Roadha Mihaaru
އިސްލާމިކް ފައިނޭންސް ދާއިރާގައި އަންހެނުން ކުރިއަރުވަނީ

އިސްލާމިކް ފައިނޭންސްގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަނީ

20 ޑިސެމްބަރ 2016

އިސްލާމިކް ފައިނޭންސްގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށް މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސާ އެކު ވިމެން އޮން ބޯޑްސް (ޑަބްލިއުއޯބީ) އިން އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

އިސްލާމިކް ފައިނޭންސްގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށް މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސާ އެކު ވިމެން އޮން ބޯޑްސް (ޑަބްލިއުއޯބީ) އިން އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި އިސްލާމިކް ފައިނޭންސް ސެންޓަރުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ދީދީ އެވެ. ޑަބްލިއުއޯބީގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސާ ފާތިމަތު ޝަފީގާ އެވެ.

ޑަބްލިއުއޯބީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން އިސްލާމިކް ފައިނޭންސް ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ ދަފްތަރެއް ބެލެހެއްޓުމާއި އިސްލާމިކް އިކޮނޮމިކްސް އަށް ހޭލުންތެރިކުރުވައި އެ ދާއިރާ އަށް އަންހެނުން ނެރުމަށް ހިތްވަރު ދޭނެ އެވެ. އަދި އިސްލާމިކް މައިކްރޯފައިނޭންސްގެ ދާއިރާ އަށް އަންހެނުން އަހުލުވެރިކޮށް، ބާރުވެރިކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

މީގެ އިތުރުން، އިސްލާމިކް ފައިނޭންސް ސެންޓަރުން ނެރޭ މަޖައްލާގައި ޝާއިއު ކުރާ ލިޔުންތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އިސްލާމިކް އިކޮނޮމިކްސްއާ ގުޅުންހުރި ލިޔުންތައް ލިޔުމަށް އެ ދާއިރާގެ ދިރާސާތަކާއި މައުލޫމާތު ހޯދައި ބެލެހެއްޓުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ޑަބްލިއުއޯބީން ބުންޏެވެ.

ޑަބްލިއުއޯބީ އަކީ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުރުމާއި ވިޔަފާރީގައި އަންހެނުންނަށް އިސް ދައުރެއް އަދާކުރުމުގެ ފުރުސަތު ހޯދައި ދިނުމަށް މަސައްކަތް ކުރާ ޖަމިއްޔާ އެކެވެ. އަދި ރާއްޖޭން ބޭރުގެ ފަރާތްތަކާ ގުޅިން، ޖިންސުގެ ހަމަހަމަކަމާއި ކޯޕަރޭޓް ގަވަނެންސްގެ އުސޫލުތަކާއި ބޯޑް ޑައިވާސިޓީ ޕްރޮމޯޓް ކުރުމަށް ވެސް އެ ޖަމިއްޔާ އިން މަސައްކަތް ކުރެ އެވެ.