Roadha Mihaaru
ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލައިފި

ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފި

12 ފެބުރުއަރީ 2024

ޓެކްސީ ޑްރައިވަރުންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވުމަށް ސަރުކާރުން އިއްޔެ ހުޅުވާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޓެކްސީ ޑްރައިވަރުންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވުމަށް ސަރުކާރުން އިއްޔެ ހުޅުވާލައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ހަފުތާ 14"ގެ މަގުޗާޓުގައިވާ ގޮތަށް ރާއްޖޭގައި ޓެކްސީ ދުއްވާ މީހުންގެ ގައުމީ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެ ދަފްތަރުގައި ޓެކްސީ ޑްރައިވަރުން ރަޖިސްޓަރީވުމަށް މިހާރު އާންމުކޮށް ހުޅުވާލާފައިވާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

އެ ދަފްތަރުގައި ރަޖިސްޓަރީވުމަށް ބޭނުންވާ ޑްރައިވަރުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސިމްސް ޕޯޓަލް މެދުވެރިިކޮށް، އެކަމަށް ހާއްސަކޮށްފައިވާ ފޯމް ފުރުމަށް ފަހު ހުށަހެޅުމަށް އެ އިއުލާނުގައިވެ އެވެ.

ޓެކްސީ ޑްރައިވަރުންގެ ދަފްތަރެއް އެކުލަވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އަދި މި ދަފްތަރު ހަދައި ސޯޝަލް ހައުސިން ސްކީމްތަކާއި އެހެން ފުރުސަތުތައް ވެސް އެމީހުންނަށް ފަހިވާ ގޮތަށް ހަދައިދޭނެ ކަމަށް ރައީސް ކެމްޕެއިންގައި ވައުދުވެވަޑައިގެންނެވި އެވެ.

މި ދަފްތަރު އެކުލަވާލުމާ ގުޅޭ މަޝްވަރާތައް މިދިޔަ މަހު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ވެސް ވަނީ ކޮށްފަ އެވެ. ޓެކްސީ ޑްރައިވަރުންނަށް ޑިޖިޓަލް ޕޭމެންޓްގެ ފަސޭހަ ނިޒާމެއް ހަމަޖައްސައިދިނުމާއި ބޭރު ގައުމުތަކުގައި ޓެކްސީ ހިދުމަތް ދޭ ގޮތަށް މި ދާއިރާއަށް ބަދަލުތައް ގެނައުމާއި ތިމާވެއްޓާ ރަށްޓެހި ޓެކްސީގެ ނިޒާމު ގާއިމްކުރުމާ ގުޅޭ ގޮތުން ވެސް އެ ބައްދަލުވުމުގައި ވަނީ މަޝްވަރާ ކޮށްފަ އެވެ.