Roadha Mihaaru
ރާއްޖެ ރަޝިއާއާ ދެކޮޅު، އިންޑިއާ، ޗައިނާ ވޯޓު ނުދިން

ރާއްޖެ ރަޝިއާއާ ދެކޮޅަށް، އިންޑިއާ، ލަންކާ، ބަންގްލާދޭޝް އަދި ޗައިނާ ވޯޓެއް ނުދިން

03 މާޗް 2022

ރަޝިއާގެ ސިފައިން ޔުކްރެއިނަށް އަރައި ވަރުގަދަ ހަމަލާތައް ދިނުން ކުށްވެރިކޮށް އަދި ރަޝިއާގެ ސިފައިން ޔުކްރެއިން ވަގުތުން ފޭބުމަށް ގޮވާލައި އދ. ގެ އާންމު މަޖިލީހުގައި ރޭ ރެގި ވޯޓުގައި ރަޝިއާއާ ދެކޮޅަށް ރާއްޖޭން ވޯޓު ދީފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ރަޝިއާގެ ސިފައިން ޔުކްރެއިނަށް އަރައި ވަރުގަދަ ހަމަލާތައް ދިނުން ކުށްވެރިކޮށް އަދި ރަޝިއާގެ ސިފައިން ޔުކްރެއިން ވަގުތުން ފޭބުމަށް ގޮވާލައި އދ. ގެ އާންމު މަޖިލީހުގައި ރޭ ރެގި ވޯޓުގައި ރަޝިއާއާ ދެކޮޅަށް ރާއްޖޭން ވޯޓު ދީފި އެވެ.

މި ވޯޓުގައި ރަޝިއާއާ ދެކޮޅަށް 193 ގައުމުގެ ތެރެއިން 141 ގައުމަކުން ވޯޓުން ދިން ނަމަވެސް ރަޝިއާއާ ދެކޮޅަށް ކުރާ މަސައްކަތުގައި އެންމެ އިސްކޮށް އޮތް އެމެރިކާއާ ގާތް ގުޅުމެއް އޮންނަ އިންޑިއާ އޮތީ ވަކި ކޮޅަކަށް ވޯޓު ދޭން އިންކާރުކޮށްފަ އެވެ. އިންޑިއާގެ އިތުރުން މި ސަރަހައްދުން ސްރީ ލަންކާ އާއި ބަންގްލާދޭޝް އާއި ޕާކިސްތާނުން ވެސް ވަކިކޮޅަކަށް ވޯޓެއް ނުދެ އެވެ.

އިންޑިއާ އާއި ޕާކިސްތާނަކީ ރަޝިއާއާ އަސްކަރީ ގުޅުން ބޮޑު ދެ ގައުމެވެ.

މިއީ 1982 ވަނަ އަހަރުގެ ފަހުން މިފަދަ މައްސަލައެއްގައި އދ. ގެ އާންމު މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައި މިފަދަ ގަރާރެއް ފާސްކުރި ފުރަތަމަ ފަހަރެވެ.

ރަޝިއާގެ ސަލާމަތަށް ޔުކްރެއިންގެ އަމަލުތަކުގެ ސަބަބުން ނުރައްކާވާ ކަމަށް ބުނެ ރަޝިއާގެ ސިފައިން ހަނގުރާމަ ފެށުމާ ދެކޮޅަށް ފާސްކުރި ގަރާރަށް ވަކިކޮޅަކަށް ވޯޓު ނުދޭ 35 ގައުމެއް އޮތެވެ. އިންޑިއާ، ސްރީ ލަންކާ، ބަންގްލާދޭޝް، ޕާކިސްތާން އަދި ޗައިނާގެ އިތުރުން މި ލިސްޓުގައި އީރާނާއި އިރާގު ވެސް ހިމެނެ އެވެ.

ރަޝިއާގެ އިތުރުން ގަރާރާ ދެކޮޅަށް ވޯޓު ދީ ރަޝިއާ އަށް ތާއީދުކުރީ ބެލަރޫސް، އުތުރު ކޮރެއާ، އެރިތުރިއާ އަދި ސީރިއާ އެވެ.

މީގެ އިތުރުން 13 ގައުމަކުން ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.

