02 މާޗް 2022
ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއަކީ އަމިއްލައަށް ފެންނަ ގޮތަކަށް ވެރިކަމުގެ ކަންތައް ހިންގަވާ ހުދުމުހުތާރު ޑިކްޓޭޓަރެއް ކަމަށާއި، ރަޝިޔާ ސިފައިން ލައްވާ ޔޫކްރޭނަށް މިހާރު ދެމުންދާ ހަމަލާތަކުގެ އަގު، ރައީސް ޕުޓިން ދައްކަންޖެހޭނެ ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން ރޭ ވިދާޅުވެއްޖެ އެވެ.
ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއަކީ އަމިއްލައަށް ފެންނަ ގޮތަކަށް ވެރިކަމުގެ ކަންތައް ހިންގަވާ ހުދުމުހުތާރު ޑިކްޓޭޓަރެއް ކަމަށާއި، ރަޝިޔާ ސިފައިން ލައްވާ ޔޫކްރޭނަށް މިހާރު ދެމުންދާ ހަމަލާތަކުގެ އަގު، ރައީސް ޕުޓިން ދައްކަންޖެހޭނެ ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން ރޭ ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ކޮންގްރެސްގައި ރޭ ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ބައިޑެން ވިދާޅުވީ ޔޫކްރޭނަށް އަރައިގަތުމުގައި ޕުޓިން ހިސާބު ޖެއްސެވީ ނުބައިކޮށް ކަމަށެވެ.
"މީގެ ހަ ދުވަސް ކުރިން ރަޝިޔާގެ ލަޑިމިއާ ޕުޓިން މަސައްކަތް ކުރީ، އޭނާގެ ބިރުދެއްކުންތަކަށް މިނިވަން ދުނިޔެ ބޯލަނބާނެ ކަމަށް ހީކޮށް، މިނިވަން ދުނިޔޭގެ ބިންގާ ގުޑުވައިލަން. އެކަމުގައި އޭނާ އަށް ހިސާބު ޖެހުނީ ވަރަށް ގޯސްކޮށް،" ބައިޑަން ވިދާޅުވި އެވެ.
ބައިޑަން ވިދާޅުވީ ޕުޓިން ހީކުރެއްވީ އޭނާ ބޭނުން ގޮތެއް ޔޫކްރޭނަށް ހަދައިލެވޭނެ ކަމަށާއި، އެ ހުރިހާ ކަމެއް ކުރާއިރު ދުނިޔެ ބަލަން އޮންނާނެ ކަމަށެވެ.
"އޭގެ ބަދަލުގައި އޭނާއާ ކުރިމަތީވީ އޭނާ ހީވެސް ނުކުރާ އަދި ހިޔާލަށް ވެސް ނުގެނެވޭ ފަދަ ވަރުގަދަ ފާރެއް. އޭނާއާ ބައްދަލުކުރީ ޔޫކްރޭންގެ ރައްޔިތުން،" ބައިޑެން ވިދާޅުވި އެވެ.
ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން. --ފޮޓޯ:އޭއެފްޕީ
އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާގެ އުދުވާނުގެ ކުރިމަތީގައި ހުޅަނގުން ދައްކަމުން އަންނަ އެއްބައިވަންތަކަމަކީ ރަޝިޔާ އަށް ކުރިމަތިވި ވަރަށް ބޮޑު ވޭނަކަށް ވެއްޖެ އެވެ. އަދި އެއީ ޔޫކްރޭންގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ތާއީދެއް ކަމަށާއި، އޭގެ ސަބަބުން ރަޝިޔާގެ އުދުވާން ވަރަށް ބޮޑަށް ބަލިކަށިވަމުންދާ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.
"ދުރާލައި ރާވައިގެން ޕުޓިން ޔޫކްރޭނަށް ގަސްދުގައި ދިން ހަމަލާއަކީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ އުދުވާނެއް ނޫން. ޑިޕްލޮމެޓިކް ގޮތުން މައްސަލަ ހައްލުކުރުމަށް ތަކުރާރުކޮށް ތަކުރާރުކޮށް ކުރި މަސައްކަތަށް އޭނާ ވަނީ ދެކޮޅު ހަދާފައި. އޭނާ ހީކުރީ ހުޅަނގާއި ނޭޓޯ އިން އޭނާ އަށް ރައްދެއް ނުދޭނެ ކަމަށް. އޭނާ ހީކުރީ އަހަރެމެންގެ ގޭގައި އަހަރެމެންގެ މި މާލަމުގައި އަހަރެމެންގެ މި ގައުމުގައި އަހަރެމެން ބައިބައިކުރެވޭނެ ކަމަށް. ޕުޓިންގެ އެ ހީކުރުން މުޅިން ނުބައި. އަހަރެމެން މިތިބީ ތައްޔާރަށް."
ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ދެއްވި ރިއާސީ ބަޔާނުގައި ބައިޑެން ވިދާޅުވީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އަދި މުޅި ދުނިޔޭގެ ވިސްނުމާ ދެކޮޅަށް ރަޝިޔާ އިން ކުރާ ހަނގުރާމައިން ރަޝިޔާއަށް ކުރިފަސް ނުލިބޭނެ ކަމަށެވެ.
އެމެރިކާގެ ހަމަލާތަކުގައި ހަލާކުވި އިމާރާތެއްގެ ތެރޭގައި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު، ޔޫކްރޭންގެ ރެސްކިޔު ޓީމުން ނަގައިގެން ގެންދަނީ. --އޭއެފްޕީ
"އަބަދުވެސް އަނިޔާވެރި ކަމުގެ މައްޗަށް، މިނިވަންކަމަށް ނަސްރު ލިބޭނެ،" ފުރަތަމަ ރިއާސީ ބަޔާނުގައި ބައިޑެން ވިދާޅުވި އެވެ.
ބައިޑެން ވިދާޅުވި ގޮތުގައި ސިޔާސީ ދާއިރާއަށް ނުފޫޒު ފޯރުވާ ރަޝިޔާގެ މަހުޖަނުން ނަހަމަ ގޮތުގައި ހޯދާފައިވާ މުއްސަނދިކަމުގެ ފަހަތުން އެމެރިކާ ގޮސް، އެމީހުންގެ ޔޮޓްތަކާއި އެމީހުންގެ އަގު ބޮޑު އެޕާޓްމަންޓްތަކާއި އެމީހުންގެ ޕްރައިވެޓް ޖެޓްތައް ވެސް އެމެރިކާ ސަރުކާރަށް ނަގާނެ އެވެ. އޭގެ އިތުރުން ރަޝިޔާގެ އެންމެހައި މަތިންދާބޯޓުތަކަށް އެމެރިކާގެ ވައިގެ ސަރަހައްދު ބަންދުކުރައްވާނެ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.
ޕުޓިންއާ ކުރިމަތިލުމަށްޓަކައި، އޭޝިޔާ އާއި ޔޫރަޕާއި އެފްރިކާ އަދި އެމެރިކާގައި ހުރި މިނިވަންކަމަށް ލޯބިކުރާ ގައުމުތަކުގެ ކޯލިޝަނެއް އުފެއްދުމަށް އެމެރިކާ އިން މަސައްކަތް ކުރަމުން އަންނަތާ މަސްތަކެއް ވެއްޖެ ކަމަށް ބައިޑެން ވިދާޅުވި އެވެ. ޔޫރަޕްގައި ތިބި އެމެރިކާގެ ބައިވެރިން އެކުވެރިކުރުމަށް ވެސް، ގުނައި އަދަދު ނުކުރެވޭހާ ގިނަ ވަގުތު ހޭދަކުރެވުނު ކަމަށާއި، ޕުޓިން ރާވަމުންދާ ނުބައި ރޭވުންތަކާ ބެހޭ ގޮތުން ލިބިފައިވާ މައުލޫމާތު ބައިވެރިންނާ ހިއްސާކުރެއްވި ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.
ރަޝިޔާ އިން ޔޫކްރޭނަށް ހަމަލާ ދޭން ފެށުމާ ގުޅިގެން، ދުނިޔޭގެ ތެލާއި ގޭހުގެ ބާޒާރުގައި އަގުތައް އުފުލެމުންދާ މައްސަލަ ހައްލުކުރުމުގެ ގޮތުން، އެމެރިކާ އައި އެމެރިކާގެ ބައިވެރިން މިހާރުވަނީ އެ ގައުމުތަކުގެ ރިޒާވްގައި ހުރި 60 މިލިއަން ފީފާ ތެޔޮ ބާޒާރަށް ނެރުމަށް ނިންމައިފަ އެވެ. މި ހަނގުރާމައިގެ ސަބަބުން ތެލާއި ގޭހުގެ އަގުތައް އެންމެ ބޮޑަށް އުފުލިފައިވަނީ އެމެރިކާގެ ސްޓޭޓްތަކުގަ އެވެ.
އެމެރިކާ އިން ޔޫކްރޭނަށް 39.8 ބިލިއަން ޑޮލަރު ދެނީ
ޔޫކްރޭންގައި ރަޝިޔާ އަށް ކާމިޔާބެއް ނުވާނެ: ބައިޑެން
ޔޫކްރޭން ދުވަހަކު ވެސް އެކަންޏެއް ނުވާނެ: ބައިޑެން
ޝަރުތުތަކާ އެކު ޕުޓިން ބައިޑެންއާ ބައްދަލެއް ނުކުރާނެ
ރަޝިޔާއާ އެކުގައި މަޝްވަރާތައް ކުރެވޭ: އެމެރިކާ
އެމެރިކާގެ އަސްކަރީ ބާރު މުޅި ޔޫރަޕަށް ފަތުރާލަނީ
ޔޫކްރޭނަށް އެހީ ހޯދަން ބައިޑެން ޔޫރަޕަށް
އުދުހުން މަނާ ނުކުރަންޏާ އިތުރު ހަތިޔާރުދީ: ޒެލެންސްކީ
ހަނގުރާމައިގައި ރަޝިޔާ އަށް ކުރިއެރުމެއް ނުލިބޭ
ރަޝިޔާއަށް ހަތިޔާރު ދީފިއްޔާ ޒިންމާ ނަގަންޖެހޭނެ