Roadha Mihaaru

"ސިޔާސަތު ބަދަލެއް ނުވޭ،" ޔޫކްރެއިން ކޮޅަށް ބުރަވި ވާހަކަ ހަލީލް ދޮގުކުރައްވައިފި

ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭން ގެންގުޅޭ ސިޔާސަތުތައް ބަދަލު ނުވާ ކަމަށް ވިދާޅުވެ، ރަޝިއާ އާއި ޔޫކްރެއިނުން ކުރަމުންދާ ހަނގުރާމައިގައި، ރާއްޖޭން ޔޫކްރޭނަށް ތާއީދުކޮށްފި ކަމަށް ބުނެ ދެއްކެވޭ ވާހަކަތައް، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ދޮގުކުރައްވައިފި އެވެ.

ރާއްޖޭން ޔޫކްރެއިން ކޮޅަށް ބުރަވި ވާހަކަ ދޮގުކޮށްފި

ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭން ގެންގުޅޭ ސިޔާސަތުތައް ބަދަލު ނުވާ ކަމަށް ވިދާޅުވެ، ރަޝިއާ އާއި ޔޫކްރެއިނުން ކުރަމުންދާ ހަނގުރާމައިގައި، ރާއްޖޭން ޔޫކްރޭނަށް ތާއީދުކޮށްފި ކަމަށް ބުނެ ދެއްކެވޭ ވާހަކަތައް، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ދޮގުކުރައްވައިފި އެވެ.

ހަލީލް އެހެން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އެސްޓޯނިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިސްވެރިންނާ އެކު ކުރެއްވި މަޝްވަރާތަކަށް ފަހު، އެތަނުން ކުރި ޕޯސްޓަކާ ގުޅިގެންނެވެ.

ރައީސް މުއިއްޒާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، އެ ތަނުން ކުރި އެ ޕޯސްޓުގައި ބުނީ ސަލާމަތާއި ބައިނަލްއަގުވާމީ ގާނޫނުތައް ދިފާއުކުރުމުގެ އިތުރުން ޔޫކްރޭނަށް ތާއީދުކުރުމާ ގުޅޭގޮތުން މަޝްވަރާކުރި ކަމަށެވެ.

އަދި އދ. ގައި ޔޫކްރޭނަށް ރާއްޖޭން ކުރާ ތާއީދަށް އެ ޕޯސްޓުގައި ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އެކަމާ ގުޅިގެން، ރަޝިޔާ-ޔޫކްރޭނު ހަނގުރާމައިގައި މިހާތަނަށް ވަކި ކޮޅަކަށް ނުޖެހި އޮތް ރާއްޖޭން ޔޫކްރޭނަށް ތާއީދުކުރީތޯ ގިނަ ބަޔަކު ސުވާލު އުފައްދަމުން ދަނިކޮށް، ހަލީލް އެކްސްގައި ވިދާޅުވީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތުތައް ބަދަލު ނުވާ ކަމަށާއި އދ. ގައި ރާއްޖޭން ވޯޓު ދެމުންދާ ގޮތުން އެކަން ސާފުވާނެ ކަމަށެވެ.

"ކުދި ގައުއުމުތަކުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ބުރޫއަރާ ފަދަ ހާލަތްތަކުގައި ރާއްޖެއިން އަބަދުވެސް ނަގަނީ ޕްރިންސިޕަލް ސްޓޭންޑެއް،" ޔޫކްރޭނު ހަނގުރާމައިގެ ވާހަކަ ނުގެންނަވައި ހަލީލް ވިދާޅުވި އެވެ.

އަދި ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާވެގެންވަނީ އެއްވެސް ގައުމަކާ ހަތުރުވެރި ނުވެ ދިވެހިންގެ ލާބަ އާއި މަންފާ ލިބޭ ގޮތަށް، ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ބުރޫ ނާރާ ގޮތަށް ހުރިހާ ގައުމަކާ އެކީ ވެސް ގާތް ގުޅުން ބޭއްވުމުގު މައްޗަށް ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވި އެވެ.

ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެސްޓޯނިއާ އިން ދަނީ މާލީ އަދި އަސްކަރީ އެހީ ޔޫކްރޭނަށް ފޯރުކޮށްދެމުންނެވެ.