ސީޒަންގެ ބަތަލު އަރުޖުން ބިޖްލާނީ ފެންނާނެ އެވެ. އެކަމަކު އެއީ އަދި ކަށަވަރު ވާހަކައެއް ނޫނެވެ.

މިކަމާ ބެހޭ ގޮތުން މިދިޔަ ހަފުތާގައި މީޑިއާއަކުން އޭނާއާ ސުވާލުކުރުމުން ބުނީ، "ނާގިން"ގެ ފުރަތަމަ ސީޒަން ކުޅެން ލިބުނު އެކްޓަރެއްގެ ހައިސިއްޔަތުން ވަރަށް އުފާވާ ކަމަށާއި އެކްތާގެ ފަރާތުން ލިބޭ ފުރުސަތުތަކަށް ދުވަހަކު ވެސް ނޫނެކޭ ނުބުނާނެ ކަމަށެވެ.

މީޑިއާތަކުން ބުނެފައިވާ ގޮތުގައި "ނާގިން 6" ގެ ބަތަލާގެ ރޯލުން މި ފަހަރު ފެނުމުގެ ފުރުސަތު ބޮޑީ ސްޓާ ޕްލަސްގެ ސުޕަނެޗްރަލް ސިލްސިލާ "ނަޒަރު" އާއި ސޮނީގެ "ޔޭ މޯ މޯ ކެ ދާގޭ" ކުޅެގެން އާންމުންގެ ލޯބި ހޯދި ނިޔަތީ ފަތުނާނީ އެވެ.

ހަ ވަނަ ސީޒަން ގެނެސްދޭން ތައްޔާރުވާ އިރު މިދިޔަ އަހަރު "ނާގިން 5" ނިންމާލައި އޭގެ ސްޕިން-އޮފެއްގެ ގޮތުގައި ތަފާތު ކާސްޓަކާ އެކު "ކުޗް ތޯ ހޭ: ނާގިން އޭކް ނަޔޭ ރަންގް މޭ" ކިޔާ ސިލްސިލާއެއް ވެސް ގެނެސްދިނެވެ.

ހަރުފަ އަށް ބަދަލުވާ އަންހެނެއްގެ ވާހަކަ ކިޔައިދޭ "ނާގިން" އަކީ 2015 އިން ފެށިގެން ގެނެސްދެމުން އަންނަ ސިލްސިލާއެކެވެ. ކޮންމެ ސީޒަނެއްގައި ވެސް އެންމެ ހާއްސަ މީހަކީ ނާގިން ނުވަތަ ހަރުފައެއްގެ ރޯލު ކުޅޭ ބަތަލާ އެވެ. "ނާގިން" ގެ ބަތަލާގެ ރޯލު ކުޅެފައިވާ ތަރިންގެ ތެރޭގައި މޯނީ ރޯއި، އަނީތާ ހަސަނަންދާނީ، ޖޭސްމީން ބަސިން، ސުރުބީ ޖޯތީ، އަދާ ޚާން، ހީނާ ޚާން، ނިއާ ޝަރުމާ އަދި ސުރުބީ ޗަންދަނާ ހިމެނެ އެވެ.