Roadha Mihaaru
އިރާގު ތެރެއިން ސީރިއާއަށް ވަރުގަދަ ހަމަލާއެއް

އިރާގު ތެރެއިން ސީރިއާއަށް ވަރުގަދަ ހަމަލާއެއް

22 އެޕްރީލް 2024

ސީރިއާގައި ތިބޭ އެމެރިކާގެ އަސްކަރީ އިއްތިހާދުގެ މަރުކަޒަކަށް އިރާގު ތެރެއިން އިއްޔެ ރޮކެޓްގެ ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.

ސީރިއާގައި ތިބޭ އެމެރިކާގެ އަސްކަރީ އިއްތިހާދުގެ މަރުކަޒަކަށް އިރާގު ތެރެއިން އިއްޔެ ރޮކެޓްގެ ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.

އިރާގުގެ އުތުރުގެ ސަރަހައްދަކުން އައި މި ހަމަލާތަކަކަކީ މި ފަހުން އެމެރިކާގެ އަސްކަރީ އިއްތިހާދަށް އަމާޒުކޮށް ހަމަލާތައް އިތުރުވި ފަހުން ދިން އެންމެ ވަރުގަދަ އެއް ހަމަލާ އެވެ. އެކަމަކު ހަމަލާގައި ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނޭނގެ އެވެ.

މި ހަމަލާޔާ ގުޅިގެން އިރާގު ސިފައިން ހިންގި ފާސްކުރުމުގެ ބޮޑު އޮޕަރޭޝަނެއްގައި ވަނީ ހަމަލާ ދޭން ބޭނުންކުރި ވެހިކަލް ހޯދާފައި ކަމަށް އަސްކަރިއްޔާއިން ނެރުނު ބަޔާނުގައި ބުންޏެވެ.

ސީރިއާ ތެރެއަށް ހަމަލާ ދީފައި މި ވަނީ އިޒްރޭލަށް އީރާނުން ދިން ހަމަލާގެ ބަދަލު ހިފުމަށް އިޒްރޭލުން ދިން ކަމަށް ބުނާ ހަމަލާގެ ވެސް ފަހުންނެވެ. އެހެންވެ ފަަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ސަރަހައްދުގެ އެހެން ގައުމުތަކުގައި ވެސް ނުތަނަވަސްކަން ބޮޑުވެ ހަމަނުޖެހުންތައް އިތުރުވާނެ ކަމުގެ ބިރު އިތުރަށް ވަނީ ބޮޑުވެފަ އެވެ.

އިރާގުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނުގައި ބުނީ އިރާގު ގަޑިން ރޭގަނޑު 9:50 ހާއިރު ދިން ހަމަލާ އަކީ އިރާގުގައި މަނާކޮށްފައިވާ ހަނގުރާމަވެރި ޖަމާއަތެއްގެ އަމަލެއް ކަމަށް ބެލެވޭ ކަމަށެވެ. އެ ބަަޔާނުގައި ބުނީ ހަމަލާ ދޭން ބޭނުންކުރި ކަމަށް ބެލެވޭ ވެހިކަލް މިހާރު ވާނީ އަންދާލާފައި ކަމަށެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްގެ ޑިރެކްޓަރު ރާމީ އަބްދުއްރަހްމާން ވިދާޅުވީ ސީރިއާގައި އެމެރިކާ ސިފައިން ތިބޭ މަރުކަޒަކަށް ހަމަލާދިނީ އިރާނުން އެހީވާ ކަމަށް ތުހުމަތުކުރެވޭ "އިސްލާމިކް ރެސިސްޓެންސް އިން އިރާގް" އިން ކަމަށެވެ. މިއީ މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން މި އަހަރުގެ ފެބްރުއަރީ މަހާ ދެމެދު އެމެރިކާ ސިފައިންނަށް ދިން ހަމަލާތަކުގެ ޒިންމާ ވަރަށް ގިނަ ފަހަރު ނަގާފައިވާ ޖަމާއަތެކެވެ.

އެމެރިކާ ސިފައިންނަށް އަމާޒުކުރާ ހަމަލާތައް ގިނަވުމާ އެކު މެދުއިރުމަތީގައި އެމެރިކާ ސިފައިން އިތުރުކުރި ފަހުން ހަަމަލާތައް އޮތީ ހުއްޓުމަކަށް އައިސްފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ވެސް އިރާގުގެ އަސްކަރީ މަރުކަޒެއްގައި ބާރުގަދަ ގޮވުމެއް ގޮވާފައިވެ އެވެ.

ޖޯޑަންގައި ހުންނަ އެމެރިކާ ސިފައިންގެ މަރުކަޒަކަށް ޖެނުއަރީ މަހު 28 ގައި ދިން ޑްރޯން ހަމަލާއެއްގައި އެމެރިކާ ސިފައިންގެ ތިން މީހަކު މަރު ވެސް ވެފައިވެ އެވެ.

އިސްލާމިކް ސްޓޭޓް ގްރޫޕް (އައިއެސް) އާ ދެކޮޅަށް 2014 ވަނަ އަހަރު އުފެއްދި ބައިނަލްއަގްވާމީ ކޯލިޝަނެއްގެ ތެރެއިން އިރާގުގައި އެމެރިކާގެ ގާތްގަނޑަކަށް 2،500 ސިފައިން ތިބިއިރު ސީރިއާގެ ބޯޑަރު ސަރަހައްދުގައި ގާތްގަނޑަކަށް 900 ސިފައިން ތިބެ އެވެ. -- އޭއެފްޕީ