Roadha Mihaaru
ދަތުރުތައް ހުއްޓާލައި ޑްރައިވަރުން އިހުތިޖާޖުކޮށްފި

ދަތުރުތައް ހުއްޓާލައި ޓެކްސީ ޑްރައިވަރުން ހިމޭން އިހުތިޖާޖެއް ކޮށްފި

07 މާޗް 2022

މާލެ ސަރަހައްދުގައި ޓެކްސީ ދަތުރުތައް ކޮށްދޭ އަގު ބޮޑުކުރުމާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީއާ ބައްދަލުކޮށް، އެކަށީގެންވާ ޖަވާބެއް ނުލިބުމުން، ޓެކްސީ ޑްރައިވަރުން މިރޭ ހުޅުމާލޭގައި ހިމޭން އިހުތިޖާޖެއް ކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލެ ސަރަހައްދުގައި ޓެކްސީ ދަތުރުތައް ކޮށްދޭ އަގު ބޮޑުކުރުމާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީއާ ބައްދަލުކޮށް، އެކަށީގެންވާ ޖަވާބެއް ނުލިބުމުން، ޓެކްސީ ޑްރައިވަރުން މިރޭ ހުޅުމާލޭގައި ހިމޭން އިހުތިޖާޖެއް ކޮށްފި އެވެ.

ދުނިޔޭގެ ބާޒާރާއެކު ރާއްޖޭގައި ވެސް ތެލުގެ އަގު ބޮޑުވަމުންދާތީ، އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މާލޭ ސަރަހައްދުގެ ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން ޓެކްސީ ސެންޓަރުތަކުން ނިންމައި އެކަން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީ އަށް ހުށަހަޅައިފަ އެވެ. އަދި އެކަމާ ގުޅޭގޮތުން އެ މިނިސްޓްރީގެ އިސްވެރިންނާ މިއަދު ބައްދަލުކުރި އެވެ.

ހުޅުމާލޭގެ ރުއްގަނޑު 2 ސަރަހައްދަށް މިރޭ އެއްވި ޑްރައިވަރުންގެ މައިގަނޑު އެއް ކަންބޮޑުވުމަކީ އެ މީހުންގެ ހުށަހެޅުމާ މެދު ގޮތެއް ނިންމޭނީ ރައީސް އޮފީހުގައި އޮންނަ ކޮމިޓީއަކަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިން މިއަދު ވިދާޅުވުމެވެ.

"މިނިސްޓަރު ނަހުލާ ވިދާޅުވަނީ ތިމަންނަ އެކަންޏެއް މި ކަމެއް [ޓެކްސީ ދަތުރުރަކުގެ އަގު މަތިކުރުން] ނުނިންމޭނެއޭ. އެއީ އަޅުގަނޑުމެން ގަބޫލުކުރާނެ ކަމެއް ނޫން. މިނިސްޓަރަށް ވަކި ގޮތެއް ނިންމެން ޖެހޭނެ،" އެއް ޑްރައިވަރަކު ބުންޏެވެ.

ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި ޓެކްސީ ޑްރައިވަރުން އިހުތިޖާޖުކުރަނީ.-- ފޮޓޯ: މިހާރު

ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި ޓެކްސީ ޑްރައިވަރުން އިހުތިޖާޖުކުރަނީ.-- ފޮޓޯ: މިހާރު

މިރޭގެ ހިމޭނެ އިހުތިޖާޖުގައި ރުއްގަނޑު ސަރަހައްދުގައި 30 އަށް ވުރެ ޓެކްސީ ޕާކްކޮށް، ސިގްނަލް ޖައްސާފައި އޮތެވެ. އޭގެ ބޭނުމަކީ އެއީ ހިމޭން އިހުތިޖާޖެއްކަން އަންގައި ދިނުމެވެ.

އިހުތިޖާޖުގައި ބައިވެރިވި ޑްރައިވަރުންގެ މަޝްވަރާގައި ތިން ގޮތަކަށް ހުށަހެޅުންތައް އައި ނަމަވެސް އެންމެންނަށް އެއްބަސްވެވުނީ ޓްރާންސްޕޯޓް މިނިސްޓްރީ އަށް ބުރާސްފަތި ދުވަހުގެ މެންދުރު 1:30 އާ ހަމައަށް ވަގުތު ދިނުމަށް ފަހު ދެން ވަކި ގޮތެއް ޑްރައިވަރުން ނިންމާށެވެ.

"ބުރާސްފަތި ދުވަހުގެ 1:45 އަށް މި ރުއްގަނޑު ސަރަހައްދަށް ޖަމާވާން ނިންމުނީ،" ޑްރައިވަރަކު ބުންޏެވެ.

އިހުތިޖާޖުގައި ބައިވެރިވި ޑްރައިވަރުންގެ އަނެއް ދެ ހުށަހެޅުމަކީ މިރޭ އެއްކޮށް އިހުތިޖާޖުގައި ތިބުމާއި 24 ގަޑިއިރު ވަންދެން ދަތުރުތައް ހުއްޓާލުމެވެ. އެކަމަކު، އެ ދެ ހުށަހެޅުމަށް އަމަލުކުރަން ގިނަ ޑްރައިވަރުންނަށް ނުފެނުނީ އެވެ.

އެއް ޑްރައިވަރަކު ހިޔާލުފާޅުކުރަމުން ބުނީ. ގޮތެއް ކަނޑައަޅަން ޓްރާންސްޕޯޓް މިނިސްޓްރީ އަށް އަދި ތިން ދުވަހުގެ މުހުލަތެއް އޮތުމުން އެ ފުރުސަތު ދިނުމަށް ފަހު ޓެކްސީ ސެންޓަރުތަކުން ގޮތެއް ކަނޑައަޅަން ފެންނަ ކަމަށެވެ.

