Roadha Mihaaru
ސަލާހަށް ޕްރެޝަރުކުރަނީ މީޑިއާ އިން: ކްލޮޕް

ސަލާހަށް ޕްރެޝަރުކުރަނީ މީޑިއާ އިން: ކްލޮޕް

27 އޮކްޓޯބަރ 2018

ލިވަޕޫލް (އޮކްޓޫބަރު 27) - ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހު ގިނަ ލަނޑު ޖަހަން ޕްރެޝަރުކުރަނީ މީޑިއާ އިން ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލިވަޕޫލް (އޮކްޓޫބަރު 27) - ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހު ގިނަ ލަނޑު ޖަހަން ޕްރެޝަރުކުރަނީ މީޑިއާ އިން ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

މިދިޔަ ސީޒަނުގައި ރޯމާ ދޫކޮށް ލިވަޕޫލަށް ބަދަލުވެ ސަލާހު ވަނީ ފުރަތަމަ ސީޒަނުގައި 44 ގޯލު ޖަހައިފަ އެވެ. ހަތަރު މެޗަށް ފަހު ސަލާހު ވަނީ މިދިޔަ ހަފްތާގައި ޕްރިމިއާ ލީގުގައި ހަޑްސްފީލްޑް ޓައުން ކޮޅަށް ލަނޑު ޖަހައިފަ އެވެ. އަދި އޭގެ ފަހުން ޗެމްޕިއަންސް ލީގުގައި ރެޑްސްޓާ ބެލްގްރޭޑް ކޮޅަށް ދެ ގޯލު ޖެހި އެވެ.

ރެޑްސްޓާ ކޮޅަށް ޖެހި ދެ ގޯލާ އެކު ސަލާހު ވަނީ ލިވަޕޫލަށް 50 ގޯލު ހަމަކޮށްދީފަ އެވެ. އޭނާ އަކީ ލިވަޕޫލް ތާރީހުގައި އެންމެ މަދުން މެޗު ކުޅެގެން އެ އަދަދަށް ގޯލު ޖެހި ކުޅުންތެރިޔާ އެވެ.

ކްލޮޕް ބުނީ ސަލާހުގެ ފޯމާ މެދު އެއްވެސް އިރެއްގައި ކަންބޮޑުނުވާ ކަމަށެވެ.

"އަހަރެން ސަލާހަށް ވަކި ކަމެއް ޕްރެޝަރު ނުކުރަން. ލަނޑު ނުޖެހޭތީ ވެސް ސަލާހަށް ޕްރެޝަރު އަންނަނީ މީޑިއާގެ ފަރާތުން. އެއީ މިދިޔަ ސީޒަނެކޭ އެއްގޮތަށް އަހަންނަށް ފެނޭ ސަލާހު މަސައްކަތް ކުރާތަން. އަހަރެން އުއްމީދުކުރަން އެންމެ ފަހުން ދެ މެޗަށް ފަހު އެ ޕްރެޝަރު މިހާރު ކުޑަވާނެ ކަމަށް،" ކްލޮޕް ބުންޏެވެ.

ފަހަކަށް އައިސް ލަނޑު ޖެހުމަށް ފަހު ސަލާހު އެހާ ބޮޑަށް އުފާފާޅުނުކުރާތީ އިނގިރޭސި މީޑީއާގައި އަޑުފެތުރުނީ ސަލާހުގެ ހިތްހަމަ ނުޖެހުންތަކެއް ހުރި ކަމަށެވެ. އެކަމަކު ކްލޮޕް ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

"އަހަރެން އިނގިރޭސި ގިނަ ނޫސްތައް ނުކިޔާ ސަބަބަކީ ހަގީގަތަށް ވުރެ ގިނަވާނީ ވާހަކަތައް. ސަލާހު ހުރީ ވަރަށް އުފަލުން. އެއްވެސް މައްސަަލައެއް ނެތް،" ކްލޮޕް ބުންޏެވެ.

ލީގުގައި މިރޭ ލިވަޕޫލް އަމިއްލަ ދަނޑުގައި ނުކުންނާނީ ކާޑިފް ސިޓީއާ ދެކޮޅަށެވެ. މިރޭގެ މެޗުން މޮޅުވެގެން ލިވަޕޫލަށް ލީގުގެ އެއް ވަނަ އަށް އެރޭނެ އެވެ. އަދި އޭގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީހީ ރެކޯޑެއް ހެދުމުގެ ފުރުސަތު ވެސް ލިވަޕޫލަށް އެބައޮތެވެ. އެއީ އަމިއްލަ ދަނޑުގައި ލީގުގައި ޖެހިޖެހިގެން ގޯލެއް ނުވައްދާ 10 މެޗު ހަމަކޮށްގެންނެވެ. މި ރެކޯޑް މިހާރު އޮތީ ނުވަ މެޗާ އެކު މެންޗެސްޓާ ޔުނައިޓެޑް އަތުގަ އެވެ.

ލިވަޕޫލާއި ކާޑިފް ކުޅޭ މެޗު ފަށާނީ ރާޢްޖެ ގަޑިން ހަތެއް ޖަހާއިރު އެވެ.