Roadha Mihaaru
ނަހުލާގެ ބައްދަލުވުމުން ވެސް ޔަގީންކަމެއް ނުލިބުނު!

މިނިސްޓަރާ ބައްދަލުކުރުމުން ވެސް ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރެވޭނެ ކަމުގެ ޔަގީންކަން ނުލިބުނު

10 މާޗް 2022

މާލޭގެ ސަރަހައްދުގެ ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކޮށްދޭން ޓެކްސީ ސެންޓަރުތަކުން ޓްރާންސްޕޯޓް މިނިސްޓްރީގައި އެދުނަސް އަގުތަކަށް ބަދަލު ގެނެސްދެވޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް އެ މިނިސްޓްރީން ނުދޭ ކަމަށް ޓެކްސީ ސެންޓަރުތަކުން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލޭގެ ސަރަހައްދުގެ ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކޮށްދޭން ޓެކްސީ ސެންޓަރުތަކުން ޓްރާންސްޕޯޓް މިނިސްޓްރީގައި އެދުނަސް އަގުތަކަށް ބަދަލު ގެނެސްދެވޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް އެ މިނިސްޓްރީން ނުދޭ ކަމަށް ޓެކްސީ ސެންޓަރުތަކުން ބުނެފި އެވެ.

ސެންޓަރުތަކުން އެހެން ބުނީ، ޓެކްސީ ދަތުރުތަކުގެ އަގުތައް މުރާޖައާ ކޮށްދިނުމަށް އެދި ސެންޓަރުތަކުގެ ވެރިން ފޮނުވި ސިޓީއާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އިއްޔެ އެ ސެންޓަރުތަކުގެ ވެރިންނާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ޓެކްސީ ސެންޓަރެއްގެ ވެރިއަކު "މިހާރު" އަށް ބުނީ އެ ބައްދަލުވުމުގައި، ޓެކްސީ ސެންޓަރުތަކުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޓެކްސީ ކިއުއާ ޖެހިގެން "ޕްރައިވެޓް ހަޔާ" ތަކުގެ ކިއުގައި އެތައް އިރަކު އުޅަނދުތައް އޮންނަކަމުގެ ޝަކުވާ ވެސް ކޮށްފައިވާ ކަމަށެވެ

"ގަވާއިދުގައި އޮންނަނީ ތިން މިނިޓު ވަންދެންނޭ އެ ތަނުގައި މަޑުކުރެވޭނީ. އެކަމަކު އެތައް އިރެއް ވަންދެން [ސެންޓަރުތަކާ ނުގުޅި ޓެކްސީ ދަތުރުކުރާ މީހުން] އޮންނާތީ އެ ތަނުން ދެން އެހެން އެއްޗަކަށް ޖާގައެއް ނުލިބޭ. މިކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ އެމްއޭސީއެލްއާ އެކު މިއަދު އެ ކަމަށް ވާހަކަ ދައްކާނަމޭ. ޓެކްސީ ކިއުއާ އިންވެގެން ޕްރައިވެޓް ހަޔާތައް ނުބާއްވާނެ ކަމަށް،" އޭނާ ބުންޏެވެ.

ސެންޓަރުތަކުގެ އަނެއް ކަންބޮޑުވުމަކީ ޓެކްސީތަކުގައި މީޓަރު ހަރުކުރުމުގެ މައްސަލަ އެވެ. އެކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވެފައި ވަނީ ޓެކްސީގައި މީޓަރު ހަރުކުރުމަށް ވަގުތު ބޭނުންވާ ކަމަށެވެ.

"މިނިސްޓަރު ވިދާޅުވީ މީޓަރު ހަރުކުރުމުގެ ދިރާސާތައް ކުރަމުންދާ ކަމަށް. ފަންނީ މީހުންނާއެކު އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި،" ޓެކްސީ ޑްރައިވަރުންނަަށް ދިމާވާ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގައި އިސްކޮށް އުޅޭ ޓެކްސީ ސެންޓަރެއްގެ ވެރިއަކު ވިދާޅުވި އެވެ.

އެހެންވެ، ޑްރައިވަރުން އެދުނީ ޓެކްސީގައި މީޓަރު ހަރުކުރެވެންދެން އަގުތައް މުރާޖައާ ކޮށްދޭށެވެ. އެކަމަކު، މިނިސްޓަރާ ހަވާލާދީ އޭނާ ބުނީ އެއީ ޕޮލިސީ ލެވެލެއްގައި ކުރިއަށް ގެންދަން ޖެހޭ މަޝްވަރާތަކެއް ކަމަށާއި ވަކި ގޮތެއް ނިންމުމަށް ފަހު އަންގާނެ ކަމަށެވެ.