"އެހެން ހުރިހާ ހިދުމަތެއްގެ އަގު އެބަ ބޮޑުވޭ ޓެކްސީ ދަތުރުތައް ނޫނިއްޔާ. މަތިންދާބޯޓުގެ ދަތުރުތަކުގެ އަގު ބޮޑުވޭ. ލޯންޗުފަހަރުން ދަތުރުކޮށްދޭ އަގު ބޮޑުކުރޭ. އަހެރެމެން ވީމާ އެ ކަމެއް ނުކުރެވޭ،" ޑްރައިވަރަކު ބުންޏެވެ.

"ފަންސަވީސް ރުފިޔާ އަށް [މާލެތެރޭގައި] ދަތުރެއް ކުރާތާ 14 ވަރަކަށް އަހަރު މިވީ. އޭގެ ފަހުން ތެލުގެ އަގު އެތައް ފަހަރަކު ބޮޑުވެއްޖެ. އެކަމަކު އެ ކަމަކާ ވިސްނާލާ ބައެއް ނެތް. މާލެ އިން ކެނދިކުޅުދު އަށް 550ރ. އަށް ކުރި ދަތުރެއް މިހާރު އެ ކުރަނީ 850ރ. އަށް. މި ކަމެއް ފެންނަ ބައެއް ނެތް."

ޓެކްސީ ޑްރައިވަރުން މަސައްކަތް ހުއްޓާލާފައި ހިމޭން އިހުތިޖާޖަކަށް ނުކުތުމުގައި އުޅެނީ ހަމައެކަނި ދަތުރުތަކުގެ އަގުގެ މައްސަލައެއް ނޫންކަން އެ މީހުންގެ ވާހަކަތަކުން އެނގެ އެވެ. ބައެއް ޑްރައިވަރުން ބުނީ، މިރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރު ނަގަން ދިޔަ ބައެއް ޓެކްސީތައް ފުލުހުން ނުކުމެ އެއާޕޯޓުން "ބޭރުކޮށްލީ" ކަމަށެވެ. ދަތުރުތަކުގެ އަގުގެ މައްސަލައިގައި އުފެދުނު އެ ހިޔާލު ތަފާތުވުންތަކުގައި ބައެއް ޓެކްސީތައް އެއާޕޯޓުން ބޭރުކޮށްލުމަކީ މިރޭ އެ މީހުން އެއް ތަނަކަށް ޖަމާވާން މެދުވެރިވި އެއް ސަބަބު ކަމަށް ޑްރައިވަރުން ބުނެ އެވެ. އެއާއެކު، ޓެކްސީއެއްގެ އެތެރެ ނުފެންނަ ގޮތަށް ކަޅު ބިއްލޫރި ޖަހައިގެން އުޅުނު ޑްރައިވަރަކާއި ފުލުހުންނާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުމަކީ ވެސް ޑްރައިވަރުން މިރޭ ރުޅިގަދަވި ކަމެކެވެ.

"އަމިއްލަ ބައެއް ކާރުތަކުން އެބަ ދަތުރުކުރޭ އަގު ބޮޑުކޮށް. ފުލުހުންނަކަށް އެ ތަނެއް ނުފެނޭ. ޓެކްސީތަކާ އެކަނި އަޅައިގަނެގެން އުޅެނީ. ޓެކްސީތަކުން އަގުބޮޑުކޮށް ދަތުރުކުރެއޭ ކިޔާފައި މިހާރު ޑްރައިވަރުންނާ [ފުލުހުން] ސުވާލު ކުރަން ފަށއިފި. ހީވަނީ އަހަރެމެން އެކަންޏޭ މި ގައުމުގައި އުޅެނީ،" ފުލުހުންނާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ހުރި ޑްރައިވަރަކު ބުންޏެވެ.

ޓެކްސީ ޑްރައިވަރުންގެ ފަރާތުން މިނިސްޓްރީއަށް މިއަދު ފޮނުވި ސިޓީގައި ބުނީ ޓެކްސީގައި މީޓަރު ހަރުކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި އަގު ކަނޑައެޅުމުގެ އިހްތިޔާރު ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކަށް ލިބިފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި މިނިސްޓްރީން އަމަލުކުރާ ގޮތުގެ ސަބަބުން ޑްރައިވަރުން މިނިސްޓްރީއާ މެދު ގިނަ ތުހުމަތުތަކެއް ކުރާ ކަމަށާއި އެ ދާއިރާގައި ގިނަ ގޮންޖެހުންތަކެއް ހުރިއިރު ޑްރައިވަރުންގެ ހައްގުތައް ވެސް ގެއްލިފައިވާ ކަމަށް ބުންޏެވެ.

ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި ޓެކްސީ ޑްރައިވަރުން އިހުތިޖާޖުކުރަނީ.-- ފޮޓޯ: މިހާރު

ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި ޓެކްސީ ޑްރައިވަރުން އިހުތިޖާޖުކުރަނީ.-- ފޮޓޯ: މިހާރު

އެހެންވެ ޓެކްސީ ޑްރައިވަރުން ނިންމި ކަންކަމުގެ މަޝްވަރާތައް ކުރުމަށް މިނިސްޓަރާ ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖައްސައިދޭން އެދުނެވެ.

ތެލަށް އައި ބަދަލުތަކާއެކު ދަތުރުތައް ކޮށްދޭ އަގު ބޮޑުކުރާނެ ކަމަށް އިއުލާންކުރުމާއެކު، ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ފާސްކޮށްފައިވާ އަގު ނޫން ބޮޑު އަގުގައި ދަތުރުކޮށްދޭނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުދީފަ އެވެ.