Roadha Mihaaru
އާ އެކްޝަން ޕްލޭނުން ހައްގުތައް ލިބޭނެ: މިނިސްޓަރު

ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭނާ އެކު އަންހެނުންގެ މައްސަލަތަކަށް ހައްލު ލިބޭނެ: ޖެންޑާ

08 މާޗް 2022

ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ޕްލޭނާ އެކު އަންހެނުންނަށް މިހާރު ދިމާވެފައިވާ އެކި ގޮންޖެހުންތަކަށް ހައްލުލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ޕްލޭނާ އެކު އަންހެނުންނަށް މިހާރު ދިމާވެފައިވާ އެކި ގޮންޖެހުންތަކަށް ހައްލުލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ޔޫއެންޑީޕީ އާއި އޮސްޓްރޭލިއާގެ ސަރުކާރުގެ އެހީގައި މިދިޔަ އަހަރު އެކުލަވާލި ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭން، މިދިޔަ ފެބުރުވަރީ މަހުގެ 22 ގައި ވަޒީރުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މިއީ ރާއްޖޭގައި މިންތީގެ ހަމަހަމަކަން ގާއިމުކުރަން އެޅުނު އެންމެ މުހިއްމު ފިޔަވަޅުގެ ގޮތުގައި ޖެންޑާ މިނިސްޓަރު ސިފަކުރެއްވި އެވެ.

މިއަދު ދުނިޔޭގައި ފާހަގަކުރަމުން އަންނަ އަންހެނުންގެ ދުވަހާ ގުޅުވައިގެން މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވީއެންމެ އަވަހަކަށް ތަންފީޒުކުރުން މުހިންމު ކަމަށެވެ.

މިިދިޔަ އަހަރު ލޯކަލް ކައުންސިލް އިންތިހާބުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރިއިރު 39 ޕަސެންޓް ކާމިޔާބުކުރީ އަންހެނުން ކަމަށާއި މިއީ ރާއްޖޭގައި ކަންކަން ނިންމާ ފެންވަރުގެ މަގާމުތަކުގައި މިހާ ގިނަ އަންހެނުން ތަމްސީލުވާ ފުރަތަމަ ފަހަރު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނުގެ ދަށުން، ރަށުގެ ތަރައްގީގެ ޕްލޭންތައް އެކުލަވާލުމާއި ރަށުގެ އަންހެނުންނާ ގުޅޭ މައުލޫމާތުތައް އެއްކޮށް، އަންހެނުންގެ ހާލަތު ދެނެގަނެ، އަންހެނުން އެކި ދާއިރާތަކުން ބާރުވެރިކުރުމަށް މަސައްކަތްކުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ލާޒިމުކުރާ ކަމަށެވެ. އަދި ރަށުގައި ހިނގާ މުހިންމު ތަރައްގީގެ މަޝްރޫއުތަކުގައި އަންހެނުންގެ ބައިވެރިވުމާއި ފުރުސަތުތައް ފަހިކުރުމަށް ރަށު ކައުންސިލުތަކަށް ވެސް ޖެހޭ ކަމަށެވެ.

މިނިސްޓަރު ވިިދާޅުވީ ޖެންޑާ އީކުއަލިޓީ ގާނޫނުގެ ދަށުން، ކައުންސިލުތަކަށް ޒިންމާތައް ހަވާލުކުރުމަށް 2021 ޑިސެންބަރުގައި ގަވާއިދެއް ގެޒެޓުކޮށްފައިވާ ކަމަށެވެ. އަދި މި އަހަރުގެ ޖޫން މަހުން ފެށިގެން އެ ގާނޫނަށް އަމަލުކުރަން ފަށާނެ ކަމަށާއި އެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ރޭވުމަށްޓަކައި ކޮންމެ އަތޮޅެއްގައި ހުންނަ މިނިސްޓްރީގެ ސެންޓަރުތަކުން ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭނަށް މީހުން އަހުލުވެރިކުރުމަށް ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދާނެ ކަމަށެވެ.

"މާޗު މަހުގެ ތެރޭގައި، އަތޮޅު ފެންވަރުގައި، ރަށު ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ގުޅިގެން އަމަލީ ސިފައެއްގައި އެކްޝަން ޕްލޭން ތަންފީޒުކުރުމަށްޓަކައި ޕްރޮގްރާމްތަކެއް ކުރިއަށް ގެންދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރުގެ ހިތޯބުގައި ވަނީ ޖެންޑާ އީކުއަލިޓީ ގާނުނުގެ ދަށުން މިންތީގެ ހަމަހަމަކަން ގާއިމުކުރަން އެކި ދާއިރާތަކުގެ ޒިންމާތައް ހުރިކަން ފާހަގަކުރައްވައިފަ އެވެ. އަދި އެ މަސައްކަތަކީ ހަމައެކަނި އެމިނިސްޓްރީއަށް ކުރެވޭނެ ކަމެއް ނޫން ކަަމަށާއި އެކި ދާއިރާތަކުގެ އެހީތެރިކަން މިކަމުގައި ބޭނުންވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެކި ދާއިރާތަކުން އެ ޕްލޭން ތަންފީޒުކުރުމަށް ހިނގާނެ ހަރަދު އަންދާޒާކުރުމަށް "އެކްޝަން ޕްލޭންގެ ކޯސްޓް" ކުރުމުގެ މަސައްކަތްތަކެއް ކުރާނެ އެވެ. އަދި މިކަމުގެ ސަބަބުން، 2023 ވަނަ އަހަރުގެ ބަޖެޓް އެކުލަވާލާއިރު އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ހުރިހާ ދާއިރާއަކުން ވެސް އަންދާޒާކޮށް ބަޖެޓް ކުރުމަށް ފަސޭހަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުގެ އުންމީދަކީ މި ޕްލޭން ހަލުވިކަމާ އެކު ތަންފީޒުކުރެވި ދިވެހި އަންހެނުން މިހާރަށް ވުރެ ބާރުވެރިވެ، މިހާރަށްވުރެ އިގްތިސާދީ ގޮތުން ފުދުންތެރިވެ، ކަންކަން ނިންމާ ފެންވަރުގައި ބަސް ކިޔާ، އަދި ގުދުރަތީ ކާރިސާ ނުވަތަ މޫސުމީ ބަދަލުތައް ފަދަ ކަންކަމުން އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލުތަކެއް ލިބިގެން ދިއުން. އަދި އަންހެނުންގެ ދަރަޖަ އުފުލިގެން ދިއުން،"

މިއަހަރު ފާހަގަކުރާ އަންހެނުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ޖެންޑާ އީކުއަލިޓީ ޓުޑޭ ފޯ އަ ސަސްޓެއިނަބަލް ޓުމޯރޯ" އެވެ.