Roadha Mihaaru

އަންހެނުންނަށް ހިންގި އިލެކްޓްރިޝަން ކޯސް ނިންމާލައިފި

އަންހެނުންނަށް ހާއްސަކޮށް ސްޓެލްކޯއިން ކުރިއަށް ގެންދިޔަ އިލެކްޓްރިޝަން ކޯސް ނިންމާލައިފި އެވެ.

ސްޓެލްކޯގެ އިލެކްޓްރީޝަން ކޯސް ނިންމާލައިފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

24 ނޮވެމްބަރ 2025

އަންހެނުންނަށް ހާއްސަކޮށް ސްޓެލްކޯއިން ކުރިއަށް ގެންދިޔަ އިލެކްޓްރިޝަން ކޯސް ނިންމާލައިފި އެވެ.

އެ ކޯހަކީ އާންމުކޮށް ހުޅުވާލައިގެން 16 އަހަރުން މަތީގެ ކޮންމެ އަންހެނަކަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިޔަ ކޯހެކެވެ. އެގޮތުން ޖުމްލަ ހަތް ބެޗަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ ކޯހުގައި 116 މީހަކު ބައިވެރިވި އެވެ.

އެ ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކޮށް ދެއްވީ ފަސްޓްލޭޑީ ސާޖިދާ މުހައްމަދާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދާއި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު މުޒްނާ އެވެ.

ސްޓެލްކޯ އިން ބުނީ އެ ކޯހުގައި ޓްރެއިނަރުންގެ ހަރަކާތްތެރިވީ އެ ކުންފުނީގެ ތަޖްރިބާކާރުން ކަމަށެވެ.

އެ ކޯހުގެ މަގްސަދަކީ ކަރަންޓުގެ ދާއިރާއަށް އަންހެނުން ޝައުގުވެރި ކުރުވައި، އެ ދާއިރާގައި ފިރިހެނުންނާ އެއްހަމައެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު އަންހެނުންނަށް ފަހިކޮށް ދިނުން ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯ އިން ހިންގި އިލެކްޓްރީޝަން ކޯސްގެ ބައިވެރިއަކަށް ސެޓްފިކެޓް ހަވާލުކޮށް ދެއްވަނީ --- ފޮޓޯ/ސްޓެލްކޯ

ސްޓެލްކޯ އިން ހިންގި އިލެކްޓްރީޝަން ކޯސްގެ ބައިވެރިއަކަށް ސެޓްފިކެޓް ހަވާލުކޮށް ދެއްވަނީ --- ފޮޓޯ/ސްޓެލްކޯ

ސްޓެލްކޯއިން ބުނީ އެ ކޯހުގައި ގޭބީސީތަކުގެ ކަރަންޓް ވަޔަރު ކުރުމުގެ އަސާސީ މައުލޫމާތާއި އަމަލީ ގޮތުން އެކަން ކުރާނެ ގޮތާއި ވަޔަރު ކުރުމަށް ބޭނުންވާ ސާމާނާއި އަދި އާންމުކޮށް ގޭބީސީތަކުގައި ބޭނުންކުރާ ކަރަންޓް އާލާތްތައް ހަރުކުރާނެ ގޮތް ކިޔައިދީފައިވާ ކަމަށެވެ.

މީގެ އިތުރުން ޑީ ބޯޑަށް ދިމާވާ މައްސަލަތައް ހައްލު ކުރާނެ ގޮތާއި ގޭބީސީތަކުގައި ބޭނުންކުރާ ކަރަންޓް ސާމާނު ރައްކާތެރި ގޮތުގައި ބޭނުން ކުރާނެ ގޮތުގެ އިތުރުން ކަރަންޓަށް ކުރާ ހޭދަ ކުޑަ ކުރެވޭނެ ގޮތްތައް ވެސް އެ ކޯހުގައި ކިޔައިދީފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

އެ ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ފަސްޓްލޭޑީ ސާޖިދާ ވިދާޅުވީ ގޭ ތެރޭގައި ކަރަންޓްގެ މައްސަލަތައް ހައްލު ކުރެވޭނެ ގޮތް ކިޔައި ދިނުމަށް އަންހެނުންނަށް ހާއްސަކޮށްގެން އެފަދަ ކޯހެއް ކުރިއަށް ގެންދިއުމުން ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ސްޓެލްކޯ

އެ ރަސްމިއްޔާތުގައި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ސްޓެލްކޯ

އެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ސަމާހު ވިދާޅުވީ ފިރިހެނުން ހަރަކާތްތެރިވާ ދާއިރާއަކަށް އަންހެނުން ތަމްރީނު ކުރުމުގައި ވަރަށް އެދެވޭ ނަތީޖާތަކެއް ނިކުންނާނެ ކަމަށެވެ. އަދި އޭގެ ސަބަބުން އަންހެނުންނަށް އަމިއްލައަށް ކަރަންޓްގެ މަސައްކަތް ދަސްވެ، އާމްދަނީ ހޯދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.