Roadha Mihaaru
އިންޑިއާގެ ބޮޑެތި ސަހަރުތަކުގެ ކޮވިޑް އަދަދުތައް ދަށަށް

އިންޑިއާގެ ބޮޑެތި ސަހަރުތަކުގެ ކޮވިޑް އަދަދުތައް ދަށަށް

18 ޖެނުއަރީ 2022

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ އެކު، އިންޑިއާގެ ބޮޑެތި ސަހަރުތަކުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ދަށަށް ދާން ފަށައިފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ އެކު، އިންޑިއާގެ ބޮޑެތި ސަހަރުތަކުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ދަށަށް ދާން ފަށައިފި އެވެ.

އެ ގައުމުގެ ސިއްހީ އިދާރާތަކުން ބުނާގޮތުގައި، ވެރިރަށް ނިއު ދިއްލީ އާއި ވިޔަފާރީގެ މައި ސަހަރު ކަމުގައިވާ މުމްބާއީގައި، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް، އޭގެ ކުރީ ދެ ދުވަހާ އަޅާ ބަލާއިރު، މިދިޔަ ދެ ދުވަހު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.

މުމްބާއީގެ ކަމާ ބެހޭ އިދާރާތަކުން ބުނީ، އެ ސަހަރުގައި މިހާތަނަށް 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ކޮވިޑަށް ޕޮޒިޓިވްވި ދުވަހު، ޕޮޒިޓިވްވެފައިވަނީ 20،971 މީހަކު ކަމަށެވެ. އެއީ މި ޖެނުއަރީ މަހުގެ ކުރީކޮޅުގެ ތެރޭގަ އެވެ.

ނަމަވެސް މިދިޔަ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ދެ ދުވަހު ވެސް، ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 10،000 އަށް ވުރެ ދަށަށް ވެއްޓިފަ އެވެ. މިދިޔަ އާދީއްތަ ދުވަހު މުމްބާއީން ކޮވިޑަށް ޕޮޒިޓިވްވީ 7،895 މީހުން ކަމަށް އެ ސަހަރުގެ މުނިސިޕަލް ކޯޕަރޭޝަނުން ބުނެ އެވެ.

ނިއު ދިއްލީގައި ވެސް އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވީ މި މަހުގެ ކުރީކޮޅެވެ. އެ ދުވަހު ދިއްލީން 28،867 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ. އޭގެ ފަހުން އިއްޔެއާ ހަމައަށް ވެސް، އެ އަދަދުތައް އައީ ދުވަހުން ދުވަހަށް ދަށްވަމުންނެވެ. އާދީއްތަ ދުވަހު ނިއު ދިއްލީން ކޮވިޑަށް ޕޮޒިޓިވްވީ 15 ހާހަށް ވުރެ މަދު މީހުން ކަމަށް ދިއްލީގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.

ނިއު ދިއްލީ އާއި މުމްބާއީގައި ވެސް ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް ދަށަށް ދާން ފަށާފައިވާ އިރު، ކޮވިޑް ޖެހުމުން ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު ވެސް އަންނަނީ ދަށްވަމުންނެވެ. އެ ދެ ސަހަރުގެ ކަމާ ބެހޭ އިދާރާތަކުން ބުނާ ގޮތުގައި، މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ގިނަ މީހުން ބަލިން ފަސޭހަ ވެފައި ވަނީ ގޭގައި ތިބެގެންނެވެ.

ކޮވިޑް ޖައްސާ ވައިރަހުގެ ބާވަތްތަކުގެ ތެރެއިން، މިހާތަނަށް އެންމެ ހަލުވިކޮށް ފެތުރޭ ކަމަށް ފާހަގަކުރެވިފައިވާ އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަސް އިންޑިއާ އިން ފެންނަން ފެށީ، މި މަހުގެ ކުރީކޮޅެވެ. އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަހާ އެކުގައި، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށި ނަމަވެސް، ހޮސްޕިޓަލުން ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރެއް ނުވެ އެވެ.

މުމްބާއީ އާއި ނިއު ދިއްލީގެ ސިއްހަތާ ބެހޭ އިދާރާތަކުން ބުނާ ގޮތުގައި ކޮވިޑަށް ފަރުވާ ދޭ ހޮސްޕިޓަލުތަކުގެ 80 ޕަސެންޓަށް ވުރެ ގިނަ އެނދު މިވަގުތު ހުރީ ހުހަށެވެ. އަދި ކޮވިޑް ޖެހިގެން ޑޮކްޓަރަށް ދައްކަން ދާ މީހުންގެ ފަރާތުން ވެސް ފެންނަނީ ވަރަށް އާދައިގެ އަލާމާތްތައް ކަމަށް، ކަމާ ބެހޭ އިދާރާތަކުން ބުނެ އެވެ.