Roadha Mihaaru
އިޓަލީގެ ބަޔަކު ޕޮޒިޓިވްވެ، ލެބޯޓެރީގެ މައްސަލަ

އިންޑިއާ އަށް ދިޔަ އިޓަލީގެ ބަޔަކު ޕޮޒިޓިވްވެގެން ލެބޯޓެރީއަށް ފިޔަވަޅު އަޅައިފި

12 ޖެނުއަރީ 2022

އިޓަލީ ވިލާތުން އިންޑިއާ އަށް އައި ދަތުރުވެރިންތަކެއް ކޮވިޑަށް ޓެސްޓުކުރި އިރު، އެމީހުންގެ ނަތީޖާ ޕޮޒިޓިވްވުމާ ގުޅިގެން، އެމީހުންގެ ސާމްޕަލްތައް ތަހުލީލު ކުރި ލެބޯޓެރީގެ ކަންތައް ތަހުގީގުކޮށް ފިޔަވަޅު އަޅައިފި އެވެ.

އިޓަލީ ވިލާތުން އިންޑިއާ އަށް އައި ދަތުރުވެރިންތަކެއް ކޮވިޑަށް ޓެސްޓުކުރި އިރު، އެމީހުންގެ ނަތީޖާ ޕޮޒިޓިވްވުމާ ގުޅިގެން، އެމީހުންގެ ސާމްޕަލްތައް ތަހުލީލު ކުރި ލެބޯޓެރީގެ ކަންތައް ތަހުގީގުކޮށް ފިޔަވަޅު އަޅައިފި އެވެ.

އިޓަލީން އައި ދެ މަތިންދާބޯޓަކުން ދަތުރުކުރި 300 އަށް ވުރެ ގިނަ ދަތުރުވެރިން، އިންޑިއާ އަށް އެތެރެވުމަށް ފަހު، އަމިއްލަ ބަޔަކު ހިންގާ ލެބޯޓެރީއެއް މެދުވެރިކޮށް ހެދި ޓެސްޓުތަކުން، އޭގެ ތެރެއިން 290 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ކޮވިޑަށް ޕޮޒިޓިވްވި މީހުން ތުހުމަތުކުރާ ގޮތުގައި އެމީހުންގެ ހަށިގަނޑުން ނެގި ސާމްޕަލްތައް ޕޮޒިޓިވްކަމަށް ދައްކާފައިވަނީ، ލެބޯޓެރީގެ ފަންނީ ކުށަކުން ކަމަށް ބެލެވެ އެވެ.

މިދިޔަ ހަފުތާގައި އިޓަލީގެ ރޯމުން އިންޑިއާގެ އަމްރިޓްސަރަށް އައި މަތިންދާބޯޓެއްގެ 173 މީހެއްގެ ހަށިގަނޑުން ނެގި ސާމްޕަލް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި އިޓަލީގެ މިލާނުން އަމްރިޓްސަރަށް އައި މަތިންދާބޯޓަކުން ދަތުރުކުރި 125 މީހަކު ވެސް ކޮވިޑަށް ޕޮޒިޓިވްކަމަށް ދެއްކި އެވެ.

ފުރަތަމަ ހެދި ޓެސްޓުން ކޮވިޑަށް ޕޮޒިޓިވްވި ކަމަށް ދެއްކި މީހުންގެ ތެރެއިން 30 މީހެއްގެ ހަށިގަނޑުން ދެ ވަނަ ފަހަރަށް ސާމްޕަލް ނަގައިގެން އެއާޕޯޓްގައި ޓެސްޓުކުރުމުން، އޭގެ ތެރެއިން ޕޮޒިޓިވްވީ އެންމެ ތިން މީހުންނެވެ. އަމްރިޓްސަރު އެއާޕޯޓްގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، ގިނަ އަދަދެއްގެ ދަތުރުވެރިން ޕޮޒިޓިވްކަމަށް ދެއްކި ސާމްޕަލްތައް ތަހުލީލުކުރި، ސްޕައިސް ހެލްތު ކިޔާ ލެބޯޓެރީގެ ހިދުމަތް މިވަގުތު ބޭނުން ނުކުރުމަށް އެއާޕޯޓުން ވަނީ ނިންމައިފަ އެވެ.

އެއާޕޯޓް އޮފިޝަލުން ވިދާޅުވި ގޮތުގައި، ސާމްޕަލްތައް ޕޮޒިޓިވްކަމަށް ދެއްކީ، ސާމްޕަލްތައް ތަހުލީލު ކުރުމުގައި ބޭނުންކުރި އާލާތްތަކުގައި ހުރި ފަންނީ ކުށަކުން ކަމަށް ވިޔަސް، ތަހުލީލުކުރި މީހުންނަށް ހެދުނު ގޯހަކުން ކަމަށް ވިޔަސް، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ އެވެ.

އަމްރިޓްސަރުގެ ސިވިލް ސާޖަން ޑރ. ޗަރަންޖީތު ސިންގް ވިދާޅުވި ގޮތުގައި އެ ލެބޯޓެރީގެ މައްސަލަ ތަހުގީގުކުރުމުން އެނގުނީ، ކޮވިޑް ސާމްޕަލްތައް ތަހުލީލުކުރި މެޝިންތަކުގެ ކޮންޓްރޯލް ބައިގައި ފަންނީ މައްސަލަތަކެއް ހުރި ކަމެވެ. މެޝިންތަކުގެ ކޮންޓްރޯލް ބައިތައް ރަނގަޅަށް މަސައްކަތް ނުކުރާކަމަށް ފާހަގަކުރެވޭތީ، އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދަތުރުވެރިންގެ ސާމްޕަލްތައް ނަގައި ތަހުލީލުކުރުމުގެ މަސައްކަތް، ސްޕައިސް ހެލްތު ލެބޯޓަރީން އަމްރިޓްސަރު އެއާޕޯޓްގައި ކުރަމުން ދަނީ، އެއާޕޯޓު ހިންގާ އިދާރާއިން ކުއްޔަށް ހިފައިގެންނެވެ. ކޮވިޑްގެ ނުރައްކާތެރިކަން ބޮޑުކަމަށް އިންޑިއާ އިން ކަނޑައަޅާފައިވާ ގައުމުތަކުން އަންނަ މީހުން، އެއާޕޯޓަށް ފޭބުމަށް ފަހު، އެއާޕޯޓްގައި ކޮވިޑަށް ޓެސްޓު ކުރަންޖެހެ އެވެ.

ކޮވިޑް-19 ބަލިމަޑުކަން ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން ދާއިރު، އިންޑިއާގައި މިހާރު ދަނީ ކޮވިޑްގެ ތިން ވަނަ ރާޅެއް ފެތުރެމުންނެވެ. އިއްޔެ އެކަނިވެސް އިންޑިއާ އިން 167000 މީހަކަށް އަލަށް ކޮވިޑް ޖެހުނު ކަމަށް އިންޑިއާގެ ރަސްމީ ހިސާބުތައް ދައްކަ އެވެ.