Roadha Mihaaru
މިސްކިތަށް ކުޅުޖެހި މީހާގެ ފުރާނަ ނުރައްކަލުގައި!

މިސްކިތަށް ކުޅުޖެހި މީހާގެ ފުރާނަ ނުރައްކަލުގައި!

01 މާޗް 2022

ޖަލުން މިނިވަންވި ފަހުން ގޭގައި އުޅެނިކޮށް ދެ ފަހަރެއްގެ މަތިން ވަރަށް ބޮޑަށް އަނިޔާކޮށްފި އެވެ. ފުރަތަމަ އޭނާ ދިރިއުޅޭ ގެއަށް ބޮޑު ގްރޫޕަކުން ވަދެ އެވެ. އަނެއް ފަހަރު ގޭގައި އުޅެނިކޮށް ސައިކަލަކަށް އަރުވައިގެން ކޮންމެވެސް ތަނަކަށް ގެންގޮސްގެންނެވެ. އޭނާގެ ހަބަރެއް އެ ފަހަރުވީ ހޮސްޕިޓަލުގައި ވަރަށް ސީރިއަސް ހާލަތުގައި އޮއްވަ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޖަލުން މިނިވަންވި ފަހުން ގޭގައި އުޅެނިކޮށް ދެ ފަހަރެއްގެ މަތިން ވަރަށް ބޮޑަށް އަނިޔާކޮށްފި އެވެ. ފުރަތަމަ އޭނާ ދިރިއުޅޭ ގެއަށް ބޮޑު ގްރޫޕަކުން ވަދެ އެވެ. އަނެއް ފަހަރު ގޭގައި އުޅެނިކޮށް ސައިކަލަކަށް އަރުވައިގެން ކޮންމެވެސް ތަނަކަށް ގެންގޮސްގެންނެވެ. އޭނާގެ ހަބަރެއް އެ ފަހަރުވީ ހޮސްޕިޓަލުގައި ވަރަށް ސީރިއަސް ހާލަތުގައި އޮއްވަ އެވެ.

އާއިލާ އިން ތުހުމަތުކުރާ ގޮތުގައި އެއީ، މިސްކިތަށް ކުޅު ޖެހުމުން ގާނޫނީ ނިޒާމުގެ ބޭރުން މ. ޝޭޑީހޯމް، ހަސަން ޒިޔާދަށް ބަޔަކު ދެމުންދާ އަދަބެވެ!

ޖަލު ހުކުމުން މިނިވަންވުމާ އެކު އެކި ގޮތްގޮތުން އޭނާއަށް އަށް ދަނީ އަނިޔާކުރަމުންނެވެ. މި އަނިޔާތަކުން އޭނާގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމަށް ބުނެ އާއިލާ އިން ވަނީ ސަރުކާރުގެ ސަމާލުކަމަށް މިކަން ގެނެސް އޭނާ އަށް އެހީތެރިކަން ފޯރުކޮށްދޭން ސިޓީއެއް ހުށަހަޅައިފަ އެވެ.

އޭނާގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިފައިވާ މި ހާލަތު ކުރިމަތިވުމުގައި ދައުލަތުގެ އިދާރާތަކުގެ އިހުމާލު އޮތް ކަމުގެ ތުހުމަތު ވެސް އާއިލާ އިން ކުރެ އެވެ. އެއީ، މިސްކިތަށް ކުޅުޖަހައިގެން އޭނާ ހައްޔަރުކުރުމަށް ފަހު، އިދާރާތަކުން ދެ ގޮތަށް މީޑިއާތަކަށް މައުލޫމާތު ދިނުމެވެ. އޭނާއަކީ ނަފްސާނީ ބަލި މީހެއް ކަމަށް އެއް އިދާރާއަކުން ބުނިއިރު އަނެއް އިދާރާއަކުން އެކަން ދޮގުކުރި އެވެ.

