Roadha Mihaaru
އަންހެނުން ބާރުވެރިކުރުވަން ދިރާގުން އެކްޝަން ޕްލޭނެއް

އަންހެނުން ބާރުވެރިކުރުވަން ދިރާގުން އާ އެކްޝަން ޕްލޭނެއް

08 މާޗް 2022

ވަޒީފާގެ މާހައުލުގައި އަންހެނުން ބާރުވެރިކުރުވުމަށް ދިރާގުން އާ އެކްޝަން ޕްލޭނެއް މިއަދު ތައާރަފުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ވަޒީފާގެ މާހައުލުގައި އަންހެނުން ބާރުވެރިކުރުވުމަށް ދިރާގުން އާ އެކްޝަން ޕްލޭނެއް މިއަދު ތައާރަފުކޮށްފި އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން، އެ ޕްލޭން ތައާރަފް ކޮށްދެއްވުމަށް ފަހު، ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ ޖިންސީ ހަމަހަމަކަން ހޯދައި، ދެމެހެއްޓެނިވި މާދަމާއެއް ހޯދުމަށް ކަމަށެވެ.

އާ އެކްޝަން ޕްލޭނުގައި މައިގަނޑު ތިން ކަމަކަށް އަލިއަޅުވާލާފައި ވެ އެވެ. އެއީ އަންހެނުންނަށް ހުރި ވަޒީފާގެ ފުރުސަތުތަކާއި ފަންނީ ދާއިރާ އިން ކުރިއަށް ދިއުމުގެ ފުރުސަތުތަކާއި މަސައްކަތުގެ މާހައުލު އިތުރަށް ފުރިހަމަ ކުރުމެވެ.

ފަންނީ ދާއިރާ އާއި އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި މެނެޖީރިއަލް ރޯލުތަކުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް މަސައްކަތް ކުރުމަށް ވެސް އެ ޕްލޭނުގައި އިސްކަމެއް ދޭނެ ކަމަށް ދިރާގުން އެވެ.

އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިރާގުން ވަނީ އެ ކުންފުނީގައި މަސައްކަތް ކުރާ މަންމައިންނަށް އެ މީހުންގެ ދަރިންނާއެކު ދުވަސް ހޭދަ ކުރުމުގެ ފުރުސަތު ދީފަ އެވެ. ދަރިން އޮފީހަށް ގެންގޮސް، މަސައްކަތްތައް ބަލައި ތަޖުރިބާ ކުރުމުގެ ފުރުސަތާއި ތަފާތު ގޭމުތައް ކުޅުމުގެ ފުރުސަތު ވެސް ދިނެވެ.

ދިރާގުން ވަނީ އަންހެނުން ބާރުވެރި ކުރުވުމަށް 2019 ގައި ހާއްސަ ކޮމިޓީއެއް އުފައްދައިފަ އެވެ. އަދި އެ ކުންފުނިން ވަނީ ވިހެއުމަށް ފަހު، އަންހެނުން އޮފީހަށް ނުކުންނަ ދުވަސްވަރު، އެ މީހުންނަށް ފަސޭހަ ކޮށްދިނުމަށް އަދި 2020 ވަނަ އަހަރު "މަންމައިންގެ ކޮޓަރި" އެއް ވެސް ހުޅުވައިފަ އެވެ.

ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ވެސް ދިރާގުން އަންނަނީ އަންހެނުން ބާރުވެރި ކުރުމަށް މަސައްކަތް ކުރަމުންނެވެ. މި އަހަރު ވެސް އެފަދަ ގިނަ ޕްރޮގްރާމްތަކެއް ރާވާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.