Roadha Mihaaru
އައިއެސް އަށް އާ ލީޑަރަކު ހަމަޖައްސައިފި

އައިއެސް އަށް އާ ލީޑަރަކު ހަމަޖައްސައިފި

11 މާޗް 2022

ބަޣުދާދު (މާޗް 11) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫ އިބްރާހިމް އަލް ގުރައިޝީ މަރުވެފައިވާކަން ޔަގީންކޮށްދިނުމަށް ފަހު އެ ޖަމާއަތަށް އާ ލީޑަރަކު ހަމަޖައްސައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބަޣުދާދު (މާޗް 11) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫ އިބްރާހިމް އަލް ގުރައިޝީ މަރުވެފައިވާކަން ޔަގީންކޮށްދިނުމަށް ފަހު އެ ޖަމާއަތަށް އާ ލީޑަރަކު ހަމަޖައްސައިފި އެވެ.

އައިއެސް އިން ޕޯސްޓްކުރި އޮންލައިން މެސެޖެއްގައި ވަނީ އެ ޖަމާއަތުގެ އާ ޚަލީފާ އަކީ އަބޫ އަލް ހަސަން އަލް ހާޝިމީ އަލް-ގުރައިޝީ ކަމަށެވެ. އާ ލީޑަރާ ބެހޭ އިތުރު ތަފްސީލް ދީފައެއް ނުވެ އެވެ. ކުރީގެ ލީޑަރު އަބޫ އިބްރާހިމް އަލް ގުރައިޝީ މަރާލި ގޮތަކާއި އޭނާ މަރާލި ތަނަކާ ބެހޭ މައުލޫމާތު ވެސް ހާމަކޮށްފައެއް ނުވެ އެވެ.

އެމެރިކާ އިން ބުނެފައި ވަނީ އަލް ގުރައިޝީ އަމިއްލަ އަށް ގޮއްވާލައިގެން މަރުވެފައި ވަނީ ސީރިއާގައި އޭނާ ފިލައިގެން އުޅުނު ތަނަށް އެމެރިކާގެ ޚާއްސަ ސިފައިން ވަދެ އޭނާ އަތުލައިގަންނަން އުޅުމުން ކަމަށެވެ. ގުރައިޝީ މަރުވީ ފެބްރުއަރީ 3 ވަނަ ދުވަހު އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެފައި ވަނީ ގުރައިޝީ މަރުވުމަކީ ޓެރަރިޒަމްގެ ބޮޑު ބިރަކުން ދުނިޔެ ސަލާމަތްވުން ކަމަށެވެ.

އައިއެސްގެ އާ މެސެޖް ހާމަކޮށްފައި ވަނީ އެ ޖަމާއަތުގެ ތަރުޖަމާން އަބޫ އުމަރު އަލް މުހައިޖިރު މެދުވެރިކޮށެވެ. އޭނާ ބުނެފައިވާ ގޮތުގައި ކުރިން ތަރުޖަމާނުގެ މަގާމުގައި ހުރި އަބޫ ހަމްޒާ އަލް ގުރައިޝީ ވެސް ވަނީ މަރުވެފަ އެވެ.

މުހައިޖިރު ބުނީ އައިއެސްގެ އާ ލީޑަރުގެ އަސްލު ނަން ހާމަނުކުރާނެ ކަމަށެވެ. ނަމަވެސް އައިއެސް އަށް ތަބާވާ މީހުން އޭނާ އަށް ބައިއަތު ހިފުމަށް ގޮވާލި އެވެ.

އަޑުތައް ފެތުރިފައިވާ ގޮތުން އައިއެސްގެ އާ ލީޑަރަކަށް ވާނީ އިރާގުގެ ރައްޔިތެއް ކަމަށްވާ ބަޝަރު ޚައްތާބު އަލް ސުމައިދައި އެވެ.

އައިއެސް އިން އެއްޒަމާނެއްގައި ވަނީ އިރާގުގެ އިރުން ފެށިގެން ސީރިއާގެ ހުޅަނގާ ހަމައަށް 88،000 އަކަ ކިލޯމީޓަރު (34،000 އަކަ މޭލު) ގެ ސަރަހައްދެއް ހިފައިފަ އެވެ. އަދި އެ ޖަމާއަތުގެ އަނިޔާވެރި ބާރުވެރިކަން އަށް މިލިއަން މީހުންގެ މައްޗަށް ހިންގި އެވެ. ނަމަވެސް އައިއެސް އިން އެންމެ ފަހުން ބާރުގަދަކޮށްފައިވާ ސަރަހައްދުން 2019 ވަނަ އަހަރު ވަނީ ނެރެލައިފަ އެވެ. އދ. އިން ލަފާކުރާ ގޮތުގައި އެ ޖަމާއަތުގެ މެންބަރުންގެ ގޮތުގައި އަދިވެސް 6،000- 10،000 އާ ދެމެދުގެ ހަނގުރާމަވެރިން އިރާގާއި ސީރިއާގައި އުޅޭނެ އެވެ.