Roadha Mihaaru
ތިން އައްޑާއެއް ބަންދުކުރިޔަ ނުދޭން ގަދަ ދައްކަނީ!

ތިން އައްޑާއެއްގައި ގަދަ ދައްކަނީ، ވެރިފަރާތް ވެސް މަގުމައްޗަށް އެއްލައިލި!

22 ފެބުރުއަރީ 2022

މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރި ހިންގި ހުރިހާ ތަނެއް ބަންދުކޮށްފައި ވިޔަސް ތިން ތަނެއްގައި ގްރޫޕްތަކުން ގަދަ ދައްކައި ބަންދުކުރާ އިރަށް ހުޅުވަމުންދާ ކަމަށް ފުލުހުން އިއްޔެ ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރި ހިންގި ހުރިހާ ތަނެއް ބަންދުކޮށްފައި ވިޔަސް ތިން ތަނެއްގައި ގްރޫޕްތަކުން ގަދަ ދައްކައި ބަންދުކުރާ އިރަށް ހުޅުވަމުންދާ ކަމަށް ފުލުހުން އިއްޔެ ބުނެފި އެވެ.

މަސްތުވާތަކެތީގެ އާއްމު ވިޔަފާރި ހުއްޓުވަން އައްޑާތައް ބަންދުކުރުމުގެ އޮޕަރޭޝަންގައި މާލޭގެ ހުރިހާ ތަނެއްގެ ވިޔަފާރި ފުލުހުން ހުއްޓުވައިލި އެވެ. އެކި ސަރަހައްދުތަކުގައި ފުޅާކޮށް ހިންގި 46 އައްޑާއެއްގައި ތަޅުއެޅުވިޔަސް އޭގެ ތެރެއިން ތިން ތަނެއްގެ ވެރިން ދަނީ ފުލުހުންނަށް ރުޅި ބާލައި ގަދަކަން ދައްކަމުންނެވެ. ފުލުހުން ގޮސް ބަންދުކުރާ އިރަށް ތަން ފަޅާލައި ވަދެ ވިޔަފާރި ކުރިއަށް ގެންދަނީ އެވެ.

"އެ ތިން ތަން އެތައް ފަހަރެއްގެ މަތިން އަޅުގަނޑުމެން ބަންދު ކޮށްފިން. ހަމަ ފަޅާލަނީ. ވެލްޑިން ކޮށްގެން ތިން މަސްކުރިން ބަންދުކުރީމާ ވެސް ފަޅާލި. އެކަމަކު ރޭގައި [އާދީއްތަ ދުވަހުގެ ރޭ] ވެސް އަޅުގަނޑުމެން މި ތަންތަން ބަންދުކޮށްފައި ވާނީ," ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.

ރާއްޖޭގެ މަސްތުވާތަކެތީ ހާލަތު އޮތް މިންވަރު ފުލުހުން ކިޔައިދެނީ: ތިން އައްޑާއެއް ބަންދުކުރަން ދަނީ ހުރަސްއަޅަމުން. -- ފޮޓޯ: ނިޝާން އަލީ / މިހާރު

ރާއްޖޭގެ މަސްތުވާތަކެތީ ހާލަތު އޮތް މިންވަރު ފުލުހުން ކިޔައިދެނީ: ތިން އައްޑާއެއް ބަންދުކުރަން ދަނީ ހުރަސްއަޅަމުން. -- ފޮޓޯ: ނިޝާން އަލީ / މިހާރު

އެ ތަން ފަޅާލައި އެ ގުރޫޕް މީހުން ވަންނަނީ ޕެޓްރޯލްކުރަން ތިބެފައި ފުލުހުން އެ ތަނުން ދާ ވަގުތުތަކުގަ އެވެ.

މީގެ ތެރެއިން އެއް ގޭގެ ވެރިފަރާތަށް އެ މީހުންގެ ނުރައްކާ އޮތީ ބޮޑުވެފަ އެވެ.