ނަފްސާނީ ބަލި މީހެއްގެ މައުލޫމާތު އެގޮތަށް އޮޅުވާލައިގެން ދިނުމުގެ ސަބަބުން އޭނާ އިތުރަށް ވިކްޓިމައިޒްވެފައިވާ ކަމަށް އާއިލާ އިން ބުންޏެވެ. ސަރުކާރުގައި ޒިޔާދުގެ އާއިލާ އިން އެދުނީ، މަރުކަޒަކަށް ގެންގޮސްގެން ނަމަވެސް އޭނާ އަށް ފަރުވާ އާއި ރައްކާތެރިކަން ފޯރުކޮށް ދިނުމަށެވެ.

މިސްކިތަކަށް ކުޅުޖަހައިގެން ޒިޔާދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ

މިސްކިތަކަށް ކުޅުޖަހައިގެން ޒިޔާދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ

ހާލަތު ގޯސްވީ މުޒާހަރާއަކުން ހައްޔަރުކޮށް ޖަލުގައި!

އާއިލާ އިން ކިޔައިދިން ގޮތުގައި ޒިޔާދު ކުރިން ދިރިއުޅެމުން އައީ ރަނގަޅު ވަޒީފާއަކުން އާމްދަނީ ހޯދައިގެންނެވެ. އޭނާ އުޅުނީ މާލޭގައި ޓުއަގައިޑަކަށެވެ.

އޭނާގެ ދިރިއުޅުން ބަދަލުކޮށްލީ، ރާއްޖޭގެ ސިޔާސީ މަސްރަހަށް 2006 ގައި އައި ހަލަބޮލިކަމާ އެކު ކުރަމުންދިޔަ މުޒާހަރާތަކެވެ. މަގުތަކުގައި އަޑުއުފުލަން އުޅެނިކޮށް ހައްޔަރުކޮށްގެން ޖަލުގައި ގިނަ ދުވަސްތަކެއް އޮންނަން ޖެހުމުން ނަފްސާނީ ގޮތުން އޭނާ އަށް ގިނަ މައްސަލަތަކެއް ކުރިމަތިވީ ކަމަށް ޑޮކްޓަރުންގެ ލިއުންތަކާ ހަވާލާދީ އާއިލާ އިން ބުންޏެވެ.

އެ ފަހަރު ޖަލުން ދޫކޮށްލި ފަހުން އޭނާގެ ބަލި ހާލަތަށް ބަދަލެއް ނާދެ އެވެ. އޭރުއްސުރެން އޭނާ އައީ ސައިކޯޓިކް ޑިސްއޯޑާއަށް އައިޖީއެމްއެޗުންނާއި ރާއްޖެއިން ބޭރުން ވެސް ފަރުވާ ހޯދަމުންނެވެ. މިސްކިތަށް ދެ ފަހަރެއްގެ މަތިން ކުޅުޖެހީ ވެސް އެ ބަލީގައި ކަމަށް އާއިލާ އިން ބުނެ އެވެ.

މިދިޔަ އަހަރުގެ ތެރޭގައި މިސްކިތަކަށް ވަދެ ކުޑަކަމުދިއަ މައްސަލައެއްގައި ވެސް އޭނާ އެއް މަހާއި 19 ދުވަހު ޖަލުގައި އޮންނަން ޖެހުނެވެ. ފަހުން މިސްކިތަށް ކުޅުޖަހައިގެން މަހަކަށް ވުރެން ގިނަ ދުވަހު ޖަލުގައި އޮތެވެ.

މި ހާލަތު އޭނާ އަށް މެދުވެރިވުމުގައި އާއިލާއިން ތުހުމަތު އަޅުވަނީ ސަރުކާރުގެ ބޮލުގަ އެވެ. އެއީ ޖަލުގައި ކުރިމަތިވި ނަފްސާނީ ބަލިތަކަށް އޭނާއަށް އެކަށީގެންވާ ފަރުވާ ނުދިނުމެވެ.

އާއިލާ އިން ބުނީ ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން އޭނާ ބެލެން ނެތިގެން ދައުލަތުގެ އެހީއަށް އެދުނު ކަމަށެވެ. އެކަމަކު އެ އަޅާލުމެއް ނުލިބުނު ކަމަށެވެ.

