Roadha Mihaaru
ޔޫކްރޭނަށް އެހީ ހޯދަން ބައިޑެން ޔޫރަޕަށް

ޔޫކްރޭނަށް އެހީ ހޯދަން ބައިޑެން ޔޫރަޕަށް

21 މާޗް 2022

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުން އަންނަ ހަނގުރާމައިން އެ ގައުމު ސަލާމަތް ކުރުމަށްޓަކައި، ވިލާތުގެ ގައުމުތަކުގެ އަސްކަރީ އަދި މާލީ އެހީތެރިކަން ހޯއްދެވުމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން މި ހަފުތާގެ ފަހުކޮޅު ޔޫރަޕަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުން އަންނަ ހަނގުރާމައިން އެ ގައުމު ސަލާމަތް ކުރުމަށްޓަކައި، ވިލާތުގެ ގައުމުތަކުގެ އަސްކަރީ އަދި މާލީ އެހީތެރިކަން ހޯއްދެވުމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން މި ހަފުތާގެ ފަހުކޮޅު ޔޫރަޕަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

އަންނަ ބުރާސްފަތި ދުވަހު ބައިޑެން އެންމެ ފުރަތަމަ ވަޑައިގަންނަވާނީ، ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސް އަށެވެ. އެ ގައުމަށް ވަޑައިގެން ނޭޓޯގެ ގައުމުތަކުގެ ވެރިންނާއި، އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ 7 ގައުމު (ޖީ-7)ގެ ވެރިންނާ އެކު ބައްދަލުވުމެއް ބާއްވަވާނެ އެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވަނީ، ޔޫކްރޭނަށް އަސްކަރީ އެހީ އާއި އިންސާނީ އެހީތެރިކަމުގެ ސާމާނު ފޮނުވުމާ ބެހޭ ގޮތުންނެވެ.

އޭގެ އިތުރުން، ރަޝިޔާ ސިފައިން ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އަށް އިތުރު ފިއްތުންތައް ކުރިމަތިކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ އެވެ. ޖީ-7 އަދި ނޭޓޯގެ ވެރިންނާ އެކުގައި މަޝްވަރާ ކުރެއްވުމަށް ފަހު ރައީސް ބައިޑެން ދެން ވަޑައިގަންނަވާނީ ޔޫކްރޭންގެ ހުޅަނގުން އިންވެގެން އޮންނަ ޕޮލޭންޑަށެވެ.

ޔޫކްރޭނާ އެކު، ސަރަހައްދީ ރޮނގުގެ 500 ކިލޯމީޓަރުގެ ބޮޑު ސަރަހައްދެއް ހިއްސާކުރާ ޕޮލޭންޑަށް ވަޑައިގަތުމަށް ފަހު އެ ގައުމުގެ ރައީސް އަންދްރޭ ޑޫޑާއާ ބައްދަލުކުރައްވައި، އަސްކަރީ އެހީ އާއި އިންސާނީ އެހީތެރިކަމުގެ ސާމާނު ޔޫކްރޭނަށް އެތެރެ ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ.

ރަޝިޔާ ސިފައިންގެ ހަމަލާތަކުން ދިފާއުވުމަށް ޔޫކްރޭނު ސިފައިން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީވުމަށް ވިލާތުގެ ގައުމުތަކުން ފޮނުވާ އަސްކަރީ ސާމާނުތައް، މިހާރު ވެސް އެ ގައުމަށް އެތެރެ ކުރަނީ ޕޮލެންޑްގެ ތެރެއިންނެވެ. ހުސްވި ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ހަނގުރާމަ ފެށި ފަހުން، ޔޫރަޕުގެ ގައުމުތަކުން ޔޫކްރޭނަށް މިހާތަނަށް ފޮނުވި، ޓޭންކާއި މަތިންދާބޯޓަށް ހަމަލާ ދިނުމަށް ކޮނޑުމަތިން ފޮނުވައިލާ ޒާތުގެ 20،000 މިސައިލްގެ ތެރޭގައި، ޕޮލޭންޑުން ދިން މިސައިލް ވެސް ހިމެނެ އެވެ.

އޭގެ އިތުރުން ޕޮލެންޑުން މިހާރު އެމެރިކާއާ އެކުގައި މަޝްވަރާ ކުރަމުން އަންނަނީ، ޕޮލެންޑްގައި ހުރި މިގް-29 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް އެމެރިކާ މެދުވެރިކޮށް ޔޫކްރޭނަށް ފޮނުވުމަށެވެ. އޭގެ ބަދަލުގައި އެމެރިކާގެ އެފް-16 މަރުކާގެ މަތިންދާބޯޓުތައް ޕޮލެންޑަށް ދޭ ގޮތަށެވެ. ނަމަވެސް އެމެރިކާ އިން ވަނީ ޕޮލެންޑްގެ މި ހުށަހެޅުމަށް އިންކާރުކޮށްފަ އެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނަށް ހަމަލާ ދޭން ފެށުމާ ގުޅިގެން އެ ގައުމު ދޫކޮށް ރެފިއުޖީންގެ ގޮތުގައި މިހާތަނަށް ނުކުތް މީހުންގެ އަދަދު ތިން މިލިއަން ފަހަނައަޅާފައިވާ އިރު، ދެ މިލިއަނެއްހާ މީހުން ދިޔައީ ޕޮލެންޑަށެވެ.