Roadha Mihaaru
ސައިބާ އެޓޭކަކާ ގުޅިގެން ޓޮޔޯޓާގެ ފެކްޓަރީތައް ބަންދު

ސައިބާ އެޓޭކްތަކަކާ ގުޅިގެން ޓޮޔޯޓާގެ ހުރިހާ ފެކްޓަރީތަކެއް ބަންދުކޮށްފި

01 މާޗް 2022

ވަރުގަދަ ސައިބާ އެޓޭކްތަކެއް ދޭން އުޅޭ ކަމަށް ލަފާކުރެވިގެން ދުނިޔޭގެ އެންމެ މަޝްހޫރު ކާރު އުފައްދާ ކުންފުނި ޖަޕާނުގެ ޓޮޔޯޓާގެ ހުރިހާ ފެކްޓަރީތަކެއް މިއަދު ބަންދުކޮށްފި އެވެ.

ވަރުގަދަ ސައިބާ އެޓޭކްތަކެއް ދޭން އުޅޭ ކަމަށް ލަފާކުރެވިގެން ދުނިޔޭގެ އެންމެ މަޝްހޫރު ކާރު އުފައްދާ ކުންފުނި ޖަޕާނުގެ ޓޮޔޯޓާގެ ހުރިހާ ފެކްޓަރީތަކެއް މިއަދު ބަންދުކޮށްފި އެވެ.

އޭއެފްޕީން ރިޕޯޓްކުރި ގޮތުގައި ޖަޕާނުގައި ހުންނަ އެ ކުންފުނީގެ 14 ޕެކްޓަރީއެއް ބަންދުކުރަން ނިންމާފައި ވަނީ ކުންފުނީގެ ސިސްޓަމްތަކަށް ދިމާވި މައްސަލަތަކަކާ ގުޅިގެން ވަގުތީ ގޮތުން ކަމަށެވެ. އަދި ކާރު އުފެއްދުމަށް ބޭނުންކުރާ ސެމީކޮންޓަކްޓާ ލިބުމުގައި ވެސް މިހާރު ދަތިތަކެއް އުޅޭތީ ފެކްޓަރީތައް ބަންދުކުރަން ޖެހުނީ ކަމަށެވެ.

ސައިބާ އެޓޭކްތަކާ ގުޅޭ ގޮތުން ރޮއިޓާސްގައި ބުނެފައި ވަނީ ޓޮޔޯޓާގެ ސިސްޓަމްތަކަށް އެ މައްސަލަ ދިމާވި ގޮތް އެ ކުންފުނިން ޔަގީންކޮށްދީފައި ނުވިޔަސް، ބެލެވޭ ގޮތުގައި އެކަން ހިނގާފައި ވަނީ ރަޝިއާ އިން މިހާރު ޔުކްރެއިނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، އެ މައްސަލާގައި ޖަޕާނުން ހުޅަނގުގެ ގައުމުތަކާ އެކު ބައިތުހިފާފައިވުމުންނެވެ.

ބަންދުކުރި ފެކްޓަރީތަކުގެ ތެރޭގައި އެ ކުންފުނީގެ ދަށުން ހިންގާ އެހެން ބައެއް ކުންފުނިތަކުގެ ފެކްޓަރީތައް ވެސް ހިމެނެ އެވެ.

ޓޮޔޯޓާ މަޝްހޫރުވެފައި ވަނީ ދުނިޔޭގައި އެންމެ މޮޅު ކާރު އުފައްދާ ބްރޭންޑްގެ ގޮތުގަ އެވެ.

އެ ކުންފުނީގެ ކާރުތައް ތިން ވަނަ އަށް އެންމެ ގިނައިން އުފައްދަނީ ޖަޕާނުގެ ފެކްޓަރީތަކުގަ އެވެ. އެހެންވެ، މަސައްކަތްތައް ހުއްޓުމުން ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.

މި އަހަރު 8.5 މިލިއަން ވެހިކަލް އުފައްދަން އެ ކުންފުނިން ޓާގެޓް ކުރި އެވެ. އެކަމަކު ފެކްޓަރީތައް ބަންދުކުރުމާ އެކު، 13،000 ވުރެ ގިނަ ކާރު އުފެއްދުން ކުއްލިއަކަށް މަޑުޖެހިގެން ދާނެ ކަމަށް ލަފާކުރެވެ އެވެ.