Roadha Mihaaru
11 އަހަރުގެ ކުއްޖަކު ޔުކްރޭނުން ނުކުތުމަށްކުރި ދަތުރު

11 އަހަރުގެ ކުއްޖަކު އެކަނި ޔުކްރޭނުން ނުކުތުމަށް ކުރި 1،200 ކިލޯމީޓަރުގެ ދަތުރު

09 މާޗް 2022

ކިއޭވް (މާޗް 9) - ޔުކްރޭނުގެ 11 އަހަރުގެ މުސްލިމް ކުޑަ ކުއްޖަކު އެކަނިމައި އެކަނި 1،200 ކިލޯމީޓަރު (750 މޭލު) ގެ ދިގު ދަތުރެއް ކުރުމަށް ފަހު ސަލާމަތުން ސްލޮވޭކިޔާ އަށް އެތެރެވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކިއޭވް (މާޗް 9) - ޔުކްރޭނުގެ 11 އަހަރުގެ މުސްލިމް ކުޑަ ކުއްޖަކު އެކަނިމައި އެކަނި 1،200 ކިލޯމީޓަރު (750 މޭލު) ގެ ދިގު ދަތުރެއް ކުރުމަށް ފަހު ސަލާމަތުން ސްލޮވޭކިޔާ އަށް އެތެރެވެއްޖެ އެވެ.

ހަސަން ނަމަކަށް ކިޔާ ކުޑަ ކުއްޖާ ޔުކްރޭނުގެ އިރުމަތީގެ ޒަޕޯރިއްޒިއާ އިން ނައްޓާލީ ކުޑަ ދެ ދަބަހާއި ޕާސްޕޯޓާއި ތިމާގެ މީހެއްގެ ފޯނު ނަމްބަރާ އެކު އެވެ. ހަސަން އެކަނި ގެއިން ނައްޓާލީ އޭނާގެ އުމުރުން ދުވަސްވީ މާމަ އަށް އެހީތެރިވުމަށް އޭނާގެ މަންމަ އަށް އެ ދަތުރުގައި ބައިވެރިވެވެން ނެތުމުންނެވެ. މަންމަ ވަނީ ހަސަން ރޭލަކަށް އެރުވުމަށް ފަހު ފުރުވާލައިފަ އެވެ. ބޯޑަރަށް ދެވުމާ އެކު އެ ކުއްޖާ އަށް ވަނީ ކަސްޓަމްސްގެ އޮފިސަރުން އެހީތެރިވެދީފަ އެވެ.

އޮފިޝަލުން ބުނެފައި ވަނީ އެ ކުޑަ ކުއްޖާ އަކީ ހަމަ ހަގީގީ ބަތަލެއް ކަމަށެވެ. އަދި އެ ކުއްޖާގެ ހިނިތުންވުމުން އެންމެންގެ ހިތްތަކުގެ ލޯބި ހޯދާފައިވާ ކަމަށް ބުނެފައިވެ އެވެ.

ބޯޑަރާ ހަމައަށް އެ ކުއްޖާ އަށް ދެވުނު އިރު އަތުގައި އޮތީ ޕްލާސްޓިކް ދަބަހަކާއި ރަތް ކުލައިގެ ބެކްޕެކެއް އަދި އޭނާގެ ޕާސްޕޯޓެވެ. އެހާ ހިސާބުން ވޮލަންޓިއަރުން އެ ކުއްޖާއާ ހަވާލުވެ ކާން ދިނުމަށް ފަހު ބޯޑަރު އޮފިޝަލުންނާ ހަވާލުކުރި އެވެ. އެ މީހުން ވަނީ ސްލޮވާކިއާގެ ވެރިރަށް ބްރަޓިސްލަވާގައި ތިބި އެ ކުއްޖާގެ ތިމާގެ މީހުންނަށް ފޯނުން ގުޅައިފަ އެވެ.

ހަސަންގެ މަންމަ ވަނީ އެ ކުއްޖާ އަށް އެހީތެރިވެ ދިން އެންމެންނަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ޝުކުރު އަދާކޮށްފަ އެވެ. އަދި ރަޝިޔާ ސިފައިން ޔުކްރޭނަށް އަރައި ހަނގުރާމަ ކުރަމުން ދަނިކޮށް އެ ކުއްޖާ އެކަނި ބޯޑަރު ހުރަސްކުރަން ފޮނުވަން ޖެހުނު ސަބަބު ވެސް ވަނީ އޮޅުން ފިލުވައިދީފަ އެވެ.

