Roadha Mihaaru
އައްޑު އަށް ވެސް "އިންޑިއާ އައުޓް"

އައްޑު އަށް ވެސް "އިންޑިއާ އައުޓް"

24 ޑިސެމްބަރ 2021

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިން އައްޑޫ މީދޫގައި މިއަދު ކުރިއަށް ގެންގޮސްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިން އައްޑޫ މީދޫގައި މިއަދު ކުރިއަށް ގެންގޮސްފި އެވެ.

މިއަދު ހަވީރު ފޭދޫގައި ބޭއްވި މުޒާހަރާގައި ގިނަ ބަޔަކު ބައިވެރިވެ އެ މީހުން ވަނީ އައްޑޫގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައިފަ އެވެ.

ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވީ އައްޑޫގައި މި ހަރަކާތް ބޭއްވީ ޕީޕީއެމް ފޭދޫ ސްޓިރިއަން ކޮމިޓީން އިސްނަގައިގެން ކަމަށެވެ.

އިންޑިއާގެ އެހީގައި ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކުގެ ތެރެއިން އެންމެ ބޮޑު އެއް ޕްރޮޖެކްޓް ކަމަށްވާ ޕޮލިސް އެކެޑަމީ ހަދަނީ އައްޑޫގަ އެވެ. އެއީ އިންޑިއާގެ 18 މިލިއަން ޑޮލަރުގެ ހިލޭ އެހީގައި 2017 ވަނަ އަހަރު ހަދަން ފެށި ތަނެކެވެ. އިންޑިއާއާ ދެކޮޅަށް އަޑު އުފުލާއިރު މި އެކެޑަމީގެ ވާހަކަ ވެސް އިދިކޮޅުން ދައްކަ އެވެ.

އިދިކޮޅުން "އިންޑިއާ އައުޓް" ކެމްޕޭން އަތޮޅުތަކުގެ ތެރޭގައި ފަށައި މިދިޔަ ހޮނިހިރު ދުވަހު ވަނީ ހއ. ބާރަށުގައި ވެސް މުޒާހަރާ ކޮށްފަ އެވެ. އަދި މި ކެމްޕޭނަށް އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ކ. ގުރައިދު އާއި ތުލުސްދޫ އަދި ފ. ނިލަންދޫ އަށް ވެސް ވަޑައިގެންފަ އެވެ.

އިއްޔެ ނިލަންދޫ އަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ޔާމީން ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އިންޑިއާ އިން ނުފޫޒުފޯރުވި ކަމަށް ތުހުމަތުކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ އަށް "އިންޑިއާ ދޫކޮށް ނުލެވިގެން އުޅެނީ" އެމަނިކުފާނުގެ ވެރިކަން ބަދަލުކުރަން، 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު ހުކުމާ ހަމައިން ކަމަށެވެ.

އިންޑިއާއާ ދެކޮޅަށް އިދިކޮޅުން ހިންގާ މި ހަރަކާތް މިހާރު ކުރިއަށް ގެންދާ ގޮތަށް ކުރަން ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވަނީ މިދިޔަ ހަފުތާގައި ވިދާޅުވެފަ އެވެ. އަދި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ގެންދަވަނީ "އިންޑިއާ އައުޓް" އަކީ އަސްލެއް ނެތް އަދި ނަފުރަތު އުފެއްދުމުގެ ހަރަކާތެއް ކަމަށް ސިފަކުރަމުންނެވެ.