Roadha Mihaaru
7 އަހަރު ކުއްޖާ ސްކޫލަށް ނުފޮނުވީ ރަތް ޔުނީފޯމާ ހެދި

ހަތަރު މައިންނަށް އަނިޔާކުރި މައްސަލަ: ސްކޫލަށް ނުފޮނުވީ ރަތް ޔުނިފޯމެއް ލާން ޖެހޭތީ

25 ނޮވެމްބަރ 2020

ރުގްޔާގެ ނަމުގައި އަނިޔާގެ ޝިކާރައަކަށް ހެދި ހަތަރު މައިންގެ ތެރެއިން ހަތް އަހަރުގެ ކުއްޖާ ސްކޫލަށް ނުފޮނުވީ ރަތް ކުލައިގެ ޔުނިފޯމެއް ލާން ޖެހުން ބަހަނާއަކަށް ހެދުމަށް ފަހު ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރުގްޔާގެ ނަމުގައި އަނިޔާގެ ޝިކާރައަކަށް ހެދި ހަތަރު މައިންގެ ތެރެއިން ހަތް އަހަރުގެ ކުއްޖާ ސްކޫލަށް ނުފޮނުވީ ރަތް ކުލައިގެ ޔުނިފޯމެއް ލާން ޖެހުން ބަހަނާއަކަށް ހެދުމަށް ފަހު ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

މެދުރާއްޖެ ތެރޭގެ ރަށެއްގެ މީހަކާ ކައިވެނިކޮށްގެން އަންހެން މީހާ ތިން ދަރިންނާ އެކު އެ ރަށަށް ބަދަލުވެ 10 އަހަރުގެ ކުއްޖާ އާއި 7 އަހަރުގެ ކުއްޖާ ސްކޫލަށް ވެއްދި އެވެ. އަނެއް ކުއްޖާ އަކީ ޕްރީ ސްކޫލުގައި ކިޔަވާ އުމުރުގެ ކުއްޖެކެވެ.

ފުރަތަމަ ދުވަސްކޮޅު، ބޮޑު ދެ ކުދިން ސްކޫލަށް ފޮނުވި އެވެ. އެކަމަކު ވަކި ހިސާބަކުން 7 އަހަރުގެ ކުއްޖާ ސްކޫލަށް ފޮނުވުން ހުއްޓާލީ އެ ގޭގައި ރުގްޔާގެ ނަމުގައި ކުރަން ފެށި ކަންތައްތަކަށް ފަހުގަ އެވެ. މީހަކު ގެއަށް ގެންގޮސްގެން "ރުގްޔާ" ކުރީ މައިގްރެއިން ހުންނަ އަންހެން މީހާގެ ބޮލުގައި ރިއްސަނީ، ޖިންނީންގެ އުނދަގުލާ ހެދި ކަމަށް ފިރިމީހާ ގަބޫލުކޮށްގެންނެވެ.

އަންހެން މީހާ ބުނީ އޭނާއަަށް ރުގްޔާކުރަނީ ކަމަށް ބުނެ ފެށި ކަންތައްތަކުގެ ތެރޭގައި ހަތް އަހަރުގެ ދަރިފުޅުގެ ގަޔަށް ޖިންނިއެއް ވަނީ ކަމަަށް ބުނެ އޭނާ އަށް ވެސް ކިޔަވަން ފެށީ ކަމަށެވެ. އެ މުއްދަތުގައި، ރަތް ކުލައިގެ ޔުނިފޯމެއް ލާ ނަމަ ޖިންނީންގެ އުނދަގޫ ބޮޑުވާނެ ކަމަށް ރުގްޔާކުރާ މީހާ ބުނެގެން ދަރިފުޅު ސްކޫލަށް ފޮނުވުން ފިރިމީހާ ހުއްޓާލީ ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ލައްވައި ޓީޗަރަށް އެންގީ ސިހުރުގެ ކަމެއް ހުންނާތީ ސްކޫލަށް ނުދެވޭނެ ކަމަށް،" އޭނާ ބުންޏެވެ.

އެ ސްކޫލަށް "މިހާރު"ން ގުޅުމުން، އެ ކުދިން ސްކޫލުގައި ރަޖިސްޓްރީކޮށްފައިވާ ކަން ކަށަވަރުކޮށްދިނެވެ. އެކަމަކު ދަރިވަރު ސްކޫލަށް ނުފޮނުވި މައްސަލަ އެޑިއުކޭޝަނުން ބަލާތީ ތަފްސީލެއް ނުދިނެވެ.

