Roadha Mihaaru
އިންތިގެ ކެމްޕޭންޓީމުގެ ސައިކަލުތަކަކަށް ގެއްލުންދީފި

އިންތިގެ ކެމްޕެއިން ޓީމުގެ ބައެއްގެ ސައިކަލްތަކަށް ގެއްލުންދީފި!

16 މެއި 2022

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ބޭއްވި ދުވަހުގެ ކުރީ ރޭގައި، އެ އިންތިހާބުގައި ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ގެ ކެމްޕެއިން ޓީމުގެ ބައެއްގެ ސައިކަލުތަކަކަށް ގއ. ވިލިނގިލީގައި ގެއްލުންދީފި އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ބޭއްވި ދުވަހުގެ ކުރީ ރޭގައި، އެ އިންތިހާބުގައި ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ގެ ކެމްޕެއިން ޓީމުގެ ބައެއްގެ ސައިކަލުތަކަކަށް ގއ. ވިލިނގިލީގައި ގެއްލުންދީފި އެވެ.

އެ ރަށު ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދު "މިހާރު" އަށް މިއަދު ވިދާޅުވީ 12 ސައިކަލަކަށް ގެއްލުންދީފައިވާ ކަމަށެވެ. ބައެއް ސައިކަލުތަކުގެ ޓަޔަރުގައި ކަޓަރު އަޅައި، ހަން ފަޅައި އަދި މަޑިތަކުގައި ވެސް ކަޓަރު އަޅައިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ގެއްލުން ދީފައިވާ ސައިކަލްތަކުގެ ތެރޭގައި ވިލިނގިލި ކައުންސިލްގެ ދެ މެމްބަރެއްގެ ސައިކަލް ވެސް ހިމެނެ އެވެ. އެއީ ޒައިނުއްދީން މުހައްމަދާއި ޝީބާ އަހްމަދުގެ ސައިކަލް ކަމަށް ވިޝާލް ވިދާޅުވި އެވެ.

"ސީދާ ދަންނަވާކަށް ނޭނގޭ އެހެން [އިންތިގެ ކެމްޕޭނު ޓީމުގެ މީހުންގެ ސައިކަލުތަކެކޭ]. އެކަމަކު އަޅުގަނޑުމެންނަށް ބަލާބެލުމަށް އެނގޭ އިންތިގެ ކެމްޕޭނުގައި އިސްކޮށް އުޅުއްވި ބޭފުޅުންގެ ސައިކަލުތަކަށް ކަން ގެއްލުން ދީފައި ހުރީ،" ވިޝާލް ވިދާޅުވި އެވެ.

ވާދަވެރި އެއްވެސް އިންތިހާބެއްގައި އެ ރަށުގައި މީގެ ކުރިން އެ ފަދަ އެއްވެސް ކަމެއް ހިނގައިފައި ނުވާ ކަމަށް ވިޝާލް ވިދާޅުވި އެވެ.

އިންތިގެ ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވި ވިލިނގިލީ ކައުންސިލްގެ މެމްބަރު ޝިފާއު އަހުމަދު ވިދާޅުވީ މިއީ އިންތިގެ ކެމްޕޭން ޓީމުގެ ހަރަކާތްތައް ހުއްޓުވާލުމަށް ދިން ގެއްލުމެއް ކަމަށެވެ.

"އަޅުގަނޑުމެން އިންތިގެ ފަަހަތުގައި އުޅުނީ 11 މީހުން. އެ ކޮޅުގައި [ފައްޔާޒުގެ ކެމްޕޭން ޓީމުގައި] އުޅޭނެ 70 އެއްހާ މީހުން،" ޝިފާއު ވިދާޅުވިއެވެ.

މި މައްސަލަ މިހާރު ފުލުހުންނަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. ނަމަވެސް މި މައްސަލައިގައި ތުހުމަތުވާ ވަކި ބަޔަކު އަދި އެނގިވަޑައިނުގަންނަވާ ކަމަށް ޝިފާއު ވިދާޅުވި އެވެ.

ޗެއާޕާސަންގެ އިންތިހާބުގައި ވިލިނގިލިން ކުރި ހޯއްދެވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ. އޭނާ އަށް އެ ރަށުން 398 ވޯޓު ލިބުނުއިރު، އިންތި އަށް ހޯއްދެވުނީ 298 ވޯޓެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކަނީ ވޯޓުގެ 58 ޕަސެންޓް ލިބިވަޑައިގަތީ ފައްޔާޒަށް ކަމަށެވެ. އިންތި އަށް ލިބުނީ 42 ޕަސެންޓެވެ. އެމްޑީޕީގެ ޗެއާޕާސަން ކަމަށް ފައްޔާޒް ނުކުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރިހަމަ ތާއީދާ އެކުގަ އެވެ. ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ އިންތިގެ ފަހަތުގަ އެވެ.