Roadha Mihaaru
މަގުމަތީ އުޅޭ ބަޔަކަށް ކާންދިނުމުން ރާކީއަށް ތައުރީފު

މަގުމަތީގައި އުޅޭ ބަޔަކަށް ކާންދިނުމުން ރާކީ އަށް ތައުރީފު އޮހެނީ

23 ފެބުރުއަރީ 2022

ބޮލީވުޑްގެ މަޝްހޫރު ނެށުންތެރިޔާ ރާކީ ސާވަންތު، މަގުމަތީގައި އުޅޭ އާއިލާއަކަށް ކާންދޭ ވީޑިއޯއެއް އާންމުވުމުން ގިނަ ބަޔަކު އޭނާ އަށް ތައުރީފުކޮށްފި އެވެ.

ބޮލީވުޑްގެ މަޝްހޫރު ނެށުންތެރިޔާ ރާކީ ސާވަންތު، މަގުމަތީގައި އުޅޭ އާއިލާއަކަށް ކާންދޭ ވީޑިއޯއެއް އާންމުވުމުން ގިނަ ބަޔަކު އޭނާ އަށް ތައުރީފުކޮށްފި އެވެ.

ރާކީ އިންސްޓަގްރާމުގައި އާންމުކުރި އެ ވީޑިއޯއެއްގެ ކެޕްޝަންގައި އޭނާ ވަނީ "ކިތަންމެ ބިޒީކޮށް އުޅުނަސް ވަގުތު ހުސްކޮށްގެން މަގުމަތީގައި އުޅޭ ފަގީރު ކުދިންނަށް" ކާންދޭން އެންމެންގެ ކިބައިން އެދިފަ އެވެ.

އެ ވީޑިއޯގައި ފެންނަނީ އޭނާ ކާއެއްޗެހި ހިފައިގެން ކާރަކުން ފައިބާ މަންޒަރެވެ. އަދި މަގުމަތީގައި ދެ ކުޑަކުދިން ގޮވައިގެން އުޅޭ ދެ އަންހެނަކަށް ކާއެއްޗެހި ގެންގޮސްދީ. އޭނާގެ އަތުން ކުޑަކުއްޖާއަށް ކާން ދެނިކޮށް ވެސް ފެނެ އެވެ.

އެ ވީޑިއޯއާ އެކު ގިނަ ބަޔަކު ވަނީ ރާކީގެ ހިތްހެޔޮ އަމަލަށް ތައުރީފުކޮށްފަ އެވެ. އަދި ތަރިންގެ ފަރާތުން އެ ކަހަލަ ކަމެއް ފެނުމަކީ މަދުން ނޫނީ ނުފެންނަ ކަމެއް ކަމަށާއި ވަރަށް އުފާވެއްޖެ ކަމަށް އޭނާގެ ސަޕޯޓަރުން ބުންޏެވެ.

އެއީ ބަޔަކަށް އޭނާ އެހީވަނިކޮށް ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް އޭނާ ޕަޕަރާޒީންނަށް ވާހަކަ ދައްކަން ހުއްޓާ މީހުން އައިސް އެހީ އަށް އެދުމުން ކޮންމެ ވެސް ކާއެއްޗެއް ގަނެފައި ދޭ މަންޒަރު ފެނިފައި އެބަހުއްޓެވެ.

މި ދުވަސްވަރު ރާކީ އުޅެނީ ވެސް ވަރަށް ހިތާމައިގަ އެވެ. އޭނާގެ ފިރިމީހާ ރިތޭޝްއާ ވަކިވާން ނިންމިކަން އިއުލާންކުރުމަށް ފަހު ޕަޕަރާޒީންނަށް ރާކީ ފެންނަނީ ވަރަށް ދެރަވެފައި ހުއްޓަ އެވެ.