"އަގު ބަދަލުކުރެވޭއޭ ނުކުރެވޭނެއެކޭ ވެސް [މިނިސްޓަރު] ނުބުނޭ. އަގުތައް ބޮޑުކޮށްދޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ވެސް ނުދޭ. އެކަމަކު މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވީ. އެ ގޮތަށް ނިންމާނީ ކޮން އިރަަކު ކަމެއް ވެސް އަދި ނާންގާ،" ޓެކްސީ ސެންޓަރުގެ އިސްވެރިޔާ ވިދާޅުވި އެވެ.

އެ މައްސަލައިގައި ޓެކްސީ ޑްރައިވަރުން މިހާރު ތިބީ މިއަދު ސަރުކާރު އޮފީސްތައް ބަންދުވާ ގަޑިއާ ހަމައަށް [މެންދުރު 2:00] މިނިސްޓްރީއަށް ވަގުތު ދީގެންނެވެ. އަގުތަކަށް ބަދަލު ނުގެންނަ ނަމަ، ޓެކްސީ ދަތުރުތައް ހުއްޓާލުމަށް ނުވަތަ އަގު ބޮޑުކޮށް ދަތުރުތައް ކުރާނީތޯ ނިންމާނީ ޑްރައިވަރުން ކަމަށް އެ ސެންޓަރުގެ ވެރިޔާ ވިދާޅުވި އެވެ.

"އަގު ބޮޑުކޮށް [ދަތުރުތައް] ކުރީމާ އެބަ އޮތް ޖޫރިމަނާއެއް. އެހެންވީމާ ޖޫރިމަނާ އިން ސަލާމަތްވާން އޮތް ފިޔަވަޅަކީ ވަގުތުން ހުއްޓާލުން. ޑްރައިވަރުން ނިންމާނީ ކުރިއަށް ދާނީތޯ ނޫނީ އަގު ބޮޑުކޮށް ކުރިއަށް ދާނީތޯ،" ޑްރައިވަރުން ކޮންމެ ގޮތަކަށް ނިންމިޔަސް ސެންޓަރުތަކުގެ ވެރިން އެކަމުގައި އެއްބާރުލުން ދޭނެކަން ފާހަގަކޮށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ބާޒާރުގައި ވެސް ތެލުގެ އަގު ބޮޑުވެފައިވާތީ، ޓެކްސީތަކުން މިހާރު ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުކޮށްދޭން އެދެމުން ދާއިރު އެ މީހުން ތިބީ ދަތުރުތައް ހުއްޓާލަން ވެސް ތައްޔާރަށެވެ.

ޓެކްސީ އަގުތައް ބޮޑުކުރަން ހުށަހަޅާފައިވާ ގޮތް:

- މާލޭގެ އެތެރޭގެ ދަތުރެއް- 30ރ.

- ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއްގެ އެތެރޭގެ ދަތުރުތައް - 25ރ.

- މާލެއިން ހުޅުމާލެ އަށް - 100ރ.

- މާލެ އާއި ހުޅުމާލެ އިން އެއާޕޯޓަށް - 80ރ.

- ހުޅުމާލޭގެ ފޭސް ދެއަކުން މާލެ އަށް - 120ރ.

- ހުޅުމާލޭގެ ފޭސް އެކަކުން ހުޅުމާލޭގެ ފޭސް ދެއަކަށް - 40ރ.

- މާލެ އާއި ހުޅުމާލެ އިން ސީޕްލޭން ޓާމިނަލަށް - 100ރ. - ހުޅުމާލޭގެ ފޭސް ދެއަކުން ސީޕްލޭން ޓާމިނަލަށް- 120ރ.

އެގޮތަށް އަގު ބޮޑުކުރަން ނިންމިޔަސް ރޭގަނޑު 12:00 އިން ހެނދުނު 6:00 އާ ހަމައަށް ކުރާ ޓެކްސީ ދަތުރުތަކުން އިތުރަށް ފަސް ރުފިޔާ ނަގަން ވަނީ ނިންމައިފަ އެވެ.

ޓެކްސީ ގަވާއިދު އޮންނަ ގޮތުން މިހާރު ކަނޑައަޅާފައިވާ އަގުތަކާ ހިލާފުވާ ފަރާތްތަކަށް ނަސޭހަތާއި އިންޒާރު ދޭންޖެހޭނެ އެވެ. އަދި ގަވައިދާ ހިލާފަށް ޓެކްސީގެ ހިދުމަތް ދިނުމަކީ ކުށެކެވެ. އެ ފަދަ ކުށެއް ކުރާ މީހުންނާއި ޓެކްސީ ސެންޓަރާއި ޑްރައިވަރުންގެ ފުރަތަމަ އަދަބަކީ ފުރަތަމަ ފަހަރަށް ނަމަ 500ރ. އަދި ދެ ވަނަ ފަހަރު ނަމަ 1،000ރ. އިން ޖޫރިމަނާކުރުމެވެ.