Roadha Mihaaru
ބަސް ދުއްވަން އަންހެނުން ތަމްރީން ކުރަނީ

ބަސް ދުއްވަން އަންހެނުން ތަމްރީން ކުރަނީ

09 މާޗް 2022

އަންހެން ބަސް ޑްރައިވަރުން ތަމްރީން ކުރުމަށް އެމްޓީސީސީން ހާއްސަ ތަމްރީން ޕްރޮގްރާމެއް އިއްޔެ އިއުލާން ކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އަންހެން ބަސް ޑްރައިވަރުން ތަމްރީން ކުރުމަށް އެމްޓީސީސީން ހާއްސަ ތަމްރީން ޕްރޮގްރާމެއް އިއްޔެ އިއުލާން ކޮށްފި އެވެ.

މި އަހަރުގެ އަންހެނުންގެ ދުވަހާ ގުޅުވައިގެން ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީން ވަނީ މި ތަމްރީން ޕްރޮގްރާމުގެ ދަށުން 20 ފުރުސަތު ހުޅުވާލައިފަ އެވެ. އެ ފުރުސަތުގެ ދަށުން، ކުށުގެ ރެކޯޑު ނެތް، އުމުރުން 18 އަހަރު ވެފައިވާ ކޮންމެ އަންހެނަކަށް ބައިވެރިވެވޭނެ އެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ އަންހެނުންގެ އަތުގައި A1,A0 ލައިސަންސް އޮންނަން ޖެހޭ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީގެ ސީއޯއޯ ޝާހިދު، ބަސް ޑްރައިވަރު ޕްރޮގްރާމް ފެށުމަށް ބޭއްވި ހަފްލާފައި ވާހަކަދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

އެމްޓީސީސީގެ ސީއޯއޯ ޝާހިދު، ބަސް ޑްރައިވަރު ޕްރޮގްރާމް ފެށުމަށް ބޭއްވި ހަފްލާފައި ވާހަކަދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން ހަލީމް ވިދާޅުވީ، އެމްޓީސީސީގެ ސިޔާސަތަކީ ދެ ޖިންސުގެ ހަމަހަމަކަން ގާއިމުކުރުން ކަމަށެވެ. އަދި ވަކި ޖިންސަކަށް ނިސްބަތް ވީތީ ނުކުރެވޭނެ މަސައްކަތްތަކެއް ހުންނަ ކަމަށް ގަބޫލުކުރެވޭ ކުރެވުން ނައްތާލަން ވެސް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"މި ޕްރޮގްރާމަކީ މި ދާއިރާއިން އަންހެނުން ބާރުވެރިކުރުވަން ފެށޭ ވަރަށް މުހިންމު ޕްރޮގްރާމެއް. މި ޕްރޮގްރާމްގެ އެހީގައި އެތައް އަންހެނުންނެއް މި ދާއިރާއަށް ނެރެވޭނެ ކަމަށް އުއްމީދުކުރަން،" ޝާހިދު ވިދާޅުވި އެވެ.

އެ ޕްރޮގްރާމްގެ މުއްދަތުގައި އެމްޓީސީސީން ކޮންމެ ބައިވެރިއަކަށް ވެސް 5،000ރ. ގެ އެލަވެންސެއް ލިބޭނެ އެވެ. އަދި ކާމިޔާބު ކަމާއެކު ޕްރޮގްރާމް ނިންމާ ބައިވެރިންނަށް ވަޒީފާގެ ފުރުސަތު ވެސް އެ ކުންފުނިން ހުޅުވާލާނެ އެވެ.

އެމްޓީސީސީގައި މިހާރު ވެސް ބަސް ޑްރައިވަރެއްގެ ގޮތުގައި އަންހެނަކު މަސައްކަތް ކުރެ އެވެ.