Roadha Mihaaru
އޫރެއްގެ ހިތެއް ހަށިގަނޑުގައި އިންދި މީހާ މަރުވެއްޖެ

އޫރެއްގެ ހިތެއް ހަށިގަނޑުގައި އިންދި މީހާ މަރުވެއްޖެ

10 މާޗް 2022

އިންސާނެއްގެ ހިތުގެ ބަދަލުގައި ހަށިގަނޑުގައި އޫރެއްގެ ހިތެއް އިންދާއި، ކާމިޔާބު އޮޕަރޭޝަނެއް ކުރި މީހާ މަރުވެއްޖެ އެވެ.

އިންސާނެއްގެ ހިތުގެ ބަދަލުގައި ހަށިގަނޑުގައި އޫރެއްގެ ހިތެއް އިންދާއި، ކާމިޔާބު އޮޕަރޭޝަނެއް ކުރި މީހާ މަރުވެއްޖެ އެވެ.

ޑޭވިޑް ބެނެޓް ކިޔާ އުމުރުން 57 އަހަރުގެ ފިރިހެނެއްގެ ހަށިގަނޑުގައި އޫރުގެ ހިތް އިންދުމުގެ އޮޕަރޭޝަން ކުރީ މީގެ ދެ މަސް ކުރިންނެވެ. އެ އޮޕަރޭޝަނަށް ފަހު، ބަލިމީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އެ އޮޕަރޭޝަން ކުރި ޔުނިވަސިޓީ އޮފް މެރީލޭންޑް މެޑިސިން އިން ކުރިން ބުންޏެވެ.

ނަމަވެސް އޭގެ ދެ މަސް ފަހުން ބެނެޓްގެ މަރުވީ މިދިޔަ އަންގާރަ ދުވަހު ކަމަށް އޭނާގެ ޑޮކްޓަރުން ބުންޏެވެ. އޭނާ މަރުވީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ވަރަށް ބޮޑަށް ހާލު ދެރަވެގެން އުޅުމަށް ފަހުގައި ކަމަށް ވެސް ބުންޏެވެ.

އެ ޔުނިވަސިޓީން ކުރިން ބުނި ގޮތުގައި ބެނެޓްގެ ހިތް ބަދަލުކުރީ އޭނާގެ ހިތް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާތީ، ހިތް ބަދަލުކުރުން ނޫން އެހެން ގޮތެއް ނެތިގެންނެވެ. އަދި އޭނާގެ ހަށިގަނޑުގެ ދުޅަހެޔޮކަން ހުރި ނިސްބަތަށް ބަލާއި، އިންސާނެއްގެ ހިތެއް ހޯދުން ދަތިވެފައިވުމުންނާއި ޕަމްޕެއް ލައްވައިގެން ވެސް ހިތް މަސައްކަތްކުރުމުގެ ފުރުސަތު ނެތުމުން، ހިތް ބަދަލުކުރަން މަޖުބޫރުވީ އެވެ.

ކުއްލި ހާލަތެއް ކަމަށް ބަލައި، ބެނެޓްގެ ހަށިގަނޑުގައި އޫރުގެ ހިތް އިންދުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ހުއްދަ ދިނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު އެވެ.

ބެނެޓްގެ ހަށިގަނޑުގައި އޫރުގެ ހިތް އިންދީ އެ ހިތަށް ވިރާސީ ބަދަލުތަކެއް ގެނައުމަށް ފަހުގައި ކަމަށް އެ ޔުނިވަސިޓީގެ ޑޮކްޓަރުން ބުންޏެވެ. އެ ގޮތުން، އިންސާނުންގެ ހަށިގަނޑުގެ ދިފާއީ ނިޒާމުން ދެކޮޅު ހަދާ ތިން ޖީނެއް ވަނީ އޫރުގެ ހިތުން ނަގައިފަ އެވެ. އަދި އޫރުގެ ހިތް އިތުރަށް ބޮޑުކޮށްދޭ ޖީން ވެސް ވަނީ އެ ހިތުން ނަގައި ވަކިކޮށްފަ އެވެ. އޭގެ ބަދަލުގައި އިންސާނުންގެ ހަށިގަނޑުގެ ދިފާއީ ނިޒާމު ގަބޫލުކުރާ އިންސާނީ ތިން ޖީނެއް ވަނީ، އޫރުގެ ހިތަށް ލައްވައިފަ އެވެ.

އެ ބަދަލުތައް ގެނައުމަށް ފަހު ބެނެޓްގެ ހަށިގަނޑުގައި އޫރުގެ ހިތް އިންދުމަށް ފަހު، ހަށިގަނޑުގެ ދިފާއީ ނިޒާމުން އެ ހިތާ ދެކޮޅަށް އެއްވެސް ކަމެއް ކުރިކަމަކަށް ފުރަތަމަ ދުވަސްކޮޅު ފާހަގައެއް ނުކުރެވުނެވެ. އޭގެ ބަދަލުގައި ހަށިގަނޑުގެ އެކި ބައިތަކަށް ލޭ ފޮނުވައިދިނުމުގައި ބަރާބަރަށް އެ ހިތް މަސައްކަތް ކުރި ކަމަށް އޭރު ޑޮކްޓަރުން ބުންޏެވެ.