ރަޝިއާއާ ދެކޮޅަށް ހުށަހެޅި ގަރާރަށް ގައުމުތަކުން ވޯޓު ދީފައިވާ ގޮތް

ރަޝިއާއާ ދެކޮޅަށް ހުށަހެޅި ގަރާރަށް ގައުމުތަކުން ވޯޓު ދީފައިވާ ގޮތް

މި ގަރާރުގައި އެއްވެސް ޝަރުތަކާ ނުލައި ރަޝިއާ ސިފައިން ޔުކްރެއިނުން ފައިބަން ގޮވާލާފައިވެ އެވެ. އަދި ޔުކްރެއިނުގައި ރަޝިއާ އިން ހިންގާ އިންސާނީ ހައްގުތަކާއި ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފް އަމަލުތައް ހުއްޓާލަން ގޮވާލާފައިވެ އެވެ.

އދ.ގެ އާންމު މަޖިލީހުގެ ގަރާރުތަކަކީ އަމަލުކުރުން ލާޒިމް އެއްޗަކަށް ނުވިޔަސް ސިޔާސީ ގޮތުން މިއީ ޔުކްރެއިނަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.

"ރަޝިއާއާ ދެކޮޅަށް 141 ގައުމަކުން ވޯޓު ދިނުމުން އެނގެނީ ގިނަ ގައުމުތަކުން ޔުކްރެއިންގެ ހާލަތާ މެދު ކަންބޮޑުވާކަން އަދި މިއީ މުޅި ޔޫރަޕަށް އޮތް ނުރައްކަލެއް ކަމާއި ހަމަޔާއި އުސޫލާ ހިލާފް އަމަލެއްކަން ގައުމުތަކުން ގަބޫލުކުރާކަން،" އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން، ވޯޓަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވި އެވެ.

އާންމު މަޖިލީހުގައި އެމެރިކާގެ މަންދޫބު ލިންޑާ ތޯމަސް-ގްރީންފީލްޑް ވިދާޅުވީ ރަޝިއާ އޮތީ އަނިޔާވެރި އަމަލުތައް އިތުރަށް ވަރުގަދަކުރާ ގޮތަށް ކަމަށާއި ރަޝިއާ އިން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފްވެފައި ވާތީ އެކަމާ ޒިންމާކުރުވަން ޖެހޭނެ ކަމަށެވެ.

"އަމިއްލަ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އިހްތިރާމްކުރާ ނަމަ ގަރާރާ އެއްކޮޅަށް ވޯޓު ދެއްވާ. ރަޝިއާ ޒިންމާދާރުކުރަން ބޭނުން ނަމަ ވޯޓު ދެއްވާ،" ވޯޓަށް އެހުމުގެ ކުރިން ދެއްކެވި ވާހަކާގައި އެމެރިކާގެ މަންދޫބު ވިދާޅުވި އެވެ.

ރަޝިއާގެ މަންދޫބު ވާސިލީ ނެބެންޒާ ވިދާޅުވީ ގަރާރު ފާސްކުރަން ހުޅަނގުގެ ގައުމުތަކުން އެހެން ގައުމުތަކުން ނުފޫޒު ފޯރުވާ ކަމަށެވެ. އަދި މި ގަރާރުގެ ސަބަބުން މައްސަލަތައް އިތުރަށް ވާނީ ގޯސް ކަމަށް ވިދާޅުވި އެވެ. އޭނާ ވަނީ ރަޝިއާ އިން ކުރަނީ ހަނގުރާމައެއް ކަމަށް ބުނާތީ އެކަމާ ދެކޮޅަށް ރަޝިއާ އިން ދައްކާ ވާހަކަތައް ތަކުރާރު ކުރައްވައި މިއީ "އަސްކަރީ އޮޕަރޭޝަނެއް" ކަމަށް ވިދާޅުވެފަ އެވެ. އަދި ޔުކްރެއިންގައި އާންމުންނާ ދެކޮޅަށް ހަމަލާ ނުދޭ ކަމަށާއި އައްޑަނައެއްގެ ގޮތުގައި އާންމުން ނެރެގެން އުޅެނީ ޔުކްރެއިނުން ކަމަށް ވިދާޅުވި އެވެ.