Roadha Mihaaru
ރަޝިޔާއާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅަނީ

ރަޝިޔާއާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅަނީ

06 އެޕްރީލް 2022

ރަޝިޔާ އިން ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް ބާރު އެޅުމުގެ ގޮތުން، ރަޝިޔާ އަށް ދަތިކުރުމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް މިއަދުން ފެށިގެން އަޅަން، އެމެރިކާ އާއި ވިލާތުގެ އިއްތިހާދުގެ އިތުރުން، އިގްތިސާދީ ގޮތުން ކުރިއަރާފައިވާ 7 ގައުމު (ޖީ-7) އިން ނިންމައިފި އެވެ.

ރަޝިޔާ އިން ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް ބާރު އެޅުމުގެ ގޮތުން، ރަޝިޔާ އަށް ދަތިކުރުމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް މިއަދުން ފެށިގެން އަޅަން، އެމެރިކާ އާއި ވިލާތުގެ އިއްތިހާދުގެ އިތުރުން، އިގްތިސާދީ ގޮތުން ކުރިއަރާފައިވާ 7 ގައުމު (ޖީ-7) އިން ނިންމައިފި އެވެ.

ރަޝިޔާ އަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އެޅުމަށް އެ ގައުމުތަކުން މި ނިންމީ، ޔޫކްރޭންގެ ވެރިރަށް ކިޔޭވްގެ ރަށްބޭރު ސަރަހައްދު ހިފައިގެން ތިބި ރަޝިޔާ ސިފައިން އެ ސަރަހައްދުން ފައިބައިގެން ދިޔަ އިރު، އެ ސަރަހައްދުން އާންމުންގެ ގިނަ ބަޔަކު މަރާލާފައިވަނިކޮށް ފެނުނުނުތާ ދެ ދުވަސް ފަހުންނެވެ. ވިލާތުގެ ގައުމުތަކުންނާއި އެމެރިކާ އިން ތުހުމަތުކުރާ ގޮތުގައި، ކިޔޭވްގެ ރަށްބޭރު ސަރަހައްދުގައި ރަޝިޔާ ސިފައިން ވަނީ ޔޫކްރޭންގެ އާންމުންނާ ދެކޮޅަށް ގަތުލުއާންމު ހިންގައިފަ އެވެ.

އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން، ރަޝިޔާ އަށް ދަތިކުރުމަށް އަޅާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި، ރަޝިޔާގައި އެއްވެސް ބާވަތެއްގެ އިންވެސްޓްމެންޓެއް އަލަށް ފެށުން މަނާކުރުން ހިމެނެ އެވެ. އޭގެ އިތުރުން ރަޝިޔާގެ މާލީ އިދާރާތަކާއި ރަޝިޔާ ސަރުކާރުގެ ކުންފުނިތަކަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުން ވެސް ހިމެނެ އެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރްސުލާ ވޯން ޑާ ލޭން އިއްޔެ ކުރެއްވި ޓުވީޓެއް

ހަމައެއާ އެކު، ރަޝިޔާ ސަރުކާރުގެ އިސް ވެރިންނާއި އެ ބޭފުޅުންގެ އާއިލާގެ ބޭފުޅުންނާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އެޅުމަށް ވެސް އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ވަނީ ނިންމައިފަ އެވެ. ވިލާތުގެ އިއްތިހާދުން ރަޝިޔާއާ ދެކޮޅަށް މިފަހަރު އަޅާ އެންމެ މުހިންމު ފިޔަވަޅަކީ، ރަޝިޔާގެ ބޯޓުދެލި ވިލާތުގެ އިއްތިހާދުގެ ގައުމުތަކަށް އެތެރެ ކުރުން ހުއްޓައިލުމެވެ.

އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ޖެން ސާކީ ވިދާޅުވި ގޮތުގައި ރަޝިޔާ އަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމީ، މިހާރު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނަތީޖާ އެ ގޮތުގައި ދެމެހެއްޓުމުގެ ގޮތުންނެވެ. އަދި ޔޫކްރޭންގައި ރަޝިޔާ ސިފައިން ހިންގާ ޖަރީމާތަކާ މެދު ރަޝިޔާގެ ވެރިން ޒިންމާދާރުކުރުވުމަކީ ވެސް މި ފިޔަވަޅުތަކުގެ މަގްސަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރްސުލާ ވޯން ޑާ ލޭން އިއްޔެ ވިދާޅުވި ގޮތުގައި ވިލާތުގެ އިއްތިހާދުން މިހާރު ވިސްނާފައިވަނީ ރަޝިޔާގެ އާގުބޯޓުފަހަރާއި އެއްގަމު އުޅަނދުތައް، އެ އިއްތިހާދުގެ އެއްވެސް ގައުމަކަށް އެތެރެވުން މަނާކުރުމަށެވެ. އޭގެ އިތުރުން ރަޝިޔާގެ ތެޔޮ ވިލާތުގެ އިއްތިހާދުގެ ގައުމުތަކަށް އެތެރެ ކުރުން ހުއްޓައިލުމާ ބެހޭ ގޮތުން މިހާރު ކުރަމުންދާ މަޝްވަރާތައް ކުރިއަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރްސުލާ ވޯން ޑާ ލޭން އިއްޔެ ކުރެއްވި ޓުވީޓެއް

ހަމައެއާ އެކު، ރަޝިޔާގެ އަސްކަރިއްޔާގައި ބޭނުންކުރާ ޓެކްނޮލޮޖީ އާއި އެހެން ސިނާއަތްތަކުގައި ރަޝިޔާގައި ބޭނުންކުރާ ޓެކްނޮލޮޖީ، ވިލާތުގެ އިއްތިހާދުގެ ގައުމުތަކަށް އެތެރެކުރުން ހުއްޓައިލުމަށް ވެސް، އެ އިއްތިހާދުން އިއްޔެ ވަނީ ހުށަހަޅައިފަ އެވެ.

ރަޝިޔާ އަށް ދަތިކުރުމުގެ ގޮތުން އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން މިހާރު ވެސް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އޭގެ ތެރޭގައި ވިލާތުގެ ގައުމުތަކުގައި ހުރި ރަޝިޔާގެ މަރުކަޒީ ބޭންކުގެ ފައިސާތައް ހިފެހެއްޓުން ހިމެނެ އެވެ. މި ފިޔަވަޅުގެ ސަބަބުން، ރަޝިޔާގެ ބޭރު ފައިސާގެ ރިޒާވްގައި ހިމެނޭ 630 ބިލިއަން ޑޮލަރު މިހާރު ހުރީ ރަޝިޔާ އަށް ބޭނުން ނުކުރެވޭ ގޮތަށް ހިފަހައްޓައިފަ އެވެ.

ބައިނަލްއަގުވާމީ މާލީ މުއާމަލާތްތަކުގައި މެސެޖްކުރުމަށް ބޭނުންކުރާ ސްވިފްޓް ނިޒާމުން، ރަޝިޔާގެ ބައެއް ބޭންކުތައް މިހާރު ވަނީ ބޭރުކޮށްފަ އެވެ. ރަޝިޔާގެ ތެލާއި ގޭސް އެތެރެކުރުން އެމެރިކާ އިން މުޅިން ހުއްޓާލާފައިވާ އިރު، ވިލާތުގެ ގައުމުތަކުން އަންނަނީ، އެ ފިޔަވަޅު އެޅުމާ މެދު މަޝްވަރާ ކުރަމުންނެވެ.