Roadha Mihaaru

ކާކީވްގައި ތާށިވެފައިި ތިބި އަށް ދަރިވަރުން އެހެން ސަރަހައްދަކަށް ގެންދަނީ

ރަޝިޔާއިން ހަމަލާދެމުންދާ ޔުކްރެއިންގެ ކާކީވްގައި ތާށިވެފައިި ތިބި އަށް ދަރިވަރުން އެހެން ސަރަހައްދަކަށް ގެންދިއުމުގެ މަސައްކަތް ފަށައިފި އެވެ.

ކާކީވްގައި ތިބި އަށް ދަރިވަރުން އެހެން ސަރަހައްދަށް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

01 މާޗް 2022

ރަޝިޔާއިން ހަމަލާދެމުންދާ ޔުކްރެއިންގެ ކާކީވްގައި ތާށިވެފައިި ތިބި އަށް ދަރިވަރުން އެހެން ސަރަހައްދަކަށް ގެންދިއުމުގެ މަސައްކަތް ފަށައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ސްޓޭޓްގައި ތިބި، މެޑިސިން ކިޔަވާ ހަ ދަރިވަރުން ޔުކްރެއިންގެ ހުޅަނގު ސަރަހައްދަށް ބަދަލުކުރުމުގެ ދަތުރު ފަށާފައިވާ ކަމަށެވެ. އެ ދަރިވަރުން ދަތުރުކުރަނީ ޓްރެއިންގަ އެވެ.

އެ މިނިސްޓްރީން އިއްޔެ ބުނީ ކާކީވްގައި ތިބި ދަރިވަރުން އެ ގައުމުގެ ބޯޑަރުން ބޭރުކޮށް، ހަންގޭރީ އަށް އެތެރެވުމަށް 15 ގަޑިއިރުގެ ދަތުރެއް ކުރަން ޖެހޭ ކަމަށެވެ. އެ ދަރިވަރުން ހަންގޭރީ އަށް ބަދަލުކުރުމަށް ހުރިހާ އިންތިޒާމުތަކެއް ހުރީ ހަމަޖައްސާފައި ކަމަށާއި ރައްކާތެރިކަން ކަށަވަރުވުމާ އެކު ދަތުރު ފަށާނެ ކަމަށް ފޮރިން މިނިސްޓްރީން އިއްޔެ ބުންޏެވެ.

އެ ހަނގުރާމައާ ގުޅިގެން މީގެ ކުރިން ވަނީ ބައެއް ދަރިވަރުން ރާއްޖެ އައިސްފަ އެވެ. ނަމަވެސް ދަތުރު ހަމަޖައްސާފައި ވަނިކޮށް ރަޝިޔާއިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށުމުން ދަތުރުތައް ކެންސަލްވީ އެވެ. ރަޝިއާ އާއި ބެލަރޫސްގައި އުޅޭ ދިވެހިން ރާއްޖެ ގެނައުމަށް ވެސް މާލީ އެހީތެރިކަން ދޭން ސަރުކާރުން ނިންމައިފި އެވެ. ޔުކްރެއިންގެ ކައިރީގައި އޮންނަ ބެލަރޫސްގެ އެކި ސިޓީތަކުގައި 137 ދިވެހިން އަދި ރަޝިއާގައި ވެސް 88 ދިވެހިން މި ވަގުތު އެބަތިއްބެވެ.

ސަރުކާރުން ވަނީ އެ ދިވެހިން ގެނައުމަށް މާލީ އެހީތެރިކަން ދޭން ނިންމައިފަ އެވެ.