Roadha Mihaaru
ދުބާއީގެ ކުންފުންޏަކުން ރާއްޖޭގައި ޑިޖިޓަލް ބޭންކެއް

ދުބާއީގެ ކުންފުންޏަކުން ރާއްޖޭގައި ޑިޖިޓަލް ބޭންކެއް ހުޅުވަނީ

10 މާޗް 2022

ދުބާއީގެ ކުންފުންޏެއް ކަމަށްވާ މޯޖޭ ގްލޯބަލް ހޯލްޑިން ލިމިޓެޑުން ރާއްޖޭގައި ޑިޖިޓަލް ބޭންކެއް ހުޅުވަން އެމްއެމްއޭ އަށް މިއަދު ފޯމު ހުށަހަޅައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދުބާއީގެ ކުންފުންޏެއް ކަމަށްވާ މޯޖޭ ގްލޯބަލް ހޯލްޑިން ލިމިޓެޑުން ރާއްޖޭގައި ޑިޖިޓަލް ބޭންކެއް ހުޅުވަން އެމްއެމްއޭ އަށް މިއަދު ފޯމު ހުށަހަޅައިފި އެވެ.

"ޑިޖިޓަލް ބޭންކް އޮފް މޯލްޑިވްސް" (ޑީބީއެމް)ގެ ނަމުގައި ހުޅުވަން ހުއްދަ އަށް އެދުނު މި ބޭންކަކީ މޯޖޭގެ ފިންޓެކް ޕްރޮޖެކްޓުގެ ދަށުން ހުޅުވަން ހަމަޖެހިފައިވާ ބޭންކެކެވެ. އެ ބޭންކުގައި ހުރިހާ ކަމެއް ކުރާނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށެވެ.

މޯޖޭއިން ނެރުނު ބަޔާނެއްގައި ބުނީ އެ ބޭންކަކީ މުޅިން އޮޓަމޭޓެޑް ބޭންކަކަށް ވާތީ ހިދުމަތް ހޯދުމުގައި ނަގާ ވަގުތު ބޮޑުތަކުން ކުޑަ ކުރެވޭނެ ކަމަށެވެ. ބޭނުން ތަނެއްގައި ތިބެގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ބޭންކުގައި އެކައުންޓް ހުޅުވޭއިރު ލޯނަށް އެދުމާއި ޕޭމަންޓް ހެދުމާއި އެއް އެކައުންޓުން ގިނަ ބަޔަކަށް އެއްފަހަރާ ފައިސާ ޓްރާންސްފާ ކުރުން ފަދަ ހިދުމަތްތައް ވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކޮށްލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޑީބީއެމް ރާއްޖޭގައި ފަށާއިރު އެ ބޭންކުގައި ގިނަ ސެކިއުރިޓީ ފީޗާތަކެއް ވެސް އެކުލެވޭނެ ކަމަށް މޯޖޭއިން ބުންޏެވެ. އޭގެ ތެރޭގައި ބަޔޯމެޓްރިކާއި އައުޓް އޮފް ބޭންޑް އޮތެންޓިކޭޝަނާއި ޑިވައިސް މެނޭޖްމަންޓާއި ކާޑް ޓެކްނައިޒޭޝަނާއި ޑޭޓާ އެންކްރިޕްޝަނާއި ޓޫ ފެކްޓާ އޮތެންޓިކޭޝަން އަދި އޯޓީޕީ މެދުވެރިކޮށް ކޮންފަމޭޝަން މެސެޖާއި ފްރޯޑް އެނގޭ ސިސްޓަމާއި އީ ސޮއި ފަދަ ސެކިއުރިޓީ ފީޗާތައް ހިމެނޭނެ އެވެ.

އެ ކުންފުނިން ބުނީ މި ބޭންކުގެ ހިދުމަތްތައް ޔޫއޭއީއާއި ބްރެޒިލާއި އިންޑިއާ އަދި އެމެރިކާ ފަދަ މޯޖޭގެ ކުންފުނިތައް ހުންނަ ގައުމުތަކަށް ފުޅާ ކުރާނެ ކަމަށެވެ. މީގެ ސަބަބުން އަލަށް ވިޔަފާރި ފަށަން ބޭނުންވާ މީހުންނަށް ގިނަ ފައިދާތަކެއް ވާނެ ކަމަށާއި ހިދުމަތް ދޭނީ ރަނގަޅު އަގުތަކެއްގައި ކަމަށް ވެސް މޯޖޭއިން ބުންޏެވެ.

މީގެ އިތުރުން ސްވިސް ބޭންކާ އެކު ހެދޭ ޖޭވީއަކާ އެކު ޔޫރޯ އަދި ޑޮލަރު ލިބޭ ގޮތް ވެސް ހަދައިދޭނެ ކަމަށް މޯޖޭގެ ބަޔާނުގައި ބުންޏެވެ. އޭގެ ސަބަބުން ރާއްޖޭގައި މި ވަގުތު އޮޕަރޭޓް ކުރާ ބޭންކުތަކަށާއި ވިޔަފާރިތަކަށް ޑޮލަރު ހޯދުމުގައި ފަސޭހަވާނެ އެވެ.

މޯޖޭގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ރައުލް ސިލްވާ ވިދާޅުވީ ރާއްޖެއަކީ ކުރިއަރަމުން އަންނަ މާކެޓެއް ކަމަށް ވާތީ، ޓެކްނޮލޮޖީ ކުރިއެރިވަރަކަށް ކުރިމަގުގައި އިގްތިސާދަށް އޭގެ ފައިދާވާނެ ކަމަށެވެ. އަދި މޯޖޭއަކީ ޓެކްނޮލޮޖީ އާއި ފިންޓެކްގެ ދާއިރާގައި ކުރިއަރާފައިވާ ކުންފުންޏަކަށްވާއިރު ބޭންކިން އަދި ފައިނޭންސް އިންޑަސްޓްރީ އަށް އަންނަ ބަދަލުތައް ވަރަށް ރަނގަޅަށް އެނގޭ ކަމަށް އެ ބަޔާނުގައި އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ޑިޖިޓަލް ބޭންކެއް އުފައްދަން އެސްޓީއޯއިން ވެސް އެމްއެމްއޭ އަށް ފޯމު ހުށަހެޅި އެވެ. ނަމަވެސް އެ ބޭންކަށް ލައިސަންސް ނުދޭން އެމްއެމްއޭއިން ވަނީ ނިންމައިފަ އެވެ. އެ ބޭންކަށް އެސްޓީއޯއިން ދިން ނަމަކީ "އިވޯލްވް" އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، އެމްއެމްއޭގެ ބޯޑުން އެސްޓީއޯ އަށް ލައިސަންސް ނުދޭން މިދިޔަ ޖެނުއަރީ މަހު ނިންމީ ޓެކްނިކަލް އިވެލުއޭޝަނުން ފެއިލްވުމުން، ބޭންކިން ގާނޫނުގެ ދަށުންނެވެ.