Roadha Mihaaru
ކުޑަކުދިންނަށް ތިން ވަނަ ކޮވިޑް ވެކްސިނެއް ހުއްދަކޮށްފި

އިންޑިއާގައި ކުޑަކުދިންނަށް ތިން ވަނަ ކޮވިޑް ވެކްސިނެއް ހުއްދަކޮށްފި

22 ފެބުރުއަރީ 2022

އިންޑިއާގައި ކުޑަކުދިންނަށް ދިނުމަށް ތިން ވަނަ ކޮވިޑް ވެކްސިނަކަށް، އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން ހުއްދަ ދީފި އެވެ.

އިންޑިއާގައި ކުޑަކުދިންނަށް ދިނުމަށް ތިން ވަނަ ކޮވިޑް ވެކްސިނަކަށް، އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން ހުއްދަ ދީފި އެވެ.

އުމުރުން 17 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް ދިނުމަށް އިންޑިއާގައި ހުއްދަ ކުރި ތިން ވަނަ ކޮވިޑް ވެކްސިނަކީ، ޓެކްސަސް ޗިލްޑްރަންސް ހޮސްޕިޓަލާއި ހިއުސްޓަންގެ ބޭލާ ކޮލެޖް އޮފް މެޑިސިން އިން އީޖާދުކުރި ކޯބްވެކްސް އެވެ. އިންޑިއާގައި ބޭނުންކުރާނީ އެ ދެ ކުންފުނިން ދީފައިވާ ހުއްދައިގެ ދަށުން، އިންޑިއާގެ ބަޔޮލޮޖިކަލް އީ ލިމިޓެޑުން އިންޑިއާގައި އުފައްދާ ކޯބްވެކްސް ވެކްސިނެވެ.

މި ބާވަތުގެ ކޮވިޑް ވެކްސިންގެ ފަސް ލައްކަ ޑޯޒް ގަތުމަށް އިންޑިއާ ސަރުކާރުން މިހާރު ވެސް ވަނީ އޯޑަރު ދީފަ އެވެ. ލަފާކުރެވޭ ގޮތުގައި ސަރުކާރުގެ އެ އޯޑަރަށް ވާވަރަށް ވެކްސިން އުފައްދައި ސަރުކާރާ ހަވާކުރާނީ މި ހިނގާ ފެބްރުއަރީ މަސް ނިމޭހާ ތާނގަ އެވެ.

ކުޑަކުދިން ކޮވިޑުން ދިފާއުކުރުމުގެ ގޮތުން ކުއްލި ހާލަތުގައި ބޭނުންކުރުމަށް އިންޑިއާގެ ކަމާ ބެހޭ އިދާރާތަކުން މިހާރުވެސް ވަނީ ދެ ވެކްސިނަކަށް ހުއްދަ ދީފަ އެވެ. އެއީ އިންޑިއާގެ ބާރަތު ބަޔޯޓެކް އިން އުފައްދާފައިވާ ކޮވެކްސް އާއި އިންޑިއާގެ ކެޑިލާ ހެލްތުކެއާ ކުންފުނިން އުފައްދާފައިވާ ޒީކޮވް-ޑީ އެވެ.

މީގެ ތެރެއިން ކޮވެކްސް ވެކްސިން ދެމުން އަންނަނީ އުމުރުން 15 އަހަރުން މަތީގެ ކުޑަކުދިންނަށް އެކަންޏެވެ. ކޮވިޝީލްޑް ވެކްސިން އުފެއްދި އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން، ކުޑަކުދިންނަށް ހާއްސަކޮށް އުފެއްދި ކޮވިޑް ވެކްސިން ކޮވޯވެކްސް، ކުއްލި ނުރައްކަލުގެ ހާލަތުގައި ބޭނުންކުރުމުގެ ހުއްދަ ހޯދުމަށް މިހާރު ވަނީ އިންޑިއާގެ ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅައިފަ އެވެ. ސީރަމް އިންސްޓިޓިއުޓުން އެ ވެކްސިން އުފައްދާފައިވަނީ 12-17 އަހަރުގެ ކުދިންނަށް ދިނުމަށެވެ.

އިންޑިއާ ސަރުކާރުން ހުއްދަ ދިނުމާ އެކު، 12 އަހަރުން ދަށުގެ ކުދިންނަށް ދިނުމަށްޓަކައި އެ ވެކްސިން އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ސީރަމް އިންސްޓިޓިއުޓުން ބުނެ އެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި، ސީރަމް އިންސްޓިޓިއުޓްގެ ވެކްސިނަށް ހުއްދަ ދިނުމާ ގުޅޭ ގޮތުން، ކަމާ ބެހޭ ތަޖުރިބާކާރުންގެ ކޮމިޓީ މި މަސް ނިމޭ ހިސާބުގައި ބައްދަލުކުރާނެ އެވެ.