Roadha Mihaaru
"ގޭގައި ތިބެ އާމްދަނީ ހޯދާ އަންހެނުންގެ ދައުރު ބޮޑު"

ގޭގައި ތިބެގެން އާމްދަނީ ހޯދާ އަންހެނުންގެ ދައުރު ބޮޑު: މިނިސްޓަރު

08 މާޗް 2021

ގޭގައި ތިބެގެން ކުރާ މަސައްކަތުން އާމްދަނީ ހޯދާ އަންހެނުންގެ ދައުރު ބޮޑު ކަމަށާއި އެކަމަކު ކޮވިޑް-19 ގެ ސަބަބުން އާމްދަނީ އަށް ހުރަސްއެޅުނު މީހުންނަށް ދިން އިންކަމް ސަޕޯޓް ހޯދުމުގައި ވެސް އެފަދަ އަންހެނުންނަށް ހުރަސްތައް ކުރިމަތިވި ކަމަށް ޖެންޑަ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ގޭގައި ތިބެގެން ކުރާ މަސައްކަތުން އާމްދަނީ ހޯދާ އަންހެނުންގެ ދައުރު ބޮޑު ކަމަށާއި އެކަމަކު ކޮވިޑް-19 ގެ ސަބަބުން އާމްދަނީ އަށް ހުރަސްއެޅުނު މީހުންނަށް ދިން އިންކަމް ސަޕޯޓް ހޯދުމުގައި ވެސް އެފަދަ އަންހެނުންނަށް ހުރަސްތައް ކުރިމަތިވި ކަމަށް ޖެންޑަ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގްވާމީ ގޮތުން މިއަދު ފާހަގަކުރާ އަންހެނުންގެ ދުވަހާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރު ވިދާޅުވީ، ކޮވިޑާ ގުޅިގެން ވަޒީފާ ގެއްލުނު 20،768 މީހަކު އިންކަމް ސަޕޯޓަށް ހުށަހެޅި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 7،467 އަންހެނުން ކަމަށާއ އެކަމުން ވެސް ވަޒީފާގެ މާހައުލަށް އަންހެނުން ނިކުންނަ ވަރު މަދުކަން ހާމަވާ ކަމަށެވެ.

"މި ތަފާސް ހިސާބަށް ވިސްނާލައިފި ނަމަ އަޅުގަނޑުމެންނަށް އެނގިގެންދާ އެއް ކަމަކީ އަންހެނުންގެ އަދަދު މަދުކަން. އަދި މި ކަމުގައި ޖެންޑާ ޑިސްޕެރިޓީއެއް އޮތްކަން. ވަކިން ހާއްސަކޮށް ވަޒީފާގެ ބާޒާރަށް ނުކުންނަ އަންހެނުން މަދުކަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑާ ގުޅިގެން އާމްދަނީ ލިބޭނެ ގޮތް ގެއްލުނު އަންހެނުންނަށް ބަލާއިރު، އޭގެ ތެރޭގައި ގިނައީ ގޭގައި މަސައްކަތްކުރާ މީހުން ކަމަށެވެ. ނަމަވެސް އެފަދަ މަސައްކަތްތަކަކީ އާންމުކޮށް ލިޔެކިޔުންތައް ގެންގުޅޭ ފަދަ ކަންކަމަށް ނުވުމުން، އިންކަމް ސަޕޯޓަށް އެދުމުގައި އެ މީހުންނަށް ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އާމްދަނީ ހޯދުމަށް ގޭގައި ނުވަތަ ހޯމްބޭސްޑްކޮށް ކުރާ މަސައްކަތުގައި އަންހެނުންގެ ދައުރު ބޮޑު ނަމަވެސް މިގޮތަށް ކުރާ މަސައްކަތްތަކުގައި ލިޔެކިޔުން ގެންގުޅުން މަދު ކަމަށެވެ. އިންކަމް ސަޕޯޓަށް އެދި ހުށަހެޅި އިރު އެކަން ހަމަނުޖެހުނު އެއް ސަބަބަކީ ލިޔެކިޔުން ނުހުންނާތީ ސަޕޯޓިން ޑޮކިއުމަންޓް މަދުވުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"... [މިކަމުގައި] އަންހެނުންނަށް ދަތިތަކެއް ދިމާވެފައިވޭ. މިފަދަ ފަރާތްތަކަށް ރިއާޔަތްކޮށް، އިންކަމް ސަޕޯޓް ދިނުމުގައި ގެންގުޅޭ އުސޫލުގެ މިންގަނޑުތައް ލުއިކޮށް، އިތުރު ފަރާތްތައް ޕްރޮގްރާމްގައި ބައިވެރިކުރެވިފައިވާކަން ޖޮބް ސެންޓަރުތަކުން މައުލޫމާތު ދެއްވާ،" މިނިސްޓަރު ވިދާޅުވި އެވެ.

އަންހެނުންގެ ދުވަހަށް އދ. އިން މި އަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "އިސް ސަފުގައި އަންހެނުން، ކޮވިޑް-19 ގެ ދުނިޔޭގައި ހަމަހަމަ މުސްތަގްބަލެއް ހޯދުން" އެވެ.

"މިފަދަ ފަރާތްތަކަށް ރިއާޔަތްކޮށް، އިންކަމް ސަޕޯޓު ދިނުމުގައި ގެންގުޅޭ އުސޫލުގެ މިންގަނޑުތައް ލުއިކޮށް، އިތުރު ފަރާތްތައް ޕްރޮގްރާމްގައި ބައިވެރިކުރެވިފައިވާކަން ޖޮބް ސެންޓަރުތަކުން މައުލޫމާތު ދެއްވާ،" މިނިސްޓަރު ވިދާޅުވި އެވެ.

މިންތީގެ ހަމަހަމަކަން ގާއިމްކުރުމުގައި އަންހެނުންނަށް ކުރިމަތިވާ އެކި ތަކުލީފްތައް ފާހަގަކައްވަމުން މިނިސްޓަރު އައިޝާ ވިދާޅުވީ މި ކަމުގައި އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި މިއީ ހަމައެކަނި ޖެންޑާ މިނިސްޓްރީ އާއި ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން ކުރެވޭނެ ކަންކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.