ހަސަންގެ މަންމަ ސޯޝަލް މީޑިއާގައި ވާހަކަ ދައްކަނީ. --ފޮޓޯ: ޖޫލިއާ

ހަސަންގެ މަންމަ ސޯޝަލް މީޑިއާގައި ވާހަކަ ދައްކަނީ. --ފޮޓޯ: ޖޫލިއާ

"އަހަރެމެން ދިރިއުޅޭ ޓައުނާ ޖެހިގެން ހުރި ޕަވަ ޕްލާންޓަށް ރަޝިޔާ އިން ދިޔައީ ހަމަލާ ދެމުން. އަހަރެންގެ މަންމަ އެކަނި ދޫކޮށްލާފައި އަހަރެންނަކަށް ދެވޭކަށް ނެތް. އުމުރުން ދުވަސްވުމުގެ ސަބަބުން މަންމަ އަށް އެކަނި ހަރަކާތްކޮށެއް ނޫޅެވޭ. އެހެންވެ ސްލޮވާކިޔާގައި ތިބި ތިމާގެ މީހުންގެ ގާތަށް ހަސަން އެކަނި ފޮނުވަން ނިންމީ،" އެކަނިވެރި މައެއް ކަމަށްވާ، ހަސަންގެ މަންމަ ޖޫލިއާ ޕިސެކާ ބުންޏެވެ.

ޒަޕޯރިއްޒިއާގައި ހުރި ނިއުކްލިއާ ޕަވަ ސްޓޭޝަނަކީ ޔޫރަޕުގައި ވެސް ހުރި އެންމެ ބޮޑު ޕަވަ ޕްލާންޓެވެ. މިދިޔަ ހަފުތާ ބަންދުގައި ރަޝިޔާ ސިފައިން ވަނީ ހަމަލާދީ އެތަން ހިފައިފަ އެވެ. ޔުކްރޭނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެފައި ވަނީ 1986 ވަނަ އަހަރު ޗަރްނޮބީލް ޕްލާންޓް ގޮވައި ހިނގި ހިތާމަވެރި ހާދިސާ އަށް ވުރެ ބޮޑު ހާދިސާއެއް ޒަޕޯރިއްޒިއާގައި ހިނގައިފާނެ ކަމަށެވެ.

ހަސަން އަކީ ޔުކްރޭނުގައި ކުރާ ހަނގުރާމައިގެ ސަބަބުން އެ ގައުމު ދޫކޮށް ދިޔަ ދެ މިލިއަން މީހުންގެ ތެރޭން އެކަކެވެ. ޔުކްރޭން ދޫކޮށް ޕޮލެންޑަށް 1.2 މިލިއަން މީހުން ދިޔަ އިރު ސްލޮކިޔާ އަށް ވަނީ 140،745 މީހުން އެތެރެވެފަ އެވެ.

ހަސަންގެ މަންމަގެ ވީޑިއޯ މެސެޖުގައި ވަނީ ޔުކްރޭނުގެ ކުޑަކުދިންނަށް ރައްކާތެރިކަން ދިނުމަށް ގޮވާލައިފަ އެވެ.

ސްލޮވާކިޔާގައި ހުރި ތިމާގެ މީހާގެ ފޯނު ނަމްބަރު ހަސަންގެ އަތުގައި ލިޔެފައި. --ފޮޓޯ: ސްލޮވާކިޔާގެ ދާޚިލީ ވުޒާރާ

ސްލޮވާކިޔާގައި ހުރި ތިމާގެ މީހާގެ ފޯނު ނަމްބަރު ހަސަންގެ އަތުގައި ލިޔެފައި. --ފޮޓޯ: ސްލޮވާކިޔާގެ ދާޚިލީ ވުޒާރާ

ސްލޮވާކިޔާގެ ދާޚިލީ ވުޒާރާގެ އޮފިޝަލުން ބުނެފައި ވަނީ ހަސަންގެ ހިތްވަރާއި ޖެހިލުންކުޑަ ކަމުގެ ސަބަބުން ބޯޑަރުގެ އޮފިޝަލުންގެ ލޯބި އެ ކުއްޖާ ހޯދާފައިވާ ކަމަށެވެ. ބޯޑަރު އޮފިޝަލް ބުނެފައި ވަނީ ސްކޮވާކިޔާގައި ހުރި ތިމާގެ މީހާގެ ފޯނު ނަންބަރު ލިޔެފައި ވަނީ ހަސަންގެ އަތުގަޔާއި އޭނާގެ ޖީބުގައި އޮތް ކަރުދާސް ކޮޅެއްގައި ކަމަށެވެ. ފޯނުން ގުޅުމުން އެ މީހާ ވަނީ ބޯޑަރު ސަރަހައްދަށް ގޮސް ހަސަންއާ ހަވާލުވެފަ އެވެ.

ސްލޮވާކިޔާގެ ދާޚިލީ ވަޒީރު ރޯމަން މިކުލެކް ވަނީ ހަސަންއާ ބައްދަލުކޮށްފަ އެވެ. އަދި ހަސަންއާ އޭނާގެ އާއިލާގެ ކުދިންނަށް ސްކޮވާކިޔާ އިން ވަގުތީ ރައްކާތެރިކަންދޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.