Roadha Mihaaru
އައްޑޫގެ ބިން ހިއްކުން ނުހުއްޓުވާނަން: ޝައުނާ

އައްޑޫގެ ބިން ހިއްކުން ނުހުއްޓުވާނަން: ޝައުނާ

07 މާޗް 2022

އައްޑުއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް ފަށަން ނިންމާފައިވާ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު ނުހުއްޓުވާނެ ކަމަށާއި ނަމަވެސް އެކަން ކުރާނީ އައްޑޫގެ ތިމާވެއްޓަށް ބަލައިގެން ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އައްޑުއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް ފަށަން ނިންމާފައިވާ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު ނުހުއްޓުވާނެ ކަމަށާއި ނަމަވެސް އެކަން ކުރާނީ އައްޑޫގެ ތިމާވެއްޓަށް ބަލައިގެން ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

އައްޑޫން 236.5 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު މިދިޔަ މަހު ބަޔަކާ ހަވާލުކުރަން ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް އެ އަތޮޅުގެ ތިމާވެއްޓަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އީއައިއޭ ރިޕޯޓުން ފާހަގަވެފައި ވާތީ އެ މަސައްކަތް ހުއްޓާލުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ތިމާވެށީގެ ހައްގުގައި އަޑުއުފުލާ ބައެއް ޖަމިއްޔާތަކުން ވަނީ ގޮވާލައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޝައުނާ ވިދާޅުވީ އައްޑޫ ރައްޔިތުންގެ އިހުސާސްތައް އޭނާއަށް އޮޅިވަޑައިގެންފައި ނުވާ ކަމަށެވެ. ތިން ޖީލެއް އެއް ފުރާޅެއްގެ ދަށުގައި ދިރިއުޅޭ ކަމާއި ހާއްސަކޮށް މަރަދޫ ފޭދޫ އާއި މަރަދޫގެ ރައްޔިތުން ބޯހިޔާވަހި ކަމަށް ބޭނުންވެފައިވާ މިންވަރު އެނގިވަޑައިގަންނަވާ ކަމަށް ޝައުނާ ވިދާޅުވި އެވެ.

ނަމަވެސް ތަރައްގީގެ މަސައްކަތް ކުރާއިރު އެއާ އެއް މިންވަރަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ވެދާނެ ގޮތަކާ މެދު ވެސް ވިސްނަން ޖެހޭ ކަމަށް ޝައުނާ ވިދާޅުވި އެވެ.

"އެއްގޮތަކަށް ވެސް އަޅުގަނޑު އައްޑޫގެ ތަރައްގީއަކަށް ހުރަހެއް ނާޅާނަން. އަދި ސަރުކާރުން ވެސް އައްޑޫގެ ތަރައްގީއަށް ހުރަހެއް ނާޅާނަން،" ޝައުނާ ވިދާޅުވި އެވެ.

އަޅުގަނޑުމެނެއް އެ ޕްރޮޖެކްޓެއް ނުހުއްޓުވާނަން. އަޅުގަނޑަށް އެނގޭ އައްޑޫ ރައްޔިތުންގެ އިހުސާސްތައް އެތަކުލީފަކީ ކޮބައިކަން. އައްޑޫ ރައްޔިތެއްގެ ހައިސިއްޔަތުން އިހުސާސް ކުރެވޭ، އައްޑޫ ރައްޔިތުން އެދޭ ތަރައްގީ ހޯދައިދިނުުގައި އެންމެ ފިޔަވަޅެއް ވެސް ފަހަތަކަށް ނުޖެހޭނަން: ޝައުނާ

އައްޑޫ ތަރައްގީކުރާއިރު އެ ރަށުގެ ރީތިކަމާއި ވެއްޓާއި މާހައުލީ ނިޒާމް ރައްކާކުރެވޭނެ ގޮތްތަކާ މެދު ވިސްނާނެ ކަަމަށާއި މަސައްކަތް ކުރާނީ ޑިޒައިން އާއި ޑޭޓާ އަދި ސައިންސް އަށް ބިނާކޮށްފައި ކަމަށް ޝައުނާ ވިދާޅުވި އެވެ. އެ ކަންކަމަށް ރިއާޔަތް ނުކޮށް ތަރައްގީގެ މަސައްކަތް ކުރުމުން ރަށްތަކަށް ބޮޑެތި ގެއްލުންވާ ކަމަށް ވެސް ޝައުނާ ވިދާޅުވި އެވެ.