"ދިރިއުޅުން ހުރި ގޮތުން ބެލޭނެ ގޮތެއް ނެތިގެން މިދިޔަ އަހަރުގެ އޮކްޓޫބަރު 10 ގައި ސަރުކާރު އެހީތެރިކަމާ އެކު މަރުކަޒަށް ގެންގޮސް ބޭސް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭން ޖެންޑާގައި އެދުނިން. އެ މީހުން ގުޅާފައި ބުނީ އޭނާއަކީ ޑްރަގު ފަރުވާ ބޭނުންވާ މީހަކަށްވާތީ ނޭޝަނަލް ޑްރަގް އެޖެންސީ މެދުވެރިކޮށް އެކަން ހަމަޖައްސަމުންދާ ކަމަށް،" އާއިލާ އިން ބުންޏެވެ.

ޖެންޑާއިން އެދިގެން ޒިޔާދު އައިޖީއެމްއެޗުގައި އެޑްމިޓްކޮށް އެސެސްމަންޓް ހެދުމަށް ބޭނުންވާ އެއްބާރުލުން އާއިލާއިން ދިނެވެ. އެކަމަކު، އެ އެސެސްމަންޓް ކުރިއަށް ދަނިކޮށް، މިސްކިތަށް ކުޅުޖެހި މައްސަލައިގައި އޭނާ ހައްޔަރުކޮށް އޭނާގެ ނަފްސާނީ މައްސަލައެއް ނެތް ކަމަށް ޖެންޑާ އިން މީޑިއާތަކަށް މައުލޫމާތު ދިން ކަމަށް އާއިލާ އިން ބުންޏެވެ.

ފުލުހުން އޭނާއާ ގުޅޭ ގޮތުން އާއްމުކުރި މައުލޫމާތުގައި އޭނާގެ ނަފްސާނީ މައްސަލައެއް ހުންނަ ކަމަށް ބުނުމަށް ފަހު، ފަހުން އެ މައުލޫމާތު ބަދަލުކުރީ އެވެ. ޒިޔާދަކީ ނަފްސާނީ އެއްވެސް މައްސަލައެއް ނެތް މީހެއްގެ ގޮތުގައި އެ އިދާރާ އިން ފަހުން އާއްމުކުރުމަކީ ކަންބޮޑުވުން އޮތް ކަމެއް ކަމަށް އާއިލާ އިން ބުންޏެވެ.

ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ޒިޔާދާ ގުޅޭ ގޮތުން ދެ ގޮތަކަށް މައުލޫމާތު އާއްމުކޮށްފައިވިޔަސް އެންޑީއޭ އިން ނޮވެމްބަރު 8 ގައި އާއިލާއަށް ފޮނުވި ލިޔުމުގައި ވަނީ "ބަލި މީހާއަށް ރަނގަޅު ނަފްސާނީ ފަރުވާ ބޭނުންވާ" ކަމަށެވެ.

ދެ ފަހަރަކު ތަޅައި އަނިޔާކުރީ ކޮންބައެއް ކަމެއް ނޭނގެ!

އާއިލާ އިން ބުނި ގޮތުގައި އޭނާ ޖަލުން މިނިވަންވެ ގޭގައި އުޅެނިކޮށް ފުރަތަމަ ހަމަލާދީފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 27 ގަ އެވެ.

"ވަރަށް އަނިޔާކޮށްފައި ހުރީ. ބޯ ވެސް ފަޅައިގެން ދިޔަ. ފުލުހުންގެ ރިކޯޑުތަކުން ދައްކާނެ. އަޅުގަނޑުމެން ރިޕޯޓްކުރިން،" އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ބަޔަކު ޒިޔާދަށް އަނިޔާކޮށްފައި: ދެ ފަހަރެއްގެ މަތިން އޭނާ އަށް ބަޔަކު ވަނީ ހަމަލާދީފައި.

ބަޔަކު ޒިޔާދަށް އަނިޔާކޮށްފައި: ދެ ފަހަރެއްގެ މަތިން އޭނާ އަށް ބަޔަކު ވަނީ ހަމަލާދީފައި.

އެކަން ހިނގިތާ މަހެއް ނުވަނީސް މިދިޔަ މަހުގެ 22 ގައި ވެސް ޒިޔާދަށް ބަޔަކު ވަރަށް އަނިޔާކޮށްފި އެވެ. އެ ފަހަރު ގޭގައި އުޅެނިކޮށް ސައިކަލަކަށް އަރުވައިގެން ގެންދިޔައީ އެވެ. މި ދެ މައްސަލައިގައި ވެސް ބަޔަކު ހައްޔަރުކުރި ކަމެއް އަދި އޭނާއަށް އަނިޔާދިނީ ކޮން ބައެއް ކަމެއް ފުލުހުން އާއިލާއާ މިހާތަނަށް ހިއްސާއެއް ނުކުރެ އެވެ.

"ގެންދިޔަ ތަނެއް ވެސް ނޭނގޭ. ގްރޫޕަކުން އައިސް ގަދަކަމުން ގެންދާއިރަށް އަޅުގަނޑުމެން ގުޅައިފިން ފުލުހުންނަށް. އޭނާއަށް އަނިޔާކޮށްފައި އޮވެގެން ފުލުހުން ގެނައި ވާހަކަ އައިޖީއެމްއެޗުން ގުޅާފައި ބުނީ،" އޭނާ ބުންޏެވެ.

އަ އަނިޔާތަކާ ހެދި ޒިޔާދުގެ އުކުޅުވަޅުގެ އަދި ކަނާއަތުގެ އޮޕަރޭޝަނެއް ހަ ގަޑިއިރުގެ ތެރޭގައި ކުރަން ޖެހޭ ކަމަށް ޑޮކްޓަރުން ބުންޏެވެ.

އެވަގުތު އިމަޖަންސީ ރޫމުގައި ތިބި ޑޮކްޓަރުން ބުނެފައި ވަނީ ވަރަށް ކްރިޓިކަލް ކަމަށް. ވަގުތުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ނުކޮށްފި ނަމަ ފައިބުރިކޮށްލަން ޖެހިދާނެ ކަމަށް. -- އާއިލާ

އާއިލާ އިން ބުނި ގޮތުގައި އެގޮތަށް ޑޮކްޓަރުން ބުނެފައި ވިޔަސް އެ އޮޕަރޭޝަން ނުކޮށް ކުއްލި ގޮތަކަށް ހޮސްޕިޓަލުން ވަނީ އޭނާ ގެއަށް ދޫކޮށްލައިފަ އެވެ.

"އޮޕަރޭޝަން ނުކުރަނީތޯ އެހީމަ ބުނީ ޕޭޝަންޓަކީ މާ ވަޔަލެންޓް މީހެއް ކަމަށާއި އެހެންވެ އޮޕަރޭޝަން ނުކުރެވޭނެ ކަަމަށް. އައިސޮލޭޝަން ވޯޑުގައި ބާއްވައިގެން ސައިކޭޓްރިކް ފަރުވާދޭން ވެސް އެދުނިން. އެކަމަކު ނުހިނގޭ ހާލުގައި އޮތް މީހަކު ހޮސްޕިޓަލުން ބޭރުކޮށްލީ،" އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ސަރުކާރަށް ހުށަހެޅި ސިޓީގައި އާއިލާގެ ކަންބޮޑުވުންތައް ހާމަކުރަމުން ބުނެފައި ވަނީ އޭނާގެ ފުރާނައަށް ނުރައްކަލެއް ވެދާނެ ކަމަށެވެ. އޭނާއަކީ ދިވެހި ރައްޔިތަކަށްވީތީ ލިބެންޖެހޭ ފަރުވާތަކެއް ހުރި ކަމަށާއި އެ ފަރުވާ ދެވޭނެ މަރުކަޒަކަށް ގެންދެވޭނެ އިންތިޒާމު ވެސް ހަމަޖައްސައިދޭން އެދިފައިވެ އެވެ.