ވިޔަފާރި ހުއްޓުވައި އެ މީހުން އެތަނުން ބޭރުކޮށް ތަޅުއެޅުވުމުން ރުޅި ބޭލީ ގޭގެ ވެރިފަރާތަށެވެ. މަސްތުވާތަކެތީގެ ހާލަތު ކިޔައިދޭން ފުލުހުން އިއްޔެ ބޭއްވި "މީޑިއާ އިވެންޓް" ގައި ދެއްކި ފޮޓޯއެއްގައި ފެންނަން އޮތީ ގެއަށް ވަންނަ ގޯޅިތެރެއަށް ގޭގެ ވެރިފަރާތް އެއްލާލާފައި އޮއްވަ އެވެ.

ފުލުހުން ބުނީ އެ ގޭގެ ވެރިފަރާތަށް ބިރުދައްކައި މަގުމައްޗަށް އެއްލާލީ އޭނާގެ އެއްބާރުލުމާ އެކު އެތަން ބަންދުކުރާތީ ކަމަށެވެ.

"ގޯޅިތެރެއަށް ގޭގެ ވެރިފަރާތް އެއްލާލާފައި އެ މީހުން ވަދެ މަސްތުވާތަކެތި ބޭނުންކުރަނީ. އޭނާ ކޮޓަރި ތެރޭގައި އޮތަސް ވަށާލައިގެން ތިބެ ވެސް މަސްތުވާތަކެތި ބޭނުންކުރޭ," އޮފިޝަލް ވިދާޅުވި އެވެ.

މާލޭގައި މަސްތުވާތަކެތި ބޭނުންކުރަން ހަދާފައިވާ އައްޑާތަކުގެ ހާލަތު ހުންނަ ގޮތް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާލޭގައި މަސްތުވާތަކެތި ބޭނުންކުރަން ހަދާފައިވާ އައްޑާތަކުގެ ހާލަތު ހުންނަ ގޮތް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުލުހުން ބުނި ގޮތުގައި އައްޑާތައް ހަދައި އެއްވެސް ތަނެއްގައި އެ ވިޔަފާރި ހިންގިޔަ ނުދޭނެ އެވެ.

ކެފޭގެ އުސޫލުން އެތަނުގައި ތިބެ ހިދުމަތް ހޯދާ ގޮތަށް ފުޅާދާއިރާގައި އެކަން ފެށީ 2015 ގަ އެވެ. އެ ތަންތަން ބަންދުކުރަން ފުލުހުން މަސައްކަތްތަކެއް ކުރިއަސް ބަންދު ނުވީ އެ މީހުންގެ ބާރުގަދަކަމާއި ގާނޫނީ ހުރަސްތައް ވެސް ހުރެގެންނެވެ. އޭރު އެ އިން ތަނެއްގައި އެއްފަހަރާ މަސްތުވާތަކެތި ބޭނުންކުރަން 20-25 މީހުން ވެސް ތިބެ އެވެ.

އެ ތަނުގައި ބޭނުންކޮށްފައި އެއް ބަޔަކު ނުކުތުމުން އެހެން ބަޔަކަށް އަނެއްކާވެސް އޮންނަނީ ވިޔަފާރި ހުޅުވިފަ އެވެ.

އައްޑާއެއްގެ ފާރުގައި ވިޔަފާރީގެ މައުލޫމާތުތައް ހުންނަ ގޮތް. -- ފޮޓޯ: ނިޝާން އަލީ / މިހާރު

އައްޑާއެއްގެ ފާރުގައި ވިޔަފާރީގެ މައުލޫމާތުތައް ހުންނަ ގޮތް. -- ފޮޓޯ: ނިޝާން އަލީ / މިހާރު

މި ފަހުން ފުލުހުން އެ ތަންތަން ބަންދުކުރަން ފެށީ ޕްރޮސިކިއުޓަ ޖެނެރަލްއާ މަޝްވަރާކޮށް، މަސްތުވާތަކެތީގެ ގާނޫނުގެ ދަށުންނެވެ. އައްޑާތައް ހިންގާ ގެތަކުގެ ވެރިފަރާތަށް އެ ތަނުގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގައި ބޭނުންކުރާ ކަން އަންގައި ގާނޫނީ އިންޒާރު ދިނުމަށް ފަހު އެވެ. ބައެއް ގެތަކަށް ދައުވާކުރަން ވެސް ކޯޓަށް ހުށަހަޅާފައިވެ އެވެ.