Roadha Mihaaru
ސަލާހާ ބެހޭގޮތުން ދައްކާ ވާހަކަތައް ކްލޮޕް ދޮގުކޮށްފި

ސަލާހާ ބެހޭގޮތުން ދައްކާ ވާހަކަތައް ކްލޮޕް ދޮގުކޮށްފި

25 ޑިސެމްބަރ 2020

ލިވަޕޫލް (ޑިސެމްބަރު 25) - ލިވަޕޫލްގައި މުހައްމަދު ސަލާހު ހުރީ ހިތްހަމަނުޖެހިފައި ކަމަށް ބުނެ އޭނާއާ އެކު މިސްރު ޓީމަކަށް ކުޅުނު ކުޅުންތެރިއަކަށް ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވާ ވާހަކަތަކުގައި ހުރީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ލިވަޕޫލް (ޑިސެމްބަރު 25) - ލިވަޕޫލްގައި މުހައްމަދު ސަލާހު ހުރީ ހިތްހަމަނުޖެހިފައި ކަމަށް ބުނެ އޭނާއާ އެކު މިސްރު ޓީމަކަށް ކުޅުނު ކުޅުންތެރިއަކަށް ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވާ ވާހަކަތަކުގައި ހުރީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ދާދި ފަހުން ސްޕެއިނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ސަލާހު ވަނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު ފަހު މެޗުގައި ލިވަޕޫލްގެ ކެޕްޓަން ބޭންޑް އޭނާ އަށް ނުދިނުމުން ހައިރާންކަމެއް ލިބުނު ކަމަށް ބުނެފަ އެވެ. އޭގެ ފަހުން ދެން މީޑިއާގައި ދެކެވުނު އަނެއް ވާހަކަ އަކީ ލިވަޕޫލުން މި ސީޒަނަށް ފަހު ސަލާހު ވިއްކާލަން ނިންމާފައިވާ ވާހަކަ އެވެ. އެ ގޮތަށް ސަލާހު ވެސް ބޭނުންވަނީ އޭނާ އެ ޓީމުގައި ހުރީ ހިތްހަމަނުޖެހިފައި ކަމަށްވާތީ ކަމަށް ވެސް ވާހަކަތައް ފެތުރުނެވެ..

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ލިވަޕޫލްގެ ފަރިތަކުރުންތަކުގެ ފޮޓޯތަކުން ފެންނާނީ ސަލާހު ހިނިތުންވެފައި ހުރި މަންޒަރު ކަމަށާއި ކޯޗެއްގެ ގޮތުގައި އޭނާ އެންމެ ބޭނުންވަނީ ކުޅުންތެރިޔާ ފިޓްކޮށް މެޗުތަކަށް ތައްޔާރުވެ ހުރުން ކަމަށެވެ.

"މި ބުނި ހުރިހާ ކަމެއް ސަލާހުގެ ކިބައިން އެބަ ފެނޭ. ދެން އަހަރެން ނުބުނާނަން މީޑިއާގައި ދައްކަންވީ ވާހަކަތަކެއް. މީޑިއާގައި ލިޔަންވީ އެއްޗެއް. އެއީ ތި މީހުންގެ ކަމެއް. ހަގީގަތަކީ އެ ދެކެވޭ ވާހަކަތަކުގައި އަސްލު އޮތީ ކިހާވަރަކަށްތޯ ނޭގުން. މި ވަގުތަށް އަހަރެންގެ ޝައުގުވެރިކަމެއް ނެތް އެކަމަށް،" ލީގުގައި އާދިއްތަ ދުވަހުގެރޭ ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކްލޮޕް ބުންޏެވެ.

ލިވަޕޫލުން އެންމެ ފަހުން ކުޅުނު މެޗުގައި ސަލާހު ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ކްރިސްޓަލް ޕެލަސް އަތުން 7-0 އިން ލިވަޕޫލް މޮޅުވި މެޗުގައި ދެ ވަނަ ހާފްގައި ކުޅެން އަރައި ސަލާހު ވަނީ ދެ ގޯލު ޖަހައި އެއް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ސަލާހަކީ މި ފަހަރު ޕްރިމިއާ ލީގުގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ.

އުމުރުން 28 އަހަރުގެ ސަލާހު ގެންދަން ސްޕެއިނުގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑުން ބޭނުންވި ނަމަވެސް މި ސީޒަނަށް ފަހު އެކަން ނުކުރެވޭނެ ކަމަށް ސްޕެއިނުގެ ފުޓްބޯޅަ ތަޖުރިބާކާރުން ބުނެ އެވެ. އެއީ މާލީ ގޮތުން ބަލާއިރު ރެއާލާއި ބާސެލޯނާ އޮތީ ކޮވިޑް-19ގެ ސަބަބުން ވަރަށް އުނދަގޫ ފައްތަރެއްގައި ކަމަށްވާތީ އެވެ.