Roadha Mihaaru
އިންޑިއާ އައުޓް ކެމްޕެއިނުގައި ބައިވެރިނުވާން އެދިއްޖެ

"އިންޑިއާ އައުޓް" ކެމްޕެއިނުގައި ރައްޔިތުން ބައިވެރިނުވާން ނަޝީދު އެދިވަޑައިގެންފި

11 މާޗް 2022

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ "އިންޑިއާ އައުޓް" ކެމްޕެއިން ހަރަކާތެއް މިއަދު އދ. މަހިބަދޫގައި ބާއްވަން ތައްޔާރުވަމުން އަންނައިރު، އެފަދަ އެއްވުންތަކުގައި ރައްޔިތުން ބައިވެރިނުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިއަދު މެންދުރު ކުރެއްވި ޓުވީޓެއްގައި ނަޝީދު ވިދާޅުވީ އިންޑިއާއާ ދެކޮޅަށް ޔަމީން ހިންގަވާ ހަރަކާތީ ރައްޔިތުންގެ ތާއިދު ނެތް، ދިވެހިންނަށް އޭގެ ގެއްލުން ލިބޭނެ ކަމެއް ކަމަށެވެ. މީގެ ކުރިން ވެސް އެކި ފަހަރު މަތިން ނަޝީދު އެހެން ވިދާޅުވެފައިވެ އެވެ.

"ޕީޕިއެމްގެ މެމްބަރުންގެ ކިބައިން ވަރަށް އިހުލާސްތެރިކަމާ އެކު އަޅުގަނޑު އެދެނީ ގައުމުތަކާ އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވެ ނުލެއްވުމަށް،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ދެކޮޅަށް، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ސިލްސިލާކޮށް ބާއްވަމުން އަންނަ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން މިއަދު މަހިބަދޫގައި ބާއްވާ ހަރަކާތަށް ޔަމީން އެ ރަށަށް ވަޑައިގެން، ވާހަކަދައްކަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ކ. ގުރައިދޫގައި ބޭއްވީ "އިންޑިއާ އައުޓް" ހަރަކާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަދައްކަވަނީ.-- ފައިލް ފޮޓޯ: ޕީޕީއެމް

ކ. ގުރައިދޫގައި ބޭއްވީ "އިންޑިއާ އައުޓް" ހަރަކާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަދައްކަވަނީ.-- ފައިލް ފޮޓޯ: ޕީޕީއެމް

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ޖަލު ހުކުމުން މިނިވަންވެވަޑައިގެންނެވި ފަހުން ޔަމީން ވަނީ "އިންޑިއާ އައުޓް" ހަރާކާތްތައް ވަރުގަދަކޮށް، އެ ކެމްޕެއިނަށް ވަރަށް ގިނަ ރަށްރަށް މީގެ ކުރިން ވެސް ވަޑައިގެންފަ އެވެ. އެ ހަރަކާތްތަކުގައި ޔަމީން ތަކުރާރުކޮށް ވިދާޅުވަމުން ދަނީ، އިންޑިއާ ސިފައިންނަށް ޖެހޭނީ ރާއްޖެއިން ފައިބަން ކަމަށެވެ.

ސަރުކާރާއި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ވަނީ އިންޑިއާއާ ދެކޮޅަށް ހިންގާ ހަރަކާތް ކުށްވެރިކޮށްފަ އެވެ. ސަރުކާރުން ތުހުމަތުކުރަނީ އެ ހަރަކާތަކީ އިންޑިއާ އާއި ރާއްޖެ ގުޅިގެން މަސްތުވާތަކެތީގެ ވިޔަފާރީ ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތަށް ހުރަސްއެޅުމުގެ ގޮތުން ހަރުކަށި ބަޔަކު އަޑީގައި ތިބެގެން ކުރަމުންދާ ކަމެއް ކަމަށެވެ.

ސަރުކާރުގެ މައި ޕާޓީ އެމްޑީޕީން ވަނީ ސީދާ އެ ހަރަކާތް ހުއްޓުވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅަން ވެސް ނިންމައިފަ އެވެ. އެ ބިލުގެ މަސައްކަތް ނިމުނު ފަހުން، އެ ޕާޓީގެ ތެރޭގައި އެ ބިލާ މެދު ހިޔާލު ތަފާތުވުންތައް ބޮޑުވުމާއި ޕާޓީގެ ޕީޖީ ގްރޫޕުގެ ވެރިން ވެސް ބަދަލުވުމުން އެ ބިލު މަޖިލީހަށް ހުށަހެޅުން ވަނީ ފަސްކޮށްފަ އެވެ.