"އައްޑޫ އަކީ ގުދުރަތީ ގޮތުން އުފެދިފައި އޮތް އެންމެ ކުޑަ އަތޮޅު އަދި ކަރަންޓްސް އުފެދޭނެ ނިޒާމްތަކެއް ނެތް. އެހެންވެ މި މަސައްކަތްކުރަން ވާނީ އެ ނިޒާމްތަކަށް އެންމެ ކުޑަ އަސަރެއް ކުރާނެ ގޮތަކަށް ބައްޓަންކޮށްގެން،" މިނިސްޓަރު ވިދާޅުވި އެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއާ ގުޅޭ ގޮތުން މިއަދު 2:30 ގައި އީޕީއޭ އާއި ޕްލޭނިން މިނިސްޓްރީ އީއައިއޭ ކޮންސަލްޓަންޓާ އެކީ ބައްދަލުކުރާނެ ކަމަށާއި އެ މަޝްރޫއު ހިންގަން ކުރިޔަށް ދާނެ ގޮތަކާ މެދު އެ ބައްދަލުވުމުގައި ވިސްނަވާނެ ކަމަށް ޝައުނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނެއް އެ ޕްރޮޖެކްޓެއް ނުހުއްޓުވާނަން. އަޅުގަނޑަށް އެނގޭ އައްޑޫ ރައްޔިތުންގެ އިހުސާސްތައް އެ ތަކުލީފަކީ ކޮބައިކަން. އައްޑޫ ރައްޔިތެއްގެ ހައިސިއްޔަތުން އިހުސާސް ކުރެވޭ، އައްޑޫ ރައްޔިތުން އެދޭ ތަރައްގީ ހޯދައިދިނުުގައި އެންމެ ފިޔަވަޅެއް ވެސް ފަހަތަކަށް ނުޖެހޭނަން،" ޝައުނާ ވިދާޅުވި އެވެ.

އައްޑޫ ބިން ހިއްކުމާ ގުޅޭ ކަންބޮޑުވުންތައް:

- އީއައިއޭ ރިޕޯޓުން އެނގޭ ގޮތުގައި މި މަޝްރޫއުގެ ސަބަބުން 21 ހެކްޓަރުގެ މުރަކައަށާއި 120 ހެކްޓަރުގެ މޫދު ވިނައިގެ މައްޗަށް ކިސަޑު އެޅޭނެ.

- އައްޑޫގެ ބަޔޮސްފިޔާ ރިޒާވް ހަލާކުވެ، ވެލި ނަގާ ސަރަހައްދުތަކާ ކައިރީގައި ހިމަޔާތްކޮށްފައިވާ ތަންތަން ކަމަށްވާ މާކަނޑު (މަންޓާ ޕޮއިންޓް) އާއި ކޯމަހާއި ވެލަޔާއި މަޑި ފަދަ ދިރުންތައް ކުޑަކަނޑުގެ ސަރަހައްދަށް ގެއްލުން ވާނެ.

- ޑައިވް ޕޮއިންޓެއް ކަމަށްވާ ބްރިޓިސް ލޯޔަލްޓީ ޝިޕްރެކް ސަރަހައްދުން ފެންނަ މިޔަރު ފަދަ ދިރުންތައް މަދުވާނެ

- ކަނޑުގެ ދިރުންތަކަށް ގެއްލުންވުމުން މިހާރު ވެސް ވަރަށް ހާލުގައި އޮތް އައްޑޫގެ ޓޫރިޒަމަށް 17 އާއި 27.4 މިލިއަން ޑޮލަރާ ދެމެދުގެ އަދަދު ގެއްލުން ވާނެ ކަމަށް އަންދާޒާކުރެވޭ.

އައްޑޫން ބިން ހިއްކަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ހިތަދޫން ހިއްކަން ހަމަޖެހިފައިވާ 90 ހެކްޓަރު، މަރަދޫ/މަރަދޫފޭދޫން 75 ހެކްޓަރު އަދި ހުޅުދު އާއި މީދޫން 38 ހެކްޓަރުގެ ބިމެވެ. މީގެ އިތުރުން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ޓޫރިޒަމަށް އައްޑޫ ހުޅުވާލަން ބޭނުންވާ ބިން ހިއްކުމުގެ ޕްލޭންގެ ދަށުން އެކި ސަރަހައްދުތަކުން 25 ހެކްޓަރުގެ ބިން ހިއްކުން ވެސް ހިމެނެ އެވެ.