ދަރިވަރު ސްކޫލަށް ނުފޮނުވާ ގިނަ ދުވަސްތަކެއް ވި ކަން އެތަނުން އެޑިއުކޭޝަނަށް އެންގި ކަމެއް ވެސް ސާފެއް ނޫނެވެ.

މި އަހަރު އަމަލުކުރަން ފެށި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައިވާ ގޮތުން، ކިޔަވާ އުމުރުގެ ކުދިން ސްކޫލަށް ނުފޮނުވުމަކީ ކުށެކެވެ. ކުޑަކުދިން ނުރައްކަލަކަށް ހުށަހަޅޭ ފަދަ އަމަލުތަކާއި އަނިޔާ ދިނުން ޖިނާއީ ކުށެއްގެ ގޮތުގައި ހަދާފައިވާ އެ ގާނޫނުގައި، ކުއްޖެއްގެ ހައްގު ގެއްލިގެންދާ ނަމަ، ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ އާއިލާ އާއި ބެލެނިވެރިންނާއި މުޖުތަމައު އާއި ދައުލަތަކަށް ޒިންމާއެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.

އެ ދަރިވަރަށް ދިމާވި މައްސަަލައިގައި ސްކޫލާއި އެޑިއުކޭޝަނުން ކުރިން އެއްވެސް ފިޔަވަޅެއް އެޅި ކަން މިހާތަނަށް ސާފެއް ނުވެ އެވެ.

ކިޔަވަން ނުފޮނުވިޔަސް ފުރަތަމަ ދުވަސްކޮޅު ގޭގައި އެ ކުއްޖާގެ ފިލާވަޅު ހެދުވި އެވެ. އެކަމަކު ބުނާ ގޮތް ނުހަދައިގެން ކަމަށް ބުނެ ބިރު ދައްކައި ފަހުން އަދަބު ދިނުމުގެ ނަމުގައި ވަނީ ޖިންސީގޯނާކޮށްފަ އެވެ.

މީގެއިތުރުން ވެސް އަދަބެއްގެ ގޮތުން ލޯ ކައިރީގައި، ތެޔޮ އުނގުޅާފައި ގިނައިރުތަކެއް ވަންދެން ކޮޅަށް ބެހެއްޓުން ފަދަ ކަންކަން ކުރި ކަަމަށް މަންމަ ކިޔައިދިނެވެ. ޖިންނިއަށް އަދަބު ދެނީ ކަމަށް ބުނެ އެ ކުއްޖާ އަށް ކާންނުދީ ބަނޑުހައިކަންމަތީގައި ދެ ދުވަހު ބެހެއްޓިކަމަށް ވެސް އަންހެން މީހާ ބުންޏެވެ.

އެ ކުއްޖާގެ މަންމަ ތުހުމަތުކުރާ ގޮތުގައި ޖިންސީގޯނާކުރީ ރުގްޔާކުރަން ގެންދިޔަ މީހާ އެވެ. ޖިންނި ވަނީއޭ، ރަތް ޔުނިފޯމުލުން ރަނގަޅު ނުވާނެއޭ ބުނެ ސްކޫލަށް ނުފޮނުވީ އެ ކުއްޖާއަށް ޖިންސީގޯނާކުރަން ކަމަށް އާއިލާގެ ބައެއް މީހުން ތުހުމަތުކުރެ އެވެ.

އެ ކުއްޖާއަށް ގެއްލުނު ފިލާވަޅުތައް ލިބޭނެ ގޮތް ހަދައިދޭން އާއިލާ އިން ވަނީ ސްކޫލްގައި އެދިފަ އެވެ.

"މިކޮޅަށް [މާލެ] އައީމަ އެ ކުއްޖާގެ ދައްތަގެ ފިލާވަޅު ވެސް ގެއްލޭ އެބަ. ދެ ކުދިންނަށް ފިލާވަޅުތައް އޮންލައިންކޮށް ފޯރުކޮށްދޭން އެދިފައި ވާނީ،" މަންމަ ބުންޏެވެ.

ހަތަރު މައިންނަށް ކުރިމަތިވި އަނިޔާގެ މައްސަލަތައް ފުލުހުންނާއި ޖެންޑާ މިނިސްޓްރީން އަންނަނީ ބަލަމުންނެވެ. މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވެސް ބަލަން ނިންމައި ފަސް މުއައްސަސާއެއް މިރޭ ކޮމިޓީއަށް ހާޒިރުކުރަން ވަނީ ނިންމައިފަ އެވެ.