Roadha Mihaaru
ޓެކްސީ މީޓަރު ހަރުކުރަން އެންމެން ވެސް ބޭނުންވޭ!

ޓެކްސީ މީޓަރު ހަރުކުރަން އެންމެން ވެސް ބޭނުންވޭ، ވަރަށް އަވަހަށް ފަށާނަން: ޓްރާންސްޕޯޓް

16 މެއި 2024

ޓެކްސީތަކުގައި މީޓަރު ހަރުކުރުމަށް ހުރިހާ ފަރާތްތަކުން ވެސް އެދޭ ކަމަށާއި އެ ހިދުމަތް ވަރަށް އަވަހަށް ތައާރަފް ކުރާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ޓެކްސީތަކުގައި މީޓަރު ހަރުކުރުމަށް ހުރިހާ ފަރާތްތަކުން ވެސް އެދޭ ކަމަށާއި އެ ހިދުމަތް ވަރަށް އަވަހަށް ތައާރަފް ކުރާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފި އެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ނައިބު އަލީ މުހައްމަދު ރޭ ވިދާޅުވީ، މީޓަރު ހަރުކުރުމުގެ މަސައްކަތަކީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.

އެކަން ކުރުމަށްޓަކައި ދިރާސާއެއް ކުރެވި، އެ ދިރާސާގެ އަލީގައި ކަމާގުޅޭ ފަރާތްތަކާ ބައްދަލުކޮށް ހޯދުންތައް ހިއްސާކުރެެވިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިގޮތުން ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ އެޕްތައް ގެންގުޅޭ ފަރާތްތަކާއި ޓެކްސީ ސެންޓަރުތަކާއެކު ބައްދަލުކުރެވިފައިވާ ކަމަށާއި އެ ފަރާތްތަކުގެ އެއްބާރުލުން ވެސް މިކަމަށް ލިބެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެއީ އެ ފަރާތްތަކުގެ އިތުރުން އާންމުންނާއި ސަރުކާރުން ވެސް ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށާއި ޓެކްސީ ހިދުމަތަށް ދިމާވެފައިވާ މައްސަލައަށް މީޓަރު ހަރުކުރެވުމުން ޖުމްލަ ހައްލެއް ލިބިގެން ދާނެ ކަމަށެވެ.

ވަކި މުއްދަތެއް ވިދާޅުވިނުވިނަމަވެސް، މި ހިދުމަތް ވަރަށް ރަނގަޅު ފެންވަރެއްގައި ވަރަށް އަވަހަށް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓެކްސީ މައްސަލަ ހައްލުކުރުމަށް މީގެ ކުރިން ވެސް މީޓަރު ހަރުކުރުން ލާޒިމްކޮށް، ގަވައިދު ވެސް އެކުލަވާލި އެވެ. ނަމަވެސް އެކަމުގައި އަމަލީ ސިފަ ޖެހިފައެއްނުވެ އެވެ.