Roadha Mihaaru
ރަޝިޔާއާ ދެކޮޅަށް އަޅާ ފިޔަވަޅުތައް އިއުލާންކުރަނީ

ރަޝިޔާއާ ދެކޮޅަށް އެމެރިކާ އަޅާ ފިޔަވަޅުތައް މިއަދު އިއުލާންކުރާނެ

22 ފެބުރުއަރީ 2022

ރަޝިޔާ ސިފައިން ޔޫކްރޭނަށް އެރުމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އެންގެވުމާ ގުޅިގެން، ރަޝިޔާއާ ދެކޮޅަށް އެމެރިކާ އިން އަޅާނެ ދަތިކުރުމުގެ ފިޔަވަޅުތައް މިއަދު އިއުލާންކުރާނެ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނަށް އެރުމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އެންގެވުމާ ގުޅިގެން، ރަޝިޔާއާ ދެކޮޅަށް އެމެރިކާ އިން އަޅާނެ ދަތިކުރުމުގެ ފިޔަވަޅުތައް މިއަދު އިއުލާންކުރާނެ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

ވަކިވެގަތުމަށް މަސައްކަތް ކުރާ ޔޫކްރޭންގެ އިރުމަތީގެ ދެ ޖުމްހޫރިއްޔާއަކީ މިނިވަން ދެ ދައުލަތް ކަމަށް ރަޝިޔާ އިން އިއުތިރާފްވެ، އެ ދެ ޖުމްހޫރިއްޔާ އަށް ރަޝިޔާ ސިފައިން ވަނުމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ރޭ ވަނީ ރިއާސީ ގަރާރެއް ނެރުއްވައިފަ އެވެ. އެ ދެ ޖުމްހޫރިއްޔާއަކީ އިރުމަތީ ޑޮންބަސް ސަރަހައްދުގައި އޮންނަ ޑޮނެޓްސްކް ޖުމްހޫރިއްޔާ އާއި ލުހަންސްކް ޖުމްހޫރިއްޔާ އެވެ.

އެމެރިކާ އިން ކުރިން ވެސް ބުނަމުން އައި ގޮތަށް، ރަޝިޔާގެ މި ނިންމުމާ ގުޅިގެން އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް އެމެރިކާ ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސް އިން ބުނި ގޮތުގައި ރަޝިޔާ އަށް ދަތިކުރުމަށް އަޅާނެ ފިޔަވަޅުތައް އިއުލާންކުރުމާ ގުޅޭ ގޮތުން ރަހްމަތްތެރި އެހެން ގައުމުތަކާ އެކުގައި މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ.

އަމިއްލަ އަށް މިނިވަންކަން އިއުލާންކޮށް، ރަޝިޔާ އިން އެކަން ގަބޫލުކުރި ދެ ޖުމްހޫރިއްޔާއާ ދެކޮޅަށް އެމެރިކާ އިން މިހާރު ވެސް ވަނީ ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް އަޅައިފަ އެވެ. އެ ގޮތުން އެ ދެ ޖުމްހޫރިއްޔާގެ އެއްވެސް މީހަކާ ނުވަތަ ކުންފުންޏަކާ އެކުގައި، އާ އިންވެސްޓްމެންޓެއް ގާއިމުކުރުމާއި ވިޔަފާރިކުރުމާއި މާލީ އެއްވެސް މުއާމަލާތެއް ހިންގުން ވަނީ މަނާކޮށްފަ އެވެ.

އެ ދެ ޖުމްހޫރިއްޔާގައި އުޅޭ ހަނގުރާމަވެރި ޖަމާއަތްތަކުން މިނިވަންކަން އިއުލާންކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ރަޝިޔާ އިން އަސްކަރީ އަދި މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަތާ އަހަރުތަކެއް ވެއްޖެ އެވެ.

ޔޫކްރޭންގެ އިރުމަތީގައި އޮންނަ ދެ ޖުމްހޫރިއްޔާ އިން އިއުލާންކުރި މިނިވަންކަން ރަޝިޔާ އިން ގަބޫލުކޮށް އެ ދެ ޖުމްހޫރިއްޔާ އަށް ސިފައިން ފޮނުވަން ނިންމުމާ ގުޅިގެން، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އެ ގައުމުތަކުން ބުނި ގޮތުގައި ރަޝިޔާގެ އެ އަމަލަކީ ޔޫކްރޭންގެ މިނިވަންކަން ނިގުޅައިގަތުމުގެ އަމަލެކެވެ.

އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ރޭ ބުނި ގޮތުގައި، ރައީސް ޕުޓިންގެ ނިންމެވުން ތަންފީޒުކުރަމުންދާ ގޮތް މިހާރު އަންނަނީ ދިރާސާކުރަމުންނެވެ. އަދި އެ ނިންމެވުން ތަންފީޒުކުރަމުންދާ ގޮތެއްގެ މަތިން، ރަޝިޔާއާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރާނެ ކަމަށް ވެސް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ބުނެ އެވެ.

ރަޝިޔާ ސިފައިން ޔޫކްރޭންގެ އިރުމަތީ ދެ ޖުމްހޫރިއްޔާ އަށް ފޮނުވަން ނިންމުމަކީ، ޔޫކްރޭނާ ދެކޮޅަށް އުދުވާނީ ހަނގުރާމައެއް ފެށުން ކަމަށް ހުޅަނގުގެ ގައުމުތަކުން ބުނެ އެވެ. ނަމަވެސް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވި ގޮތުގައި، އެ ދެ ޖުމްހޫރިއްޔާ އިން މިނިވަންކަން އިއުލާންކުރުމާ ގުޅިގެން، އެ ސަރަހައްދަށް ރަޝިޔާ ސިފައިން ފޮނުވަނީ ސުލްހަ ދަމަހައްޓާ ލަޝްކަރެއްގެ ގޮތުގަ އެވެ.

ޔޫކްރޭންގެ ދެ ޖުމްހޫރިއްޔާގެ މިނިވަންކަން ރަޝިޔާ އިން ގަބޫލުކުރިކަން އިއުލާންކުރެއްވުމުގެ ގޮތުން، ރޭ ގައުމާ މުހާތަބުކުރައްވައި ރައީސް ޕުޓިން ވަނީ ދިގު ތަގުރީރެއް ދެއްވައިފަ އެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި ޔޫކްރޭނަކީ ރަޝިޔާގެ މިނިވަންކަމާއި ސުލްހައަށް ނުރައްކާ ކުރިމަތިކުރުމަށް ހުޅަނގުގެ ގައުމުތަކުން ބޭނުންކުރާ މަރުކަޒަކަށް މިހާރު ހަދައިފި އެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ވިދާޅުވި ގޮތުގައި، ޔޫކްރޭންގެ އިރުމަތީ ދެ ޖުމްހޫރިއްޔާގެ މިނިވަންކަން ރަޝިޔާ އިން ގަބޫލުކުރުމަކީ، ޔޫކްރޭންގެ މައްސަލަ ސުލްހަވެރިކަމާ އެކުގައި ހައްލުކުރައްވަން ބޭނުންވާ ކަމަށް ރައީސް ޕުޓިން ދެއްކެވި ވާހަކަތަކަކީ ހަގީގަތެއް ނޫން ކަން ސާބިތުވާ ކަމެކެވެ. އެއްވެސް ކަމެއްގައި ޑިޕްލޮމެޓިކް އުސޫލުތަކުން ކަންކަން ހައްލުކުރުމަކީ ޕުޓިންގެ ވިސްނުންފުޅުގައި ހުރި ކަމެއް ނޫން ކަމަށް ވެސް ބްލިންކެން ވިދާޅުވި އެވެ.