Roadha Mihaaru
ފައްޔާޒާއި އިންތި ވެސް މިއަދު އައްޑު އަށް

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު: ފައްޔާޒާއި އިންތި ވެސް މިއަދު އައްޑު އަށް

03 މާޗް 2022

އަންނަ މަހުގެ 16 ގައި ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ކެމްޕެއިނަށް މިއަދު އައްޑު އަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އަންނަ މަހުގެ 16 ގައި ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ކެމްޕެއިނަށް މިއަދު އައްޑު އަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

އައްޑު އަކީ މާލެ ފިޔަވައި އެމްޑީޕީގެ އެންމެ ގިނަ ސަޕޯޓަރުން ތިބި ސިޓީ ކަމަށް ވާއިރު، މިއީ މި ކެމްޕެއިންގައި އެ ދެ ބޭފުޅުން އެއް ދުވަހެއްގައި މިފަދަ ގޮތަކަށް ކެމްޕެއިނަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެހެންވެ، އައްޑޫގައި މި ކެމްޕެއިންގެ ވާދަވެރިކަން މި ހަފުތާ ބަންދުގައި ވަރަށް ގަދަވާނެ ކަމަށް ދެ ފަރާތުގެ ސަޕޯޓަރުން ވެސް ދެކެ އެވެ.

ފައްޔާޒްގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ވަހީދު (އިބްރޭ) "މިހާރު" އަށް ވިދާޅުވީ ފައްޔާޒާއި އޭނާގެ ކެމްޕެއިން ޓީމު މިރޭގެ ވަގުތެއްގައި އައްޑު އަށް ފުރާނެ ކަމަށެވެ. އަދި އަންނަ އާދީއްތަ ދުވަހާ ހަމައަށް އައްޑޫގައި ކެމްޕެއިނާއި ޑޯޓުޑޯގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް އިބްރޭ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ދާއިރާގެ ގިނަ މެމްބަރުން ތިއްބެވީ ފައްޔާޒާއެކު ކަމަށް ވާއިރު، އެ މެމްބަރުން ވެސް މި ދަތުރުގައި އައްޑު އަށް ވަޑައިގަންނަވާނެ ކަމަށް އިބްރޭ ވިދާޅުވި އެވެ.

އޭގެ ތެރޭގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ހިމެނެ އެވެ. ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވެސް ތާއީދު ކުރައްވަނީ ފައްޔާޒަށް ކަމަށް ވާއިރު، އަސްލަމް މިހާރު ހުންނެވީ ރަސްމީ ދަތުރެއްގައި އެމެރިކާގަ އެވެ.

އައްޑޫގައި ތިއްބެވި ދާއިރާގެ ރައީސުންނާއި އެހެން މެމްބަރުން ކެމްޕެއިންގައި ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިގެ ކެމްޕެއިން ޓީމުން ވެސް މިއަދުން ފެށިގެން އާދީއްތަ ދުވަހާ ހަމައަށް ހަރަކާތްތެރިވާނީ އައްޑޫގަ އެވެ. އިންތިއާއެކު، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި އިންތިގެ ތަރުޖަމާން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ބައިވެރިވެވަޑައިގަންނަވަ އެވެ.

އެ ދަތުރުގައި އައްޑޫގެ ހުރިހާ ރަށަކަަށް ވަޑައިގެން އެމްޑީޕީގެ އާންމު މެންބަރުންނާ އިންތި ބައްދަލު ކުރައްވާނެ ކަމަށާއި ދޮރުންދޮރަށް ހިންގަވައި ކެމްޕެއިން އިވެންޓުތައް ބާއްވާނެ ކަމަށް އެ ޓީމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުންޏެވެ.

ފައްޔާޒު ކެމްޕެއިން ފެއްޓެވީ ށ. މިލަންދޫން ކަމަށް ވާއިރު އެ އަތޮޅުގެ ހުރިހާ ރަށަކަށް އޭނާ ވަނީ ވަޑައިގެން ކެމްޕެއިން ކުރައްވައިފަ އެވެ. އަދި އިންތި ވެސް ދާދި ފަހުން ވަނީ ފުވައްމުލަކަށް ވަޑައިގެން ކެމްޕެއިންގެ ހަރަކާތްތައް ހިންގައިފަ